ހިއުމަން ރައިޓްސް ކޮމިޝަނުން ސ.ހިތަދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

18 އޯގަސްޓު 2022

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

(PR)168-A/168/2022/12

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާއި، މުއައްޒަފުން، އަދި ބަންދުގައި ތިބި ފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2022 އޮގަސްޓް 14 އިން 15 އަށް  ކުރި މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމާއި ބަންދުގައިތިބޭ 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. އަދި މީގެ އިތުރުން ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. ހަމައެއާއެކު ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތަކާއި، ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ވެސް ވަނީ މި ޒިޔާރަތުގައި ދެނެގަނެވިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މި ޕޮލިސް ސްޓޭޝަނަށް ކުރި 7 ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2017 ވަނަ އަހަރު ވަނީ ފޮލޯއަޕް ޒިޔާރަތެއް ކޮށްފައެވެ.