ހިއުމަން ރައިޓްސް ކޮމިޝަނުން ސ.ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

18 އޯގަސްޓު 2022

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

(PR)168-A/168/2022/13

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ސ.ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ސ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ އިސްވެރިންނާއި، މުއައްޒަފުން، އަދި ދައުލަތުގެ ބެލުމުގެދަށުން ބަލަހައްޓާ ކުދިންނާ ބައްދަލުކޮށްފައިވެއެވެ.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2022 އޮގަސްޓް 17 އިން 18 އަށް ކުރި މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، މި ސެންޓަރުގައި ދައުލަތުގެ ބެލުމުގެދަށުން ބަލަހައްޓާ ފަރާތްތަކާދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންގެންދާ ކުދިންނަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދީފައިވާ އަދި ކަށަވަރުކޮށްދިނުމަށް ބަޔާންކޮށްފައިވާ ޙައްޤުތައް ސ. އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިންނަށް ކަށަވަރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް ދެނެގަތުމެވެ. އަދި މީގެ އިތުރުން މި ސެންޓަރުގެ މާއްދީ އަދި ޢާއްމު ޙާލަތާއި، މި ސެންޓަރުގައި ދައުލަތުގެ ބެލުމުގެދަށުން ބަލަހައްޓާ ކުދިންނާއި މުވައްޒަފުންގެ އާއްމު ޙާލަތު ދެނެގަތުމާއި އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅާފައިވާ އަދި އަޅަމުންގެންދާ ފިޔަވަޅުތަކާއި ކުރިއަށްގެންދާ މަސައްކަތްތައް ދެނެގަތުން ހިމެނެއެވެ. ހަމައެއާއެކު މި ސެންޓަރުގައި ބަލަހައްޓާ ކުދިންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެމުންދާގޮތް ދެނެގަތުމާއި، މި ކުދިންގެ ތެރެއިން ޚާއްޞަ ރައްކާތެރިކަން އިތުރަށް ބޭނުންވާ ކުދިންނަށް ޚިދުމަތްތައް ފޯރުކޮށްދެމުންގެންދާގޮތް ދެނެގަތުމާއި، މި ސެންޓަރުގައި ބަލަހައްޓަމުންގެންދާ ކުދިންނަށް ފޯރުކޮށްދިނުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުނގެނުމާއި، ރިހެބިލިޓޭޝަން އަދި މުޖްތަމަޢުއަށް ރުޖޫޢަކުރުމަށް (ރީއިންޓަގްރޭޝަން) ކުރަމުންގެންދާ މަސައްކަތްތައް ދެނެގަތުމާއި އެ ކަންކަން ކުރުމަށް އެކަށޭނަ ބަޖެޓާއި ފަންނީ އަދި އެހެނިހެން ޤާބިލް މުވައްޒަފުންނާއި ވަޞީލަތްތައް ޤާއިމްކުރެވިފައިވާ ގޮތާއި ކުދިން އަނބުރާ މުޖްތަމަޢުއަށް ނުވަތަ އާއިލާއަކަށް ގެންދިއުމަށްފަހު އެކުދިންނަށް ދެމުންގެންދާ އެހީތެރިކަން ވެސް ވަނީ ދެނެގަނެވިފައެވެ.
މީގެ އިތުރުން، ދައުލަތުގެ ބެލުމުގެދަށުން ސ. އެފް.ސީ.އެސް.ސީގައި ކުދިން ބަލަހައްޓަމުންގެންދަނީ ކުދިން ބެލެހެއްޓުމަށް އެކަށޭނަ މާޙައުލެއްގައިކަމާއި މި މާޙައުލަކީ، އެ ކުދިންގެ އިންސާނީ ކަރާމާތާއި، ޖިސްމާނީ އަދި ނަފްސާނީ ޝަޚްޞް ނެގެހެއްޓުމާއެކު ކުދިންނަށް އިޙްތިރާމާއި ޤަދަރު ލިބިގެންވާ މާޙައުލެއްކަން ދެނެގަތުމާއި، މި ސެންޓަރުގައި ކުދިންގެ އާއިލީ ގުޅުންތައް ދެމެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތާއި ތިބޭ ކުދިންނަށް ދިމާވާ އެކި ކަންކަމުގައި ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންގެންދާގޮތާއި ޤާނޫނީ އެހިތެރިކަން ހޯދުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދީފައިވާ މިންވަރު ވެސް ވަނީ ދެނެގަނެވިފައެވެ. އަދި މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމާއިއެކު ސެންޓަރުގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށާއި ދިމާވަމުންދާ ދަތިތައް ޙައްލުކުރުމަށް ކުރަމުންގެންދާ އަދި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ވަނީ ދެނެގަނެވިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ސ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށްކުރި ފުރަތަމަ ޒިޔާރަތެވެ.