ހިއުމަން ރައިޓްސް ކޮމިޝަނުން މާލެ ޕޮލިސް ކަސްޓޯޑިއަލްއަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މާލެ ޕޮލިސް ކަސްޓޯޑިއަލްއަށް 2021 އޮކްޓޫބަރު 13 ގައި މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، މާލެ ޕޮލިސް ކަސްޓޯޑިއަލްގެ ބަންދުގައި ތިބި މީހުންނާ މެދު ޢަމަލު ކުރެވޭގޮތާއި، ތަނުގެ ޢާންމު ޙާލަތާއި، މި ކަސްޓޯޑިއަލްގައި ބަންދު މީހުންނާމެދު ހިނގާފާނޭ އެއްވެސް އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، އެފަދަ ޢަމަލަކަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ ބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013) އާއި ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން މި ސްޓޭޝަންގައި ޚިދުމަތް ފޯރުކޮށްދޭތޯ ބެލުމެވެ. އަދި ހަމަމިއާއެކު، މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، މިފަދަ މާޙައުލެއްގައި މަސައްކަތްކުރާއިރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިދޭތޯއާއި މި ޕޮލިސް ކަސްޓޯޑިއަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއްމު ޙާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައްވެސް މިޒިޔާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އަދި ކޯވިޑް-19 ގެ ޙާލަތުގައި މިފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަންދުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެނެގަތުމަކީވެސް މި ޒިޔާރަތުގެ އެއް މަޤްޞަދެވެ. މާލެ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް ދިވެހި ފުލުހުންގެ ޚިދުމަތާއި، ރައީސުލްޖްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާޢިދުން ފޮލޯ-އަޕް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މި ޒިޔާތަރަކީ ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މާލެ ޕޮލިސް ކަސްޓޯޑިއަލްގެ މި ސްޓޭޝަނަށް ކުރާ 9 ވަނަ ޒިޔާރަތެވެ. މާލެ ޕޮލިސް ކަސްޓޯޑިއަލްއަށް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އިން 2017 އެޕްރީލް 20 ވަނަ ދުވަހު ފޮލޯއަޕް ޒިޔާރަތެއްކޮށް، ފާހަގަކުރެވުނު ކަންކަން އިސްލާޙުކުރުމަށް އެ އިދާރާއަށް ހުށަހަޅާފައިވާނެއެވެ.