ހިއުމަން ރައިޓްސް ކޮމިޝަނުން މާލެ ޖަލަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި.

28 ނޮވެމްބަރު 2021

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މާލެ ޖަލަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2021 ނޮވެމްބަރ 28 އިން 30 އަށް ކުރަމުންދާ މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، މާލެ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުގައި ފަރުވާގައިތިބޭ ފަރާތްތަކާދޭތެރޭ ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، މާލެ ޖަލުގައި ބަންދުގައިތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި، މާލެ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަތުމާއި އަދި މާލެ ޖަލުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމެވެ.
މާލެ ޖަލަށް ކުރާ ޒިޔާރަތުގައި ފާހަގަކުރެވޭ ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް މާލެ ޖަލަށް ހަވާލުކޮށް، މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު ކޮމިޝަނުން ފާސްވުމުން މާލެ ޖަލާއި،  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ޙިއްޞާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާޢިދުން ފޮލޯ-އަޕް ހެދުމަށްވަނީ ހަމަޖެހިފައެވެ.
ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މާލެ ޖަލަށް 2008 އިން 2020 ވަނަ އަހަރާ ހަމައަށް ތަފާތު 09 ޒިޔާރަތް ކޮށްފައިވެއެވެ. އެގޮތުން، މޮނިޓަރިންގ، ފޮލޯއަޕް، ތީމެޓިކް އަދި ވަރޗުއަލް ޒިޔާރަތް މި ޖަލަށް ކޮށްފައިވެއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު މިޖަލަށް ކޮށްފައިވަނީ ފޮލޯއަޕް ޒިޔާރަތެކެވެ.