ހިއުމަން ރައިޓްސް ކޮމިޝަނުން ކ.މާފުށީ ޖަލަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2021 އޮކްޓޫބަރު 25 އިން 28އަށް ކުރަމުންދާ މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ކ.މާފުށީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުގައި ފަރުވާގައިތިބޭ ފަރާތްތަކާދޭތެރޭ ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ކ.މާފުށީ ޖަލުގައި ބަންދުގައިތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި، ކ.މާފުށީ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަތުމާއި، ކ.މާފުށީ ޖަލުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމެވެ. މާފުށީ ޖަލަށް ކުރާ ޒިޔާރަތުގައި ފާހަގަކުރެވޭ ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް ކ. މާފުށީ ޖަލަށް ހަވާލުކޮށް، މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު ކޮމިޝަނުން ފާސްވުމުން ކ. މާފުށީ ޖަލާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ޙިއްޞާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާޢިދުން ފޮލޯ-އަޕް ހެދުމަށްވަނީ ހަމަޖެހިފައެވެ. ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. މާފުށީ ޖަލަށް 2008ން 2020 ވަނަ އަހަރާ ހަމައަށް ތަފާތު 11 ޒިޔާރަތް ކޮށްފައިވެއެވެ. އެގޮތުން، މޮނިޓަރިންގ، ފޮލޯއަޕް، ތީމެޓިކް އަދި ވަރޗުއަލް ޒިޔާރަތް މި ޖަލަށް ކޮށްފައިވެއެވެ. ތަނުގެ ސިއްޙީ ޙިދުމަތްތަކަށް އަމާޒުކޮށްގެން ތީމެޓިކް 2 ޒިޔާރަތް 2013 ވަނަ އަހަރާ 2018 ވަނަ އަހަރު ކޮށްފައިވެއެވެ. އެންމެ ފަހުން މިޖަލަށް ކޮށްފައިވާ ޒިޔާރަތްތަކުގެ ތެރޭގައި 2019 ވަނަ އަހަރުގެ ނޮވެންބަރު 6 އަދި 7 ވަނަ ދުވަހު ކޮށްފައިވާ ޒިޔާރަތާއި އަދި 2020ވަނަ އަހަރު ކޮށްފައިވާ ވަރޗުއަލް ޒިޔާރަތް ހިމެނެއެވެ. މިޖަލަށް ކޮށްފައިވާ ޒިޔާރަތްތަކުގައި ޖުމްލަ 175 ހުށަހެޅުން ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް މިހާތަނަށްވަނީ ހުށަހަޅާފައެވެ.