ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހުޅުމާލެ
ޖަލު އަދި ޑިޓެންޝަން ސެންޓަރަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ.
ނޭޝަނަލް ޕްރިވެންޓިވް
މެކޭނިޒަމްއިން 30 މާރިޗު 2022 އިން 31 މާރިޗު 2022 އަށް
ކުރަމުންދާ މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ހުޅުމާލޭ ޖަލު އަދި ޑިޓެންޝަން
ސެންޓަރުގެ ޙާލަތު ދެނެ، ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ޤާނޫނު ނަމްބަރު 2007/1
(ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު)ގެ 21ވަނަ މާއްދާގެ (ރ)ގެ ދަށުން
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއަށް ލިބިދީފައިވާ ބާރުގެ
ދަށުން ރާއްޖެއިން ފުރުވާލެވެންދެން މި ސެންޓަރުގައި ބަންދުކޮށްފައިވާ
ބިދޭސީންނަށް އެ މީހުންނާދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ
ޢަމަލެއް ހިނގާތޯބެލުމެވެ. އަދި، ޑިޓެންޝަން ސެންޓަރުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްޤުތައް
ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަނެ، އެ ފަރާތްތަކަށް ރާއްޖޭގައި ލިބިދީފައިވާ
އިންސާނީ ޙައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. މީގެ އިތުރުން ޑިޓެންޝަން
ސެންޓަރު އަދި ހުޅުމާލެ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާންމު ޙާލަތު
ދެނެގަތުމާއި، މުވައްޒަފުންނަށް ވަޒީފާ އަދާކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަކީވެސް
މި ޒިޔާރަތުގެ މަޤްޞަދެކެވެ.
މި މޮނިޓަރިންގ ޒިޔާރަތުގައި ވަގުތުން
ވަގުތައް އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ކަމާގުޅޭ
އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށްފަހު، މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް
ތައްޔާރުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި
ކަމާގުޅޭ އެހެނިހެން އިދާރާތަކާ ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުގައި
ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން
މަޝްވަރާކުރުމަށް މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް
ސަރވިސްއާއެކު ބައްދަލުވުމެއް ބާއްވާ ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ
މިންވަރު ދެނެގަތުމަށް ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށްވަނީ
ހަމަޖެހިފައެވެ.
ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް
މެކޭނިޒަމްއިން ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް އެންމެފަހުން ޒިޔާރަތް
ކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ.