ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

01 ފެބްރުއަރީ 2023

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

(PR)168-A/168/2023/3

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2023 ޖަނަވަރީ 30 ން 31 އަށް ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގައި ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ މީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. އަދި ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުގައިތިބޭ 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމާއި ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. މީގެއިތުރުން ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަނެ ޕޮލިސް ސްޓޭޝަނުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުންވެސް މި ޒިޔާރަތުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
މި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓެއް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށާއި ނ. މަނަދޫ ޕޮލިސް ސްޓޭޝަން އަދި ކަމާގުޅޭ އެންމެހައި އިދާރާތަކާ ހިއްސާކުރުމަށް ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް އެން.ޕީ.އެމްއިން މިހާތަނަށް 2 ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން، 2012 އަދި 2015 ވަނަ އަހަރު ޒިޔަރަތްކޮށްފައިވާއިރު، މި ސްޓޭޝަނަށް ކޮށްފައިވާ 2 ޒިޔާރަތަކީވެސް މޮނިޓަރިންގ ޒިޔާރާތްތަކެކެވެ.