ހިއުމަން ރައިޓްސް
ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2023 ޖަނަވަރީ 31 އިން ފެބްރުއަރީ
01 އަށް ނ. މަނަދޫ އަމާން ވެއްޓަށް މޮނިޓަރިންގ ޒިޔާރަތެއް
ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ މި މަރުކަޒުގައި ދައުލަތުގެ
ބެލުމުގެދަށުގައި ބަލަހައްޓާ ފަރާތްތަކާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ
ޢަމަލެއް ހިނގާތޯ ބެލުމެވެ. އަދި މަރުކަޒުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަނެ،
ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓާ ކުދިންނާއި މުވައްޒަފުންގެ އާއްމު ޙާލަތު
ދެނެގަތުމެވެ. މީގެއިތުރުން، ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓާމުންގެންދާ
ކުދިންނަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދީފައިވާ އަދި
ކަށަވަރުކޮށްދިނުމަށް ބަޔާންކޮށްފައިވާ ޙައްޤުތައް ނ. މަނަދޫ އަމާން ވެށީގައި
ބަލަހައްޓާ ކުދިންނަށް ކަށަވަރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް
ދެނެގަނެ، މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ
ދަތިތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، މަރުކަޒުގެ ކަންކަން
އިތުރަށް ފުރިހަމަ ކުރުމަށާއި ދަތިތައް ޙައްލުކުރުމަށް ކުރަމުންގެންދާ އަދި ކުރުމަށް
ރާވާފައިވާ މަސައްކަތްތައް ދެނެގަތުން ވެސް ހިމެނެއެވެ.
މި ޒިޔާރަތުގެ މައްޗަށް
ބިނާކޮށް އެކުލަވާލާ ރިޕޯޓު ނ. މަނަދޫ އަމާން ވެއްޓަށާއި ކަމާގުޅޭ އެންމެހައި އިދާރާތަކާ
ހިއްސާކުރުމަށް ވަނީ
ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ
ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު
ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު
ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން
ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ
ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ނ. މަނަދޫ އަމާން ވެއްޓަށް ކުރި
ފުރަތަމަ ޒިޔާރަތެވެ.