ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރއަށް ފޮލޯއަޕް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި

28 ޑިސެމްބަރު 2022

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

(PR)168-A/168/2022/31

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރއަށް ފޮލޯއަޕް މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ. ޑިސެންބަރު 25 ން 26 ވަނަ ދުވަހަށް ކުރިއަށްދިޔަ މި ޒިޔާރާތުގެ މަޤުސަދަކީ ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުން ޚިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ޙާލަތު ދެނެގަތުމާއި، އެ ފަރާތްތަކާމެދު ރަޙުމްކުޑަ ލާއިންސާނީ، އިހާނެތި ޢަމަލުޢަމަލެއް ހިނގާތޯބެލުމާއި އަދި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، މިފަދަ ތަންތަނުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނޫއަސާސީއާއި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްގޮތްވާގޮތަށް މި ސެންޓަރުގައި ޢަމަލުކުރެވެމުން ދޭތޯ ބެލުމެވެ. މީގެ އިތުރުންކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އާންމު ޙާލަތު ދެނެގަނެ ،ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް 2014، 2016 އަދި 2019 ވަނަ އަހަރު ކޮމިޝަނުގެ އެން.ޕީ.އެމްއިން ކޮށްފައިވާ ޒިޔާރަތްތަކުގައި ފާހަގަކުރެވިފައިވާ ކަންކަމާގުޅޭގޮތުން އެކުލަވާލައި ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުކޮށްފައިވާ މިންވަރު ދެނެގަތުމެވެ.
ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރއަށް ކުރާ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓް ނޭޝަނަލް ޑްރަގް އޭޖެންސީއަށާއި، ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރ އަދި ކަމާގުޅޭ އެންމެހައި އިދާރާތަކާ ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރއަށް އެން.ޕީ.އެމްއިން ކުރި 10 (ދިހައެއް) ވަނަ ޒިޔާރަތެވެ. އަދި މި ޒިޔާރަތްތަކާ ގުޅިގެން ނޭޝަނަލް ޑްރަގް އޭޖެންސީއަށް 117 (އެއްސަތޭކަ ސަތާރަ) ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ.