ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފ. ނިލަންދޫ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ (ފ. އެފް.ސީ.އެސް.ސީ)އަށް މޮނިޓަރިންގ ޒިޔާރަތް ކުރުން

10 އޮކްޓޯބަރު 2022

(PR)168-A/168/2022/22

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފ. ނިލަންދޫ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ (ފ. އެފް.ސީ.އެސް.ސީ)އަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. 10 އޮކްޓޫބަރު 2022 ވަނަ ދުވަހު ފ. އެފް.ސީ.އެސް.ސީއަށް ކުރި ޒިޔާރަތުގެ މަގްސަދަކީ މި ސެންޓަރުގައި ބަލަހައްޓަމުންގެންދާ ކުދިންނަށް ފޯރުކޮށްދިނުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުނގެނުމާއި، ރިހެބިލިޓޭޝަން އަދި މުޖްތަމަޢުއަށް ރުޖޫޢަކުރުމަށް (ރީއިންޓަގްރޭޝަން) ކުރަމުންގެންދާ މަސައްކަތްތައް ދެނެގަތުމާއި އެ ކަންކަން ކުރުމަށް އެކަށޭނަ ބަޖެޓާއި ފަންނީ އަދި އެހެނިހެން ޤާބިލް މުވައްޒަފުންނާއި ވަޞީލަތްތައް ޤާއިމްކުރެވިފައިވާ ގޮތާއި ކުދިން އަނބުރާ މުޖްތަމަޢުއަށް ނުވަތަ އާއިލާއަކަށް ގެންދިއުމަށްފަހު އެކުދިންނަށް ދެމުންގެންދާ އެހިތެރިކަން ދެނެގަތުމާއި އަދި ދައުލަތުގެ ބެލުމުގެދަށުން ފ. އެފް.ސީ.އެސް.ސީގައި ކުދިން ބަލަހައްޓަމުންގެންދަނީ ކުދިން ބެލެހެއްޓުމަށް އެކަށޭނަ މާޙައުލެއްގައިކަމާއި މި މާޙައުލަކީ، އެ ކުދިންގެ އިންސާނީ ކަރާމާތާއި، ޖިސްމާނީ އަދި ނަފްސާނީ ޝަޚްޞް ނެގެހެއްޓުމާއެކު ކުދިންނަށް އިޙްތިރާމާއި ޤަދަރު ލިބިގެންވާ މާޙައުލެއްކަން ދެނެގަތުމެވެ.
މީގެ އިތުރުން މި ސެންޓަރުގައި ކުދިންގެ އާއިލީ ގުޅުންތައް ދެމެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތާއި ތިބޭކުދިންނަށް ދިމާވާ އެކި ކަންކަމުގައި ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންގެންދާގޮތާއި ޤާނޫނީ އެހިތެރިކަން ހޯދުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދީފައިވާގޮތް ދެނެގަނެ އަދި މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތައް ދެނެގަނެ މި ސެންޓަރުގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށާއި ދިމާވަމުންދާ ދަތިތައް ޙައްލުކުރުމަށް ކުރަމުންގެންދާ އަދި ރާވާފައިވާ މަސައްކަތްތައް ދެނެގަތުމެވެ.
ފ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ފ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށާއި ކަމާގުޅޭ އެންމެހައި އިދާރާތަކާ ޙިއްޞާކުރުމަށްފަހު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ރިޕޯޓުތަކުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ކުރި ފުރަތަމަ ޒިޔާރަތެވެ.