ހިއުމަން ރައިޓްސް ފެއާ 2022

26 ސެޕްޓެމްބަރު 2022

(PR)168-A/168/2022/20

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ހޯސްޓިންގ ޕާޓްނަރެއްގެ ގޮތުން އެޗް.ޑީ.ސީއާ ގުޅިގެން އިންތިޒާމު ކުރި ހިއުމަން ރައިޓްސް ފެއާ 23 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި ފެއާ ކުރިއަށް ދިޔައީ މި ދިޔަ ހުކުރު ދުވަހު ހުޅުމާލެ ސެންޓަރަލް ޕާކުގައި ހަވީރު 4:00 އިން 6:00 އަށެވެ.
މިފެއާގައި އެޗްއާރްސީއެމްގެ އިތުރުން ޖުމްލަ 14 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)، ޗިލްޑްރަންސް އޮމްބަޑްސްޕާރސަން އޮފީސް، ޕެންޝަން އޮފީސް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީހިމެނެއެވެ. މީގެ އިތުރުން މި ފެއާގައި ބައިވެރިވި ޖަމްއިއްޔާތަކުގެ ތެރޭގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާރސަންސް ވިތް ޑިސްއެބިލިޓީސް، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމްއިއްޔާ، މިޝަން ފޯ މައިގްރަންޓް ވަރކަރސް، ކެއަރ ސޮސައިޓީ، އޭޖްޑް ކެއަރ މޯލްޑިވްސް، ހޯޕް ފޯ ވިމެން އަދި ހެލްތް އެންޑް ފިޓްނަސްގެ ދާއިރާއިން އާރްޑީ ފިޓްނަސް ހިމެނެއެވެ.
އެޗްއާރްސީއެމްއިން މިފަދަ ފެއާއެއް ކުރިއަށް ގެންދިއުމުގެ މަޤުސަދަކީ އިންސާނީ ޙައްޤުތައް ފޯރުކޮށްދީ ހައްގުތައް ކުރިއެރުވުމަށް ފެއާގައި ބައިވެރިވާ އިދާރާތަކާއި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކާ މެދު އާއްމުން ހޭލުންތެރިކުރުވައި އެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދާނެ އަވަސް ގޮތްތަކާ މެދު އާއްމުން ހޭލުންތެރިކުރުވައި އަދި ވަކިކަމަކާ ގުޅިގެން އެހީތެރިކަން ހޯދާނެ ފަރާތްތައް އާންމުންގެ ސަމާލުކަމަށްގެނެސް އެންގުމެވެ. މީގެ އިތުރުން އެޗްއާރްސީއެމް އާއި ދައުލަތުގެ އިދާރާތަކާއި، ޖަމިއްޔާތަކާއި އަދި އާއްމުންނާއި އޮންނަ ގުޅުން ބަދަހިކޮށް އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދައިދީ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން ގުޅުން ބަދަހިކުރާނެ ފުރުސަތު ހޯދައިދިނުމެވެ.
މި ފެއާ ކުރިއަށް ގެންދެވުނީ ހުރިހާ އުމުރުފުރާއެއްގެ ދިވެހިން އަދި ބިދޭސީންނަށް ކަމުދާނެ ފަދަ ގިނަގުނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ. މީގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރޭގައި ރޮބޯމޭން އާއި، ހަމީޝްގެ ހެއްވާ މަޖާ ވާހަކަތަކާއި އަދި މަޝްހޫރު ބޮޑުބެރު ގުރޫޕް ދަންމާނުގެ ފޯރިގަދަ ހުށައެޅުންތައް ހިމެނެއެވެ.
މި ފެއާއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ވަރަށް ޚާއްސަ ލަކީޑްރޯއެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. ލަކީޑްރޯގެ އެއްވަން އިނާމު އުރީދޫއިން ހުށަހަޅާފައިިވާއިރު، ދެވަނަ އަދި ތިންވަނަ އިނާމު ހުށަހަޅާފައިވަނީ އާރްޑީ ފިޓްނަސްގެ ފަރާތުންނެވެ. މީގެ އިތުރުން ހޮރައިޒަން ފިޝަރީޒްގެ ފަރާތުން އިތުރު 12 ނަސީބުވެރި ފަރާތަކަށް ހާއްސަ ހަދިޔާއެއް ދީފައިވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ މި ފެއާއަށް ވަނީ އާންމުންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައެވެ. މި ފަދަ ފެއާ އެއް ފުރިހަމަކަމާ އެކު ބޭއްވުނީ ފެއަރގެ ބައިވެރިންނާ އަދި ސްޕޮންސަރުން ކަމަށްވާ އެމްޕީއެލް، ދިރާގު، އުރީދޫ، އާރްޑީ ފިޓްނަސް، ހޮރައިޒަން ފިޝަރީޒް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވަރަށް ދީލަތި އެހީތެރިކަމާއެކުގައެވެ. މީގެ އިތުރުން ހޮސްޓިންގ ޕާރޓްނަރ އެޗް.ޑީ. ސީ އިން ކޮށްދެއްވި ފުރިހަމަ މަސައްކަތް ކޮމިޝަނުން ފާހަގަކުރެއެވެ.