ގދ. ތިނަދޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައި ތިބޭ 3 ތަނަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ޒިޔާރަތްކޮށްފިއެވެ. 2021 ނޮވެމްބަރ 15 އިން 18 ކުރި މިޒިޔާރަތުގައި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން، ގދ. ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، އަދި ގދ. ތިނަދޫ އަމާންވެށި/ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ (އެސް.ފީ.އެސް.ސީ) މޮނިޓަރ ކުރެވުނެވެ. ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ކުރި ޒިޔާރަތުގައި، އެ ސްޓޭޝަނުގައި ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯއާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯ އާއި ބަންދުގައިތިބޭ 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯއާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯ ބަލާފައިވެއެވެ. އަދި އެފަދަ ޢަމަލަކަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ ބަލައި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013) އާއި ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން މި ސްޓޭޝަންގައި ޚިދުމަތް ފޯރުކޮށްދޭ މިންވަރު ދެނެގަނެފައިވެއެވެ. އަދި ހަމަމިއާއެކު، މިފަދަ މާހައުލެއްގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިދޭތޯއާއި މި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއްމު ޙާލަތާއި މާއްދީ ޙާލަތުވެސް ބަލާފައިވެއެވެ. މިއަހަރުގެ މި ޒިޔާތަރަކީ ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މި ސްޓޭޝަނަށް ކުރާ 3 ވަނަ ޒިޔާރަތެވެ. އެގޮތުން 2011 އަދި 2015 ވަނަ އަހަރު މި ސްޓޭޝަނަށް ޒިޔާރަތްކޮށް ކަމާގުޅޭ އިދާރާތަކަށް 25 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. ގދ. ތިނަދޫ އަމާންވެށި/ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އަށް ކުރި ޒިޔާރަތުގައި މި ސެންޓަރުގައި ތިބި ކުދިންނާ މެދު ޢަމަލު ކުރެވޭގޮތާއި، ތަނުގެ ޢާންމު ޙާލަތާއި، މި ސެންޓަރުގައި ތިބޭ ކުދިންނާމެދު ހިނގާފާނޭ އެއްވެސް އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ އާއި، އެފަދަ ޢަމަލަކަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ އާއި ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013) އާއި ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި،ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން މި ސެންޓަރުގައި ޚިދުމަތް ފޯރުކޮށްދޭތޯ ބަލާފައިވެއެވެ. އަދި ތަނުގެ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، މިފަދަ މާޙައުލެއްގައި މަސައްކަތްކުރާއިރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިދޭތޯއާއި މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއްމު ޙާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެފައިވެއެވެ. މީގެއިތުރުން، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް19 އާ ގުޅިގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އަދި ކޯވިޑް19 ގެ ބަލިމަޑުކަމުގެ ޙާލަތުގައި މިފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސެންޓަރުގައި ތިބޭ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބަލާފައިވެއެވެ. ގދ. ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ކުރި ޒިޔާރަތުގައި އެތަނުގެ އާންމު ޙާލަތު ދެނެގަތުމާއި، މި ސެންޓަރުގައި ފަރުވާ ހޯދަމުންގެންދާ ކްލައެންޓުންނަށް ފަރުވާ ފޯރުކޮށްދިނުމާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި، މަރުކަޒުގައި މީހުން ބެލެހެއްޓުމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2001/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)އާއި ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013) އާއި ޤައުމީ އަދި ބައިނަލްއަގްވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ޚިދުމަތް ފޯރުކޮށްދޭތޯ ބަލައި، މި ސެންޓަރުގައި އަނިޔާވެރި، ލާއިންސާނީ، ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯއާއި އެފަދަ އަމަލެއް ހިނގުމަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ ބަލާފައިވެއެވެ. އަދި ދައުލަތުގެ ބެލުމުގެދަށުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަނެ ސެންޓަރުން ފަރުވާ ހޯދަމުންދާ ކްލައެންޓުންނާއި، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާންމު ޙާލަތު ވަނީ ދެނެގަނެފައެވެ. މި ތަންތަނަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް ކަމާގުޅުންހުރި މުއައްސަސާތަކާ ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުން ބާއްވައި ރިޕޯޓުތަކުގައިވާ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާޢިދުން ފޮލޯ-އަޕް ހެދުމަށް ވަނީ ހަމަޖެހިފައެވެ.