ޑިސެންބަރު 2025 ގައި ބޭއްވުނު މިއަހަރުގެ ތިންވަނަ އެޗްއާރުސީއެމް-ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމްގެ މުހިއްމު ނުކުތާތައް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން 2025 ޑިސެންބަރު 23 އިން 24އަށް މީރުމާ ބިލްޑިންގގައި ކުއާޓަރލީ ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމް ބާއްވައި، އެކި ސިވިލް ސޮސައިޓީ ޖަމްޢިއްޔާތަކުން 63 ފަރާތެއް ފޯރަމްގައި ބައިވެރިވެފައިވެއެވެ. މިގޮތުން، މި ފޯރަމްގައި މާލެ ސަރަހައްދުގެ އެންޖީއޯތަކުން 26 ޖަމިއްޔާއެއް ބައިވެރިވެފައިވާއިރު އަތޮޅުތެރޭގެ އެންޖީއޯތަކުން 14 ޖަމިއްޔާއެއް ބައިވެރިވެފައިވެއެވެ.

"އެޗް.އާރު.ސީ.އެމް – ސީ.އެސް.އޯ ޕާޓްނަރޝިޕް ފޯރަމަކީ" ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރުސީ.އެމް) އިން ޑިސެމްބަރު 2023 ން ފެށިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ކޮމިޝަނާއި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ތަކާ އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވިގޮތެއްގައި، ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ހަރުދަނާ މާޙައުލެއް ޤާއިމްކޮށް އިންސާނީ ހައްޤުތަކާއި ގުޅުންހުރި ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ. އެގޮތުން ފޯރަމްގެ މައުޟޫއާއި ގުޅޭ ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުންވެސް މަންދޫބުން ބައިވެރިވެއެވެ. މިފަހަރުގެ ފޯރަމްގެ މައުޟޫއަކީ "ބަދަލުވަމުންދާ މޫސުމީ ހާލަތުގައި ހައްގުތައް ރައްކާތެރިކުރުން: ވިޔަފާރި، ތިމާވެށި އަދި ޖަވާބުދާރީވުން" މިއެވެ. ފޯރަމްގައި ކުރިއަށް ގެންދެވުނު ބައިތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކުގެ ތައާރަފް، ސާފުވެއްޓެއްގައި ދިރިއުޅުމެއް އުޅުމުގެ ޙައްޤު، ވިޔަފާރި އާއި އިންސާނީ ޙައްޤު، މާހައުލަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކުރުވުމުގެ އިތުރުން 2026 ވަނަ އަހަރުގެ ޕްލޭންތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި "ނަލަ ފެހި މީދޫ" ޖަމިއްޔާގެ ފަރާތުން މަރިޔަމް ސަޖާޔާ މި ފޯރަމްގެ ތެރެއިން ސީ.އެސް.އޯ ތަކަށް ލިބިގެންދިޔަ މައުލޫމާތާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދެއްކެވިއެވެ. މީގެއިތުރުން ޔޫ.އެން.ޑީ.ޕީގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއަން ގަންވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައިވެއެވެ. އެކަމަނާގެ ވާހަކަފުޅުގައި މި ފޯރަމްއިން ޖަމިއްޔާތަކަށް ލިބިގެންދާ ހޭލުންތެރިކަމުގެ މުހިއްމުކަން ފާހަގަކޮށް މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވެއެވެ. ފޯރަމް ނިންމާލުމުގެ ގޮތުން ކޮމިޝަންގެ މެމްބަރ ޑރ. ޢާއިޝަތް ރަމީލާ ބައިވެރިންނާ މުހާތަބްކޮށް ވާހަކަދައްކަވާފައިވެއެވެ. ކޮމިޝަނަރގެ ވާހަކަފުޅުގައި ކޮމިޝަނުން ސިލްސިލާކޮށް ބާއްވަމުން ގެންދާ މި ފޯރަމްތަކަށް ޖަމްއިއްޔާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި މި ފޯރަމްތަކުން ލިބޭ މައުލޫމާތުގެ އަލީގައި ރައްޔިތުންނަށް ފައިދާހުރި ޕްރޮގްރާމްތައް ހިންގުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާ ލެއްވިއެވެ.

ލޯންގް ޓާމް ސްޓްރެޓެޖީގައި ހިމެނިފައިވާ ބައެއްގެ ގޮތުން، އެޗްއާރުސީއެމްއިން ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ ތަންފީޒުކުރަމުން ގެންދެއެވެ. ކުރިއަށް އޮތް ފޯރަމްތަކުގައި ތީމެޓިކް ދާއިރާތަކަށް އިތުރަށް ފުންކޮށް ބަލައި، އެޗްއާރުސީއެމްއާއި ސީއެސްއޯތަކުގެ ގުޅުން ވަރުގަދަ ކޮށް، ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.