މިއަހަރުގެ ފުރަތަމަ އެޗްއާރުސީއެމް-ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމް ބާއްވައިފި އައު

22 ޖުލައި 2026

(PR)168-PPA/168/2026/17

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިއަދު ކަސްޓަމްސް ހޯލުގައި މިއަހަރުގެ ފުރަތަމަ "އެޗް.އާރު.ސީ.އެމް – ސީ.އެސް.އޯ ޕާޓްނަރޝިޕް ފޯރަމް" ބާއްވާފައިވިއެވެ. 1 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމްގެ މައުޟޫއަކީ "މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން" މިއެވެ.
 ފޯރަމްގައި މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވެއެވެ. 25 ޖަމިއްޔާއެއް ޝާމިލްވާހެން ޖުމްލަ 30 ފަރާތެއް މި ފޯރަމްގައި ބައިވެރިވެފައިވެއެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނުގެ ނައިބު ރައީސް، މުޙައްމަދު ޝަފީޤު މަޙްމޫދު ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި އިންސާނީ ހައްޤުތައް ކުރިއެރުވުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ މުހިންމުކަމަށާއި ކޮމިޝަނާ މަދަނީ ޖަމިއްޔާތަކާ އޮންނަ ގުޅުން ރަނގަޅުކޮށް މަދަނީ ޖަމިއްޔާތައް ހަރަކާތްތެރިވުމަށް ފަހި މާހައުލެއް ގާއިމް ކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މި ފޯރަމްގައި ހެލްތު އެންޑް ސޭފްޓީ އާއި ގުޅޭ މައުލޫމާތު މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ، ޑރ. މުހައްމަދު އަބްދުﷲ ހުށަހަޅުއްވާ ދެއްވާފައިވެއެވެ. އެއަށްފަހު މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަނެއް ކުރިއަށްގޮސްފައިވެއެވެ. މި ޕެނަލްގެ ބައިވެރިންގެ ތެރޭގައި މޯލްޑިވްސް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ޒާހިރާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ކޮންސަލްޓަންޓް، ޑރ. މުހައްމަދު އަބްދުﷲ، އަދި ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ޑިރެކްޓަރ މަރިޔަމް ޝިމްނާ ބައިވެރިވެ، ދުވަހުގެ މައުޟޫއާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާ ކުރެއްވިއެވެ. އެއަށްފަހު ރާއްޖޭގައި މަސައްކަތްތެރިންނަށް ލިބިދޭ ރައްކާތެރިކަމާ ގުޅޭގޮތުން ކޮމިޝަނުގެ ޑިރެކްޓަރ ޚަދީޖާ ލިމްޔާ އަދި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ޑިރެކްޓަރ ފާތިމަތު އަހުމަދު ވާހަކަ ދައްކަވާފައިވެއެވެ. އަދި ފޯރަމްގެ ފަހު އައިޓަމެއްގެ ގޮތުން ދިވެހިރާއްޖޭގެ ނަރުހުންގެ އެސޯސިއޭޝަންގެ ފަރާތުން މަރިޔަމް ޝިފާނާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ގެއްލިގެންދާ އާންމު ގޮތްތަކާމެދު މައުލޫމާތު ހުށަހަޅާފައިވެއެވެ. 
އެޗް.އާރް.ސީ.އެމް ސީ.އެސް.އޯ. ޕާޓްނާޝިޕް ފޯރަމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރުސީ.އެމް) އިން ޑިސެމްބަރު 2023 ން ފެށިގެން ކުރިޔަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ކޮމިޝަނާއި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ތަކާ އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވިގޮތެއްގައި، ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ހަރުދަނާ މާޙައުލެއް ޤާއިމްކޮށް އިންސާނީ ހައްޤުތަކާއި ގުޅުންހުރި ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.