ހިއުމަން ރައިޓްސް
ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީއެމް)
އިން މިއަދު ޝީ ބިލްޑިންގ ގެ ބުރުޒު ހޯލުގައި މިއަހަރުގެ
ދެވަނަ "އެޗް.އާރު.ސީ.އެމް – ސީ.އެސް.އޯ ޕާޓްނަރޝިޕް ފޯރަމް"
ބާއްވާފައިވެއެވެ. 1 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމްގެ މައުޟޫއަކީ "އިސްރަށްވެހިންގެ
ޙައްޤުތައް: ޢިއްޒަތާއި ކަރާމާތްތެރި ދިރިއުޅުން" މިއެވެ. ފޯރަމްގައި، އިސްރަށްވެހިންނަށް ޤަދަރާއި
އިޙްތިރާމާއެކު ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކުރުމާއި، ދޮށީ ޢުމުރަށް ދާއިރު
މާލީ ރައްކާތެރިކަމާއި އާމްދަނީގެ ކަންކަން ކަށަވަރުކުރުމާއި، ޚިދުމަތްތައް
ޑިޖިޓަލައިޒްވަމުން އަންނައިރު އިސްރަށްވެހިން ބާކީނުކޮށް، އެބޭފުޅުންނަށް
ފަސޭހައިން އެ ޚިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތަކެއް ގާއިމުވެފައި ހުރުމުގެ މުހިއްމުކަމަށް
އަލިއަޅުވާލެވިފައިވެއެވެ. 16 ޖަމިއްޔާއެއް ޝާމިލްވާހެން ޖުމްލަ 22 ބޭފުޅުން މި
ފޯރަމްގައި ބައިވެރިވެފައިވެއެވެ.
މި ފޯރަމްގައި ހިއުމަން ރައިޓްސް ކޮމިޝަނާއި،
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، އަދި މޯލްޑިވްސް އިނޮވޭޝަން
އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑް ކޯ) ހިމެނޭހެން މައުޟޫއާ ގުޅޭ 3 ޕްރެޒެންޓޭޝަނެއް
ހުށަހަޅުއްވާ ދެއްވާފައިވެއެވެ. އެއަށްފަހު، 'އިޒް މޯލްޑިވްސް ޕްރިޕެއަރޑް ފޯރ
އެން އޭޖިންގ ޕޮޕިއުލޭޝަން؟' ނުވަތަ އުމުރުން ދުވަސްވީ އާބާދީއަކަށް ދިވެހިރާއްޖެ
ތައްޔާރުވެފައިވޭތޯ؟ މި މައުޟޫއާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަނެއް ކުރިއަށްގޮސްފައިވެއެވެ.
މި ޕެނަލްގެ ބައިވެރިންގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ލީގަލް އެންޑް
މޮނިޓަރިންގ ޑިޕާޓްމަންޓުގެ ސީނިއަރ ލީގަލް ކައުންސެލް އަލްއުސްތާޛު މުޙައްމަދު
ޖާބިރު، މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ސޯޝަލް ވެލްފެއަރގެ ސްޓޭޓް
މިނިސްޓަރ ޢާއިޝަތު ޒުހުރުބާން، އަދި އިސްރަށްވެއްސެއް ކަމުގައިވާ މުޙައްމަދު
އިސްމާޢީލް ފުޅު ބައިވެރިވެ، ބައިވެރިންނަށް މައުލޫމާތު ހިއްސާ ކުރެއްވިއެވެ.
އެޗް.އާރު.ސީ.އެމް – ސީ.އެސް.އޯ
ޕާޓްނަރޝިޕް ފޯރަމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރުސީ.އެމް)
އިން ޑިސެމްބަރު 2023 ން ފެށިގެން ކުރިޔަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ
މައިގަނޑު މަޤްސަދަކީ ކޮމިޝަނާއި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ތަކާ
އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވިގޮތެއްގައި، ދެފަރާތުން ގުޅިގެން މަސައްކަތް
ކުރެވޭނެ ހަރުދަނާ މާޙައުލެއް ޤާއިމްކޮށް އިންސާނީ ހައްޤުތަކާއި ގުޅުންހުރި ކަންކަމާ
މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.