އަންހެނުންނާމެދު ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާބެހޭ
ބައިނަލްއަޤުވާމީ މުޢާހަދާ ނުވަތަ "ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް
އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގޭންސްޓް ވިމެން" (ސީޑޯ) ކޮމިޓީއަށް ހިއުމަން
ރައިޓްސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާ ރިޕޯޓް (ޝެޑޯ ރިޕޯޓް) އަށް ބޭނުންވާ
މައުލޫމާތު އެއްކުރުމަށް އެޗް.އާރު.ސީ.އެމް އިން ވަނީ އަތޮޅުތަކަށް މޮނިޓަރިންގ
ދަތުރުތަކެއް ކޮށްފައެވެ. މި ދަތުރުތަކުގެ މައިގަނޑު މަޤްޞަދަކީ އަންހެނުންގެ
ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމާ ގުޅޭގޮތުން ރަށްރަށުގައި ހުރި
ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ދެނެގަތުމެވެ. ކޮމިޝަނުގެ ފަރާތުން އެކުލަވާލާ ސީޑޯ ޝެޑޯ ރިޕޯޓަށް ބޭނުންވާ
މައުލޫމާތު ހޯދުމާއި، ސީޑޯ ކޮމިޓީއިން ދައުލަތަށް ހުށަހަޅާއިފައިވާ ހުށަހެޅުންތައް
ތަންފީޒުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.
1979
ވަނަ އަހަރު އ.ދގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ސީޑޯ މުޢާހަދާއަކީ އަންހެނުންނާމެދު
ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމަށާއި، އަންހެނުންނާއި ފިރިހެނުންގެ
މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް ބާރުއަޅާ އަދި އަންހެނުންގެ ޙައްޤުތައް
ކަށަވަރުކޮށްދޭ އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ އެންމެ މުޙިއްމު އެއް ބައިނަލްއަޤުވާމީ
މުޢާހަދާއެވެ. ދިވެހިރާއްޖެއިން މި މުޢާހަދާ ތަޞްދީޤުކޮށްފައިވަނީ 1 ޖުލައި 1993
ގައެވެ. މި މުޢާހަދާގެ ތަންފީޛުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން
ދައުލަތުން ކޮންމެ 4 އަހަރަކުން އެއްފަހަރު ސީޑޯ ކޮމިޓީއަށް ރިޕޯޓު
ހުށަހަޅަންޖެހެއެވެ.
ސީޑޯ ޝެޑޯ ރިޕޯޓަކީ ދައުލަތުން ހުށަހަޅާ ރިޕޯޓުގެ އިތުރުން، ކަމާބެހޭ
އެހެނިހެން ފަރާތްތަކުން އަންހެނުންގެ ޙައްޤުތަކުގެ ޙާލަތު ބަޔާންކޮށް ހުށަހަޅާ
ރިޕޯޓެކެވެ. މި ރިޕޯޓުގެ ސަބަބުން އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި
ހުރި ގޮންޖެހުންތަކާއި އިތުރަށް ސަމާލުކަންދޭންޖެހޭ ދާއިރާތައް ސީޑޯ ކޮމިޓީއަށް
ސާފުވެގެންދާނެއެވެ.
މި މަސައްކަތުގެ ދަށުން
ކޮމިޝަނުން ވަނީ މިހާތަނަށް ތިން ރަށަކަށް ޒިޔާރަތްކޮށް ކަމާ ގުޅުންހުރި
ދައުލަތުގެ އިދާރާތަކާއި، ރަށުގެ ރައްޔިތުންނާއި، އަދި މަދަނީ ޖަމްޢިއްޔާތަކާ
ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގައި ރަށު ފެންވަރުގައި މުޢާހަދާ
ތަންފީޛުކުރުމުގައި ހުރި ނިޒާމީ
ގޮންޖެހުންތައް
ދެނެގަނެފައިވާނެއެވެ.
އަދި ކުރިއަށް އޮތްތަނުގައި އިތުރު ދަތުރުތަކެއް ކުރުމަށްވަނީ ރާވާފައެވެ.