ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް 2021

އެންމެހައި މަޚްލޫޤުންގެ ތެރެއިން އިންސާނުންގެ ދަރަޖަ މަތިވެރި ކުރައްވައި، އިންސާނީ ޙައްޤުތަކަށް ރައްކާތެރިވުމަށް މުޅި އުންމަތަށް އެންގެވި، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރައްވައި އެ ޙައްޤުތަކަށް ރައްކާތެރިވުމުގެ އެންމެ ރިވެތި މިސާލު ދެއްކެވި، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ ޢާލު އަސްޙާބުންނާއި މިތުރު ޞަޙާބީން ޝާމިލް ކުރަމެވެ.
ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން، އައްސަލާމް ޢަލައިކުމް ވަރަޙްމަތުالله ވަބަރަކާތުހޫ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަން ފެށުނީ 10 ޑިސެންބަރު 1948 ގައި އ.ދ. ޢާންމު މަޖިލީހުގެ ޖަލްސާއިން އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރު "Universal Declaration of Human Rights" ފާސްކުރުމާ ގުޅިގެންނެވެ. މިގޮތުން މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ދުވަސް ފާހަގަކުރާތާ 73 އަހަރުފުރޭ ދުވަހެވެ. އަދި ހަމައެއާއެކު، މިދުވަހަކީ ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން ވުޖޫދުވިތާ 18 އަހަރުފުރޭ ދުވަހެވެ.
އާދެ! މި އަހަރުގެ، އިންސާނީ ޙައްޤުތަކުގެ ޝިއާރެއްގެ ގޮތުގައި, އ.ދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ “All Human, All Equal” އެވެ.
އދ. ޢާންމު މަޖިލީހުގެ ޖަލްސާއިން ފާސްކޮށް އިޢުލާނުކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރުގެ 1 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ "ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ، މިނިވަންކަމުގައި، ހަމަހަމަ ޙައްޤުތަކަކާއެކު، ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބައެއްގެ ގޮތުގައެވެ. ހެޔޮ ވިސްނުމާއި، ހެޔޮ ބުއްދީގެ ބާރު އެމީހުންނަށް ލިބިގެންވެއެވެ. އަދި އެކަކު އަނެކަކާމެދު މުޢާމަލާތް ކުރަންވާނީ، އުޚުއްވަތްތެރިކަމުގެ ރޫޙެއްގައެވެ."
2019 ވަނަ އަހަރުގެ ފަހުކޮޅު ދުނިޔެއަށް ކުރިމަތިވި ކޯވިޑް19 ޕެންޑަމިކްގެ ނުރަނގަޅު އަސަރު އެކި ގޮތްގޮތުން، ރާއްޖެއަށް ދަނީ ކުރިމަތިވަމުންނެވެ. އަދި ކޯވިޑް19ގެ ބަލީގައި އަޅުގަނޑުމެންގެ ތެރެއިން ކުޑަކުދިންނާއި ދުވަސްވީމީހުން ހިމެނޭގޮތުން އެތައްބަޔަކު ވަނީ މިދުނިޔެއާ ވަކިވެގެން ގޮސްފައެވެ. އެ އެންމެހައި ފަރާތްތަކުގެ ފުރާނަ އަށް ހެޔޮ ރަހްމަތްލައްވައި ސުވަރުގޭގެ ދާޢިމީ ނިއުމަތް މިންވަރުކޮށް ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުއާ ދަންނަވަމެވެ.
ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއައި ނަމަވެސް،  އެކަށީގެންވާ ސިއްހީ ފަރުވާ، އަދި ވަކިން ޚާއްޞަ ކޮށް އުފަންވަނިވި ޞިއްޙަތާގުޅޭ ޚިދުމަތްތައް ލިބުމުގައި ގޮންޖެހުންތައް ގިނައެވެ. އަދި އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް ޓާޝަރީ ހޮސްޕިޓަލުތަކުން ލިބޭ ބައެއް ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ލިބެންނެތެވެ. ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ގިނަ ގޮންޖެހުންތައް ހުރިކަމުގައި ވިޔަސް، އަތޮޅުތެރޭގެ ރަށްރަށުގައި ލިބެންހުރި ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ.
ކޯވިޑް19 އާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ޞިއްޙީ ޚިދުމަތް ހޯދުމުގައި ޢާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިވެފައިވެއެވެ. އެހެންނަމަވެސް، އެ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަނުން ބަލައިގަންނަމެވެ. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަކީ މި ބަލިން ރައްކާތެރިވުމަށް  ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ހެއްކެއްކެވެ.
ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލްކަމަށް ވާއިރު، އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ޤައުމު ބިނާކުރުމަށް އަޅާ ބިންގާ ވަރުގަދަކުރުމަށް ކުރެވޭ އެންމެ ފައިދާހުރި އެއް މަސައްކަތެވެ. ވީމާ، ކުޑަކުދިންނަށް ލޯތްބާއި އަޅާލުމާއި ރައްކާތެރިކަންދީ އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތާއި މުޅި މުޖުމަތަމަޢުގެވެސް ޒިންމާއެކެވެ.
ކުޑަކުދިންނަށް ދޭ ރައްކާތެރިކަމާ ހިމާޔަތް އިހުނަށްވުރެ ބޮޑު ކުރަންޖެހެއެވެ. ފާއިތުވި އަހަރަށް ބަލާއިރު، ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް، ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ އަނިޔާއާއި އިހުމާލު އަދި ޖިސްމާނީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. މީގެ އިތުރުން، ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި ހަމައެހެންމެ، ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލަތަކުގައި އިޖުތިމާއީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް އެޑްރެސްކުރެވިގެން ނުދާކަން ފާހަގަކުރެވެއެވެ. ކުޑަކުދިން ގުރޫމްކޮށް، ދީނީ ހަރުކަށި ފިރުކުގެތެރެއަށް ލަންބާލުމަށް މަސައްކަތް ކުރާ ބަޔަކު އުޅޭއިރު، އެފަދަ ކުދިން ސަލާމަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް މަދުކަމާއި މިފަދަ ކުދިންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ރާވާ ހިނގޭނެ އިންތިޒާމުތަކެއް ސަރުކާރުގެ ތެރެއިން ހަމަޖެހިގެން ދިއުމުގެ މުހިންމުކަމާ އަދި އަނބުރާ މުޖުތަޢުގެ ތެރެއަށް ގެނައުމަށް ސަރުކާރުގެ މުޢައްސަސާތަކުން ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ކޮމިޝަނަށް ފާހަގަކުރެވެއެވެ. މީގެ އިތުރުން، ޖިނާއީ ބޮޑެތި ކުށްތަކަށް ކުޑަކުދިން އަރައިގަންނަ ކަމީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް، އަދި ކުށްތަކަށް އަރައިގަންނަ ކުދިން އަލުން އަނބުރާ މުޖްތަމަޢަށް ނެރުމަށްޓަކައި ހަރުދަނާ ރީހެބިލިޓޭޝަން ނިޒާމެއް އޮތުމަކީވެސް ނުހަނު މުހިންމުކަމެއް ކަމުގައި ދެކެމެވެ.
އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރުމަކީ އިޚްތިޔާރީކަމެއްގެ ގޮތުގައި ނުދެކި، ޤައުމުގެ ކުރިއެރުމަށް އަންހެނުންގެ ޙިއްސާއަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ޒިންމާކަމުގައި ވާންޖެހެއެވެ. މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުން ބާރުވެރިކުރުވާ ސިޔާސަތުތައް އެކަށައެޅުމުގައާއި ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެވެސް ފުޅާކުރަންޖެހެއެވެ. އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމައު ބަލައިގަންނަ މިންވަރު ދަނީ ދަށްވަމުންނެވެ. އެގޮތުން، އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށްވެސް ދީން ބޭނުންކުރެވެއެވެ. އަދި ހަމައެހެންމެ، އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމުގައިވިޔަސް، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އަދިވެސް މަދެވެ. މިންތީގެ ހަމަހަމަކަން ޤާއިމްކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާގޮތަށް ޤާނޫނީ އޮނިގަނޑު ފަރުމާކުރެވިފަ ވީނަމަވެސް އެކަން ތަންފީޒުކުރުމަށް އެކަށީގެންވާ މަސައްކަތްކުރަމުންނުދެއެވެ. 
ޚާއްޞަ އެހީ އަށް ބޭނުންވާ މީހުންގެ ޙާލަތު ދެނެގަނެ އެ މީހުންނަކީ މުޖުތަމަޢުގެ ކަންކަމުގައި ބައިވެރި ވެވޭ ބަޔަކަށް ހަދައި، ދުޅަހެޔޮ ދިރިއުޅުމެއް ފަހިކޮށްދިނުމަށްޓަކައި އެހެން މީހުންނެކޭ އެއްފަދައިން އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ ބަޔަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި ހަމަ އެހެންމެ މި ފާރާތްތަކަށް ދިމާވާ ހުރަސްތައް ނައްތާލުމަށް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހެއެވެ. ޚާއްޞަ އެހީ އަށް ބޭނުންވާ މީހުން މުޖްތަމައުގައި ބައިވެރިވުމާއި އެމީހުންގެ ބައިވެރިވުން މުޖްތަމަޢުއިން ބަލައިގަތުން ފަހަކަށްއައިސް ރަނގަޅުވެފައިވިޔަސް، އެމީހުންނަށް ދެވޭ ގަދަރާ އިޚްތިރާމް އިތުރު ކުރަންޖެހޭ ކަމުގައި ދެކެމެވެ. ޚާއްޞަ އެހީ އަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދޭ ސްކޫލުތަކުގެ ޢަދަދު އިތުރުވެފައިވެއެވެ. އެހެން ނަމަވެސް، އަތޮޅުތެރޭގައި ދިރިއުޅޭ މިފަދަ ކުދިންނަށް ތަޢުލީމު ހޯދުމަށް ހަމަހަމަ ފުރުޞަތުތަކެއް ތަނަވަސްވެފައި ނެތް އިރު، މަތީ ތަޢުލީމާއި ފަންނީ މަސައްކަތްތެރިކަން ދަސްކުރުމަށް ހުރި ފުރުޞަތުތަކާއި ވަޒީފާ ހޯދުމުގެ ފުރުޞަތު  މަދުކަން ފާހަގަކޮށްލަމެވެ. ހަމަ މިއާއެކު އުމުރުން ދޮށީ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދީ އެމީހުންނީ ބޭނުންތެރި ބަޔަކަށް ހަދައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް އިދާރާތަކުން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހެއެވެ.
ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް އިހްތިރާމް ކުރާ ޘަގާފަތެއް އާލާ ކުރަންޖެހެއެވެ. އެމީހުންނަކީ ވެސް މުޖްތަމައުގައި އުޅޭ އިހްތިރާމް ލިބިގެންވާ ބައެއް ގޮތަށް ވާންޖެހެއެވެ. އެގޮތުން ބިދޭސީ މަސައްކަތެރިން ލައްވާ މަސައްކަތް ކުރުވުމުގައި އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުވުމާއި އަދި މަހުން މަހަށް ހަމައަށް އުޖޫރަ ދިނުމާއި އަދި ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ގާނޫނީ މިންގަނޑުން އަމަލު ކުރުން މުހިންމެވެ. އަދި ހިއުމަން ޓްރެފިކިންގ ގެ ޝިކާރައަކަށް ބިދޭސީ މަސައްކަތްތެރިން ނުވާނެ ހަމަޔަކުން ކަންކަން ބައްޓަންކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައިވެސް ދެކެމެވެ.
ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ވިޔަފާރިތަކަކީ އިންސާނީ ޙައްގުތައް ހިމާޔަތްކުރާ، އަދި އިންސާނީ ކަރާމާތަށް ރައްކާތެރި ވިޔަފާރިތަކަކަށް ވާންޖެހެއެވެ. މަސައްކަތްތެރިންގެ ހައްގު އިސްކޮށް މި ރިވެތި ސިފަ ވިޔަފާރީގައި ގެންގުޅޭ ބަޔަކަށް ވުމަކީ މުހިންމުކަމެކެވެ. މިކަން ކަށަވަރު ކުރުމަށް މި ކޮމިޝަނުންވެސް މިހާރުވަނީ ޙާއްޞަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ.
ރައްޔިތުންނާ ގުޅުން ހުރި ސިޔާސަތުތައް ހަރުދަނާ ކުރުވައި އާންމު ފަރުދުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތް ކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަޔަކީ، މިނިވަން މަދަނީ ޖަމްޢިއްޔާތަކަށް ވީހިނދު ޖަމްޢިއްޔާތަކުގެ ދައުރު ފުޅާވުމަކީ ސަރުކާރުގެ ކަންތައްތައް ސީދާ މަގުން ދިއުމަށް ބާރުއެޅޭ އަދި އޭގެ ސަބަބުން ރައްޔިތުންގެ ޙައްޤުތަކަށް ފުރިހަމަކަން ލިބިގެންދާނެކަމެއްކަމުގައި ފާހަގަކުރަމެވެ. މަދަނީ ޖަމްޢިއްޔާތައް ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ދައުލަތުގެ ތިން ބާރުވެސް މަސައްކަތްކުރުމަކީ މުހިއްމުކަމެކެވެ. އަދި ޤައުމުގެ ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ދެމިއޮންނާނޭ ގޮތަށް އަމަން ބަލަހައްޓަވާ ފަރާތްތަކުން ޢަމަލު ކުރުމަށާއި ކޮންމެ ފަރުދެއްގެވެސް އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ސަމާލުކަން ދެއްވުމަކީ މުހިއްމުކަމެކެވެ. އަޅުގަނޑުމެން އެންމެންނަކީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ، މި ހައްޤުތަކަށް ޤަދަރުކުރާ،  އަދި މި ހައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ލައްވާށި. އާމީން.! ވައްސަލާމްއަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ.
06 ޖުމާދަލްއައްވަލް 1443
10 ޑިސެންބަރު 2021