ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ރަސްމިއްޔާތު ބާއްވައިފި

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ރަސްމީ އިހްތިފާލެއް ރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މި ޤައުމުގެ ޒުވާން ޖީލު އުންމީދުކުރާގޮތަށް، އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމާއި ރައްކާތެރިކޮށްދީ ޙިމާޔަތްކޮދިނުމުގައި ސަރުކާރުން ފުރިހަމައަށް ޒިންމާ އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ކޮމިޝަނުގެ ރައީސް މަރްޔަމް މުނާ އަދި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު ޔާމީން އިބްރާހީމް ވަނީ އެންމެހާ ހާޟިރީންނާ މުޙާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާ އެއްގޮތްވާގޮތުގެ މަތިން، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޘަޤާފަތެއް ޤާއިމުކުރުމާއި އިންސާނީ ޙައްޤުތައް ދިފާޢުކުރުމަށް ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތައް ބާރުވެރިކުރުވައި، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަކީ ކޮމިޝަނުން ޚާއްސަ ސަމާލުކަމެއްދީގެން ކުރައްވާ މަސައްކަތްތަކެއް ކަމަށާއި މިކަންކަން ހާސިލުކުރުމަށްޓަކައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މުހިއްމު މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
ކޮމިޝަނުގެ އައު ވެބްސައިޓް ލޯންޗް ކުރުމާއި ކޮމިޝަނުގެ ފަރާތުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ހިއުމަން ރައިޓްސް ސެޓްފިކޭޝަން އޮފް ބިޒްނަސް ޕްރޮގްރާމް އިފްތިތާޙުކުރުންވެސް މި ރަސްމިއްޔާތުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ސެޓްފިކޭޝަނަށް ކުރިމަތިލާ ވިޔަފާރިތަކުގައި އިންސާނީ ޙައްޤުތަކުގެ ހާލަތު ވަޒަންކޮށް 3 ދަރަޖައަކަށް ވިޔަފާރިތައް ސެޓިފައިކުރެވިގެންދާނެއެވެ.
ހަމައެހެންމެ، މިއަހަރުގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ އެކި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީލިޔުން ދެއްވިއެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ކޮމިޝަނުގެ ރައީސް މަރްޔަމް މުނާއެވެ.