ހިއުމަން ރައިޓްސް ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިފަހުމުނާމާއަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް، ޖަމްއިއްޔާތައް ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތްތަކުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.
މިފަހުމުނާމާގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޓްރޭންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން އިންސާނީ ހައްގުތަކަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ސިވިކް ވެލިއުސް ކުރިއެރުވުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހިއުމަން ރައިޓްސް ކްލަބްތައް ހަރުދަނާކުރުމަށާއި، މި ކްލަބްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ސްޓަޑީ ކޭމްޕެއް ބޭއްވުމާއި، މޮޑެލް ޕާރލިމަންޓެއް ބޭއްވުމާއި، ހިއުމަން ރައިޓްސް ކްލަބް މެނުއަލް ޕްރިންޓްކުރުމާއި، ކުރެހުމުގެ މުބާރާތެއް ބޭއްވުމާއި އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ޖަމްއިއްޔާތަކާ އެކު ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވެވުނެވެ. މީގެ އިތުރުންވެސް ދެފަރާތުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެވުނެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ޖަމްއިއްޔާތަކާ އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން އިތުރު މަދަނީ ޖަމްއިއްޔާތަކާ އެކުވެސް މިފަދަ އެއްބަސްވުންތައް ހެދުމަށް ވަނީ ރާވާފައެވެ.