ވިޔަފާރިއާއި އިންސާނީ ހައްގުތައް

ވިޔަފާރިއާއި އިންސާނީ ޙައްޤުތަކަކީ ކޮބާ؟
ވިޔަފާރި އާއި އިންސާނީ ޙައްޤު ނުވަތަ ބިޒްނަސް އެންޑް ހިއުމަން ރައިޓްސް (BHR) އަކީ ވިޔަފާރިތައް ހިންގުމުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ބާރުއަޅާ ކޮންސެޕްޓެކެވެ. ވިޔަފާރި އާއި އިންސާނީ ޙައްޤުތަކުގެ ކޮންސެޕްޓްގެ ބިންގަލަކީ 2011 ވަނަ އަހަރު އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އެންޑޯޒްކޮށްފައިވާ އދ.ގެ ގައިޑިންގ ޕްރިންސިޕަލްސް އޮން ބިޒްނަސް އެންޑް ހިއުމަން ރައިޓްސްއެވެ. އ.ދ.ގެ މި ގައިޑިންގ ޕްރިންސިޕަލްސް ބިނާވެފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ.
1. އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ދަޢުލަތުގެ ޒިންމާ
ތިންވަނަ ފަރާތަކުން (ވިޔަފާރިތައް ހިމެނޭގޮތަށް) އެއްވެސް ފަރާތެއްގެ އިންސާނީ ޙައްޤަކަށް އަރައިގަތުމުން ރައްކާތެރިކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. މިގޮތުން މިފަދަ އަމަލުތަކުން ފަރުދުން ރައްކާތެރިކުރުމަށާއި، މިފަދަ މައްސަލަތައް ތަހުގީގު ކުރުމާއި، ކުށް ކުރާ ފަރާތްތަކަށް އަދަބުދިނުމާއި، ހައްގުތައް ގެއްލޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކަށީގެންވާ ސިޔާސަތުތަކާއި ޤާނޫނާއި ޤަވާއިދުތައް އެކަށައަޅައި، އެކަށީގެންވާ ޝަރުއީ ނިޒާމް ގާއިމްކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.
2. ވިޔަފާރިތަކުން އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުން
ވިޔަފާރިތަކުން އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރަންޖެހެއެވެ. މިގޮތުން ވިޔާފާރީގެ އެއްވެސް ހަރަކާތަކުން އެއްވެސް މަރުހަލާއެއްގައި އެއްވެސް ފަރުދެއްގެ އިންސާނީ ހައްގަކަށް އަރައިނުގަތުމާއި، ހައްގަކަށް އުނިކަމެއް އަންނަ ހާލަތުގައި ވިޔަފާރީގެ އަމަލުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ވިޔަފާރިތަކުގެ ޒިންމާއެކެވެ.
3. މައްސަލަތަކަށް ހައްލުހޯދުމުގެ މަގު ފަހިކޮށްދިނުން
ވިޔަފާރިތަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ހާލަތުގައި ހައްގު ގެއްލޭފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ޝަރުއީ، އިދާރީ، ނުވަތަ ގާނޫނީ ނިޒާމެއްގެ ތެރެއިން ނުވަތަ އެހެނިހެން ގޮތްގޮތުން އެކަށީގެންވާ އިންސާފު ހޯދުމުގެ އިންތިޒާމްތައް ދައުލަތުން އެކަށައަޅަންޖެހޭނެއެވެ.
ވިޔަފާރިތަކުން އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ޒިންމާ
އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަކީ ވިޔަފާރިއެއްގެ ކުޑަބޮޑުމިނާއި، ދާއިރާއާއި، މާހައުލާއި، އޮނިގަނޑަށް ބެލުމެއްނެތި ހަމަކޮންމެ ވިޔަފާރިއެއްގެވެސް ޒިންމާއެކެވެ. މިގޮތުން ވިޔަފާރި ނުވަތަ ކުންފުންޏެއްގެ ސީދާ ހަރަކާތްތަކުން (ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން)، ނުވަތަ އުފެއްދުމަކުން، ނުވަތަ ފޯރުކޮށްދޭ ހިދުމަތަކުން ނުވަތަ އެހެނިހެން ފަރާތްތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުންތަކުން އިންސާނީ ހައްގަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް ނުވަތަ ހައްގުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ވިޔަފާރިތަކުން ފިޔަވަޅު އަޅަންޖެހޭނެއެވެ.
މިގޮތުން ކޮންމެ ވިޔަފާރިއަކުންވެސް ވިޔަފާރިއެއްގެ ނިސްބަތުން ކުޑަބޮޑުމިނާއި ހާލަތަށް ރިއާޔަތްކޮށް، މި ޒިންމާ ފުރިހަމައަށް އަދާކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި، އިޖުރާއަތުތައް އެކަށައަޅަންވާނެއެވެ. މީގެ ތެރޭގައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވިޔަފާރިތަކުން ދޭ އަހައްމިއްޔަތުކަން ބަޔާންކުރުމާއި، އިންސާނީ ހައްގުތަކަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ ފިޔަވަޅުއެޅުމުގެ ނިޒާމެއް ގާއިމުކުރުމާއި، ހައްގުތައް ގެއްލޭ ފަރާތްތަކަށް އިންސާފު ހޯދުމަށް މަގުފަހިކުރުމުގެ އިޖުރާއަތު އެކަށައެޅުމަކީ ވިޔަފާރިތަކުން އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމުގެ ޒިންމާއަދާކުރުމަށް ކުރަންޖެހޭ ކަންކަމެވެ.
އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވިޔަފާރިތަކުން ދޭ އަހައްމިއްޔަތުކަން ނުވަތަ ޕޮލިސީ ކޮމިޓްމަންޓް
އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމަށް ވިޔަފާރިތަކުން ދޭ އަހައްމިއްޔަތުކަން ފެނިގެންދާނީ ވިޔަފާރިތަކުން އަމަލުކުރުމަށް އެކަށައަޅާ ސިޔާސަތުތަކުގެ ތެރެއިންނެވެ. މި ސިޔާސަތު ބަޔާންކުރާ ލިޔުމެއް އޮންނަންވާނެއެވެ. އަދި މި ސިޔާސަތަކީ އެކުންފުނީގެ އެންމެ އިސްވެރިން ތާއީދުކޮށް، ކަމާބެހޭ މާހިރުންގެ ރައުޔާއެއްގޮތަށް، ވިޔަފާރިއާ ގުޅުންހުރި އެންމެހާ ފަރާތްތަކެއް އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމަށް ބާރުއަޅާ ސިޔާސަތަކަށް ވާންވާނެއެވެ. އަދި، ވިޔަފާރީގެ ހުރިހާ އުސޫލުތަކާއި މަސައްކަތްތައް ބައްޓަން ކުރެވިފައިވާންވާނީ މިސިޔާސަތާ އެއްގޮތަށެވެ.  ހަމައެހެންމެ، ވިޔަފާރިން އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމަށް ކަނޑައަޅާ ސިޔާސަތު އާންމުކޮށް ލިބޭންފަދަ ގޮތަކަށް ޝާއިއުކޮށް މުއައްޒަފުންނާއި ވިޔަފާރީގެ ގުޅުންއޮންނަ އެންމެހާ ފަރާތްތަކަށް އަންގަންވާނެއެވެ.
އިންސާނީ ޙައްޤުތަކަށް ކުރާ ނޭދެވޭ އަސަރު ދެނެގަތުމާއި ނޭދެވޭ އަސަރު ކުޑަކުރުން ނުވަތަ ހިއުމަން ރައިޓްސް ޑިއު ޑިލިޖެންސް
ވިޔަފާރިތަކުން އިންސާނީ ހައްގުތަކަށް ކޮށްފާނެ ނުވަތަ ކުރާ ނާދެވޭ އަސަރުތައް ދެނެގަނެ، އެ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅުއެޅުމަށް މަސައްކަތް ކުރަންޖެހެއެވެ. މިގޮތުން ކަމާބެހޭ މާހިރުން ބޭނުންކޮށްގެން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ވިޔަފާރިން އިންސާނީ ހައްގުތަކަށް ކުރާނެ އަސަރުތައް ދެނެގަންނަންވާނެއެވެ. އަދި އިންސާނީ ހައްގުތަކަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުއަޅައި، އެކަން ތަންފީޒުވަމުންދާ މިންވަރު ވަޒަން ކުރަމުން ގެންދަންވާނެއެވެ.
މައްސަލަތަކަށް ހައްލުހޯދުމުގެ މަގު ފަހިކޮށްދިނުން
ވިޔަފާރިއަކުން ސީދާގޮތުން އަދި ނުސީދާގޮތުންވެސް އިންސާނީ ހައްގަކަށް ނޭދެވޭ އަސަރުކޮށްފައިވާނަމަ ހައްގު ގެއްލިފައިވާ ފަރާތަށް އިންސާފުހޯދުމުގެ ނިޒާމެއް ނުވަތަ ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ފަހިކޮށްދިނުން ނުވަތަ އިންސާފުހޯދުމުގެ މަސައްކަތަށް އެއްބާރުލުންދޭންވާނެއެވެ.
ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ބެންޗްމާކިންގ އެންޑް ސެޓިފިކޭޝަން
"ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ބެންޗްމާކިންގ އެންޑް ސެޓިފިކޭޝަން"އަކީ ރާއްޖޭގައި ވިޔަފާރިއާއި އިންސާނީ ހައްގުތައް ކުރިއަރުވައި ދެމެހެއްޓުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އިން އިސްނަގައިގެން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ވިޔަފާރީގެ މާހައުލުގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ މިންވަރު ވަޒަންކޮށް އެފަރާތްތަކުގެ އަގު ވަޒަންކުރުމެވެ. އަދި އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކަށް މަސައްކަތްކުރުމަށް ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އުފައްދައި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް އިސްކަންދިނުމަށާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ވިޔަފާރިތަކަށް ހިތްވަރުދިނުމެވެ.
ވިޔަފާރިތަކުން އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ މިންވަރު ވަޒަން ކުރުމަށް "ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ބެންޗްމާކިންގ އެންޑް ސެޓިފިކޭޝަން"ގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަކަށް ވަނީ ހުޅުވާލެވިފައެވެ. ބެންޗްމާކް ކުރުމުގައި ކޮމިޝަނުން އަމަލުކުރާނެ އުސޫލެއް ޝާއިއުކޮށްފައިވާނެއެވެ. ވިޔަފާރިތައް އިވެލުއޭޓްކުރުމުގައި ބަލާނެ ކަންކަމާއި، ޕޮއިންޓް ކަނޑައަޅާފައިވާގޮތް ބަޔާންކުރާ ރުބްރިކެއް މި އުސޫލުގައި ހިމަނާފައިވާނެއެވެ. ވިޔަފާރިއެއް އިވެލުއޭޓްކުރުމުގައި މައިގަނޑު 4 ދާއިރާއަކުން ޕޮއިންޓް ދެވޭނެއެވެ. އެ 4 ދާއިރާއަކީ:
1. އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވިޔަފާރިތަކުން ދޭ އަހައްމިއްޔަތުކަން ނުވަތަ ޕޮލިސީ ކޮމިޓްމަންޓް
2. އިންސާނީ ޙައްޤުތަކަށް ކުރާ ނޭދެވޭ އަސަރު ދެނެގަތުމާއި ނޭދެވޭ އަސަރު ކުޑަކުރުން ނުވަތަ ހިއުމަން ރައިޓްސް ޑިއު ޑިލިޖެންސް
3. މައްސަލަތަކަށް ހައްލުހޯދުމުގެ މަގު ފަހިކޮށްދިނުން
4. އިންސާނީ ހައްގުތަކާ ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުން  
ވިޔަފާރިތައް އިވެލުއޭޓްކުރުމަށްފަހު ބެންޗްމާކަށް ރިއާޔަތްކޮށް ސަޓިފިކޭޝަން އެވޯޑެއް ދެވޭނެއެވެ. އެއީ:
       85-100  ޕޮއިންޓް ލިބޭ ފަރާތްތަކަށް ހިއުމަން ރައިޓްސް ސަޓިފައިޑް ގޯލްޑް
       75-84  ޕޮއިންޓް ލިބޭ ފަރާތްތަކަށް ހިއުމަން ރައިޓްސް ސަޓިފައިޑް ސިލްވަރ
       65-74  ޕޮއިންޓް ލިބޭ ފަރާތްތަކަށް ހިއުމަން ރައިޓްސް ސަޓިފައިޑް ބޮރޯންޒް