Human Rights Commission of the Maldives

ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ކަނޑައެޅުން


20-10-2021ތާރީޙް: މި ކޮމިޝަނުން ތަޙްޤީޤު ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ޤާނޫނު) އާއި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީ.އާރް.ސީ) އާއި ޔުނައިޓެޑް ނޭޝަންސް ސްޓެންޑަރޑް މިނިމަމް ރޫލްސް ފޮރ ދަ އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް (ދަ ބެއިޖިންގް ރޫލްސް) އާއި ސީ.އާރް.ސީ ކޮމިޓީގެ ޖެނެރަލް ކޮމެންޓް ނަންބަރު 24 (ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ކުޑަކުދިންގެ ޙައްޤުތައް)ގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި ރައްކާތެރިކަން އެކުދިންނަށް ލިބިދޭ ތަނެއް ނޫންކަމަށާއި އަދި ދަ ޔުނައިޓެޑް ނޭޝަންސް ސްޓެންޑަރޑް މިނިމަން ރޫލްސް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް) އަށް ރިޢާޔަތްކުރާއިރު އެތަނަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް މި ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. އަދި ކޮމިޝަނުން 2020 ނޮވެމްބަރު 8އިން 10އަށް ކ.ހިންމަފުށީ އައްސޭރި ޖަލަށް ކުރި ޒިޔާރަތުގައި އައްސޭރި ޖަލުގައި ބިނާކުރަމުންދާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށްއޮތް 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދީފައިވީނަމަވެސް، ކޮމިޝަނުން 2021 ސެޕްޓެމްބަރު 16ވަނަ ދުވަހު ކ.ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތް ކުރިއިރުވެސް އަލަށް ބިނާކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާތީ، 2021 އޮކްޓޫބަރު 14 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކ.ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށާއި، އެ ތާރީޚުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލުގައި ކުޑަކުދިން ބަންދު ނުކުރުމަށް ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނުން ވަނީ 2021 އޮކްޓޯބަރ 14ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ޤާނޫނީ އެންގުމެއް އަންގާފައެވެ.
މި އެންގުމުގައި، ކ.ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޕްލޭނެއް 2021 އޮކްޓޯބަރ 24 ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށްވެސް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގާފައެވެ.