Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުން ދައުލަތުގެ ބައެއް އިދާރާތަކަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފި


13-10-2021ތާރީޙް: 



އިންސާނީ ޙައްޤުތަކާއި އެންޓި-ޓޯޗަރ އާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ 02 ސެޝަނެއް ކޮމިޝަނުގެ ފަރާތުން ގދ. ތިނަދޫގެ ބައެއް އިދާރާތަކަށް އަމާޒުކޮށް، 2021 އޮކްޓޯބަރު 11 ވީ ހޯމަ ދުވަހު ކުރިއަށްގެންގޮސްފިއެވެ.
މި ސެޝަނުގެ މަޤްޞަދަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ އިންސާނީ ޙައްޤުތަކާމެދު ހޭލުންތެރި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަކަށްވުމަށް ބާރުއެޅުމާއި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު2013 ) އާއި ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން އިދާރާތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ.
ކޮމިޝަނުން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ގދ. ތިނަދޫ ގޮފީގެ މުވައްޒަފުންނާއި ތިނަދޫ ކައުންސިލް އިދާރާގެ މުވައްފަޒުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފުލުހުން އަދި ގދ. ތިނަދޫ ހޮސްޕިޓަލުގެ ނަރުހުން ހިމެނެއެވެ.