Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި


05-10-2021ތާރީޙް: 



ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް 2021 އޮކްޓޯބަރު 03 ގައި މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ.
މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި މީހުންނާމެދު ޢަމަލު ކުރެވޭގޮތާއި، ތަނުގެ ޢާންމު ޙާލަތާއި، މި ސްޓޭޝަނުގައި ބަންދު މީހުންނާއިމެދު ހިނގާފާނޭ އެއްވެސް އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލެއް ހިގާތޯބެލުމާއި، އެފަދަ ޢަމަލަކަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ ބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު)އާއި ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން މި ސެންޓަރުގައި ޚިދުމަތް ފޯރުކޮށްދޭތޯ ބެލުމެވެ.
އަދި ހަމަމިއާއެކު، މި ސްޓޭޝަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، މިފަދަ މާޙައުލެއްގައި މަސައްކަތްކުރާއިރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން މުވައްޒަފުންނަށް ލިބިދޭތޯ ބަލައި، މި ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއްމު ޙާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުންވެސް މިޒިޔާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި މިފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަންދުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެނެގަތުމަކީވެސް މި ޒިޔާރަތުގެ އެއް މަޤްޞަދެވެ.
ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، ރައީސުލްޖްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާޢިދުން ފޮލޯ-އަޕް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މި ޒިޔާތަރަކީ ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކުރާ ދެވަނަ ޒިޔާރަތެވެ. ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2014 ޖަނަވަރީ 22 ވަނަ ދުވަހު މޮނިޓަރިންގ ޒިޔާރަތެއްކޮށް، ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗައް ރިއާއަތްކޮށް، އިޞްލާޙުކުރުމަށް 9 ހުށަހެޅުމެއް ކަމާގުޅޭ އިދާރާއަށް ހުށަހަޅާފައިވެއެވެ.