Human Rights Commission of the Maldives

ނޫސްބަޔާން - PR-11/2020


20-05-2020ތާރީޙް: ހިއުމަން ރައިޓްސް ކޮމިޝަނުން މިނިވަން މުސްތަޤިއްލުކަމާއެކު އަދާކުރަމުންދާ ޤާނޫނީ ވާޖިބާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް 2020 މެއި 19 ވަނަ ދުވަހު އޮންލައިން ނޫސް ރާއްޖެ.އެމްވީގައި ޝާއިޢުކޮށްފައިވާ ޚަބަރު " 'މިނިވަން' ހިއުމަން ރައިޓްސް ކޮމިޝަންގެ ބަދަހި އާއިލީ އޮނިގަނޑު" ގައި ހާމަކޮށްފައިވާ މަޢުލޫމާތުތަކުގައި ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ހިމަނާފައިވާކަން ފާހަގަކުރަމެވެ. އަދި މި ޚަބަރު ޝާއިޢު ކުރުމުގެ ކުރިން ޚަބަރުގައި ހިމަނާފައިވާ އެއްވެސް ކަމަކާ ގުޅޭ މަޢުލޫމާތު ކޮމިޝަނަށް ގުޅައި ސާފުކޮށްފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

އެގޮތުން، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އާމިނަތު އީނާސް އާއި ކޮމިޝަނުގެ މެންބަރު ޢާއިޝަތު އަފްރީން މުޙައްމަދު އަކީ ދެބެންގެ ދެދަރި މީހުންކަމަށް އެ ޚަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކޮމިޝަނާމެދު ޢާއްމުންގެ މެދުގައި ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި ފަތުރާފައިވާ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެކެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އާމިނަތު އީނާސް އަދި ކޮމިޝަނުގެ މެންބަރު ޢާއިޝަތު އަފްރީން މުޙައްމަދަކީ ދެބެންގެ ދެދަރި ބައެއް ނޫނެވެ.

އަދި ހަމައެހެންމެ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސް މުޙައްމަދު ޒާހިދަށް ބޮޑު ބޭބެ ކިޔާ މުވައްޒަފެއް ކޮމިޝަނުގެ ބަޖެޓުގެ ވަޒީފާއަކަށް ނަގާފައިވަނީ މުޙައްމަދު ޒާހިދު ކޮމިޝަނުގެ ނައިބު ރައީސް ކަމަށް ޢައްޔަނު ކުރި ފަހުން ކަމުގައި ޙަވާލާދީފައިވާ ޚަބަރުގައި ޝާއިޢުކޮށްފައި ވިޔަސް، ޙަޤީޤަތަކީ އެ މުވައްޒަފަކީ ކޮމިޝަނުގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އެ މަޤާމަށް ޢައްޔަނު ކުރުމުގެ ކުރިން މި ކޮމިޝަނުގެ ވަޒީފާ އަށް ކޮމިޝަނުގެ އުޞޫލުތަކާ އެއްގޮތަށް ނަގާފައިވާ މުވައްޒަފެއް ކަމެވެ. އެގޮތުން، ކޮމިޝަނުގެ ނައިބު ރައީސް ކަމަށް މުޙައްމަދު ޒާހިދު ޢައްޔަނު ކޮށްފައިވަނީ 15 ޖޫން 2017 ގައެވެ. އަދި ނައިބު ރައީސް މުޙައްމަދު ޒާހިދަށް ބޮޑު ބޭބެ ކިޔާ މުވައްޒަފު ކޮމިޝަނުގެ ވަޒީފާއާ ގުޅިފައިވަނީ 2017 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.

މީގެއިތުރުން، ރާއްޖެއެމްވީގެ އެޚަބަރުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ޢާއިޝަތު އަފްރީން މުޙައްމަދު ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނު ކުރުމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޢަމަލުކުރައްވާފައިވާ ގޮތާމެދު ސުވާލު އުފެދޭފަދަ ގޮތަކަށް ޚަބަރު ގެނެސްދީފައި ވިޔަސް، ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމަށް ޢާއިޝަތު އަފްރީން މުޙައްމަދާއި އެހެނިހެން މެންބަރުންވެސް ޢައްޔަނުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަނު ކުރާ ޢާއްމު އުޞޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެފުށް ފެންނަ ފުރިހަމަ ސިޔާސަތުގެ ތެރެއިންކަން ރައްޔިތުންގެ މަޖިލީހުގެ ރެކޯޑުތަކުން އެނގެން އޮންނާނެއެވެ.

ކޮމިޝަނުގެ މެންބަރު ޢާއިޝަތު އަފްރީން މުޙައްމަދުގެ ފިރިކަލުންގެ ދައްތައެއް ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި ކޮމިޝަނުގެ ވަޒީފާއަށް ކޮމިޝަނުގެ އުޞޫލުގެ ތެރެއިން 2010 ވަނަ އަހަރު ނަގާފައިވަނީ ކޮމިޝަނުގެ މެންބަރު ކަމަށް ޢާއިޝަތު އަފްރީން މުޙައްމަދު ޢައްޔަނު ކުރުމުގެ 5 އަހަރު ކުރިންނެވެ. އެހެންކަމުން، ކޮމިޝަނުގެ ވަޒީފާއަށް 2010 ވަނަ އަހަރު މި މުވައްޒަފު ނެގިއިރު މުސްތަޤްބަލުގައި އޭނާގެ ފަހަރިއެއް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކޮށްފާނެކަމަށް ތަޤްދީރުގައިވާކަން އެނގެން ނޯންނާނެކަމީ އެނގެން އޮތް ޙަޤީޤަތެކެވެ. އަދި މިއީ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާ އަދި ކޮމިޝަނުން ކުރާ ޤާނޫނީ މަސައްކަތާމެދު ސުވާލު އުފެއްދޭނެ ކަމެއްނޫން ކަމުގައި ދަންނަވަމެވެ. އަދި ހަމައެއާއެކު، 18 ވަނަ ރައްޔިތުންގެ މަޖިލީހުން ހިއުމަން ރައިޓްސް ކޮމިޝަނުގެ 4 ވަނަ ދައުރުގެ މެންބަރުން މަޖިލީހަށް ޙާޟިރުކޮށް ސުވާލު ކޮށްފައިނުވުމަކީ އެކަމުގެ ސަބަބުން މި ކޮމިޝަނުގެ މިނިވަން މުސްތަޤިއްލު ކަމާމެދު މިކޮމިޝަނާ އެއްވެސް ފަރާތަކުން އެއްވެސް ސުވާލެއް ކުރިމަތިކުރެވޭނެ ކަމެއް ނޫންކަމުގައިވެސް ކޮމިޝަނުން ދެކެމެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގައި، ކޮމިޝަނުގެ މަސައްކަތްތައް ކުރުމަށް އަތުރާލާފައި އޮތް އޮނިގަނޑަކީ މިނިވަންކަމާއެކު މުއައްޒަފުންނަށް މަސައްކަތް ކުރެވޭނެ ފަދަ ގޮތަކަށް ތަރުތީބު ކޮށްފައިވާ އޮނިގަނޑެކެވެ. އަދި ފެށުނީއްސުރެ، ކޮމިޝަނުގެ ވަޒީފާއަށް މުވައްޒަފުން ނަގާފައިވާނީ ހުޅުވާލާފައިވާ މިނިވަން އިންސާފުވެރި އުޞޫލާ ހަމަތަކުގެ މަތިންކަމުގައި ދަންނަވަމެވެ.

މިފުރުޞަތުގައި، ރާއްޖޭގެ މިނިވަން މުސްތަޤިއްލު ކޮމިޝަނަކާމެދު ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރައި، މިނިވަންކަމާއެކު މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއެމްވީ އިން ސުވާލު އުފައްދައި ޙަޤީޤަތާ ޚިލާފު ދޮގު ޚަބަރު ފަތުރާފައިވާކަމީ، ޒިންމާދާރު ނޫސްވެރިކަމުން އެއްކިބާވެ، ވަކިއަތަކަށްޖެހި ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމުގައި މިކޮމިޝަނުން ސިފަ ކުރަމެވެ. އަދި މިފަދަ ޚަބަރުތައް ފެތުރި ކަމުގައިވިޔަސް، ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާ ކުރުންމަތީ މިކޮމިޝަނުން ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް ދެމެވެ.