Human Rights Commission of the Maldives

ޤައުމީ ކުޑަކުދިންގެ ދުވަސް


10-05-2020ތާރީޙް: ޤައުމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާ މުބާރަކުބާދު ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ކުޑަކުދިންނަށް މި ކޮމިޝަނުގެ މެންބަރުންނާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ފޮނުވަމެވެ. މި ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކޮށް، ޤާނޫނީ ގޮތުން އެކުދިންނަށް ލިބިދޭ ރައްކާތެރިކަމާ އެންމެހާ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމާއި، އެ ކުދިންނަށް ބޭނުންވާ އެކަށޭނަ ތަޢުލީމާއި ތަރުބިއްޔަތުދީ، އަމާން ވެށްޓެއް ޤާއިމްކުރުމަށް މަސްޣޫލުވާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ކުޑަކުދިންނަށް ހެދިބޮޑުވެވޭނެ މާޙައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަށެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި (ޤާނޫނު ނަންބަރު:2019/19)، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު (ގާނޫނު ނަންބަރު 2019/18) އަށް ޢަމަލު ކުރަންވަނީ ފަށާފައެވެ. މިކޮމިޝަނަށް ހުށަހެޅޭ ކުޑަކުދިންނާގުޅުންހުރި، މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ ޖިސްމާނީ، ނަފްސާނީ، އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި، ހަނގާކުރުމުގެ މައްސަލަތަކާ އަދި އިހުމާލުގެ މައްސަލަތައް ހިމެނެއެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަންޖެހިފައި މިވަނީ ކޮވިޑް-19 ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލުކުރަމުންދާ ޙާލަތުގައެވެ. މަދަރުސާތަކާއި ތަޢުލީމުދޭ އެހެނިހެން މަރުކަޒުތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ދަރިވަރުންގެ އުނގެނުމުގެ ޙައްޤު ކަށަވަރުކުރުމަށް ދައުލަތާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ. އަދި ގޭގައި ކުދިން ހޭދަ ކުރާ ވަގުތަކީ އުފާވެރި، އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަކަށް ކަންކަން ރޭވިފައިވާ ވަގުތުތަކަށް ހެދުމަށް އިލްތިމާސްކުރަމެވެ. މި ޙައްޞާޞީ ދަނޑިވަޅުގައި، ޚާއްޞަ އެހީއާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ޢާއިލާއިންނާއި ދައުލަތުން ފޯރުކޮށްދޭންޖެހޭ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ އަހައްމިޔަތުކަމެއް ދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ. އެގޮތުން، އެފަދަ ކުދިންނަށް ބޭނުންވާ ޞިއްޙީ އަދި އެހެނިހެން އަސާސީ ކަންކަން ފުރިހަމަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ވީހާވެސް އަވަހަށް ޤާއިމުކުރުމަށް އިލްތިމާސްކުރަމެވެ. ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއަކަށްވީ ހިނދު، ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގޭނަމަ ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ކުޑަކުދިންނާ ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި، އެކުދިންގެ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ރިޕޯޓުކުރުމަށް އެންމެހާ ފަރާތްތަކަށް ނަޞޭހަތްތެރިވަމެވެ.