Human Rights Commission of the Maldives

ބައިނަލްއަޤްވާމީ ހިޖުރަވެރިންގެ ދުވަސް 2019


18-12-2019ތާރީޙް: ބައިނަލްއަޤްވާމީގޮތުން ހިޖުރަވެރިންގެ ދުވަހެއް ފާހަގަކުރުމުގެ މަޤްސަދަކީ އެކިއެކި ބޭނުންތަކުގައި އަމިއްލަ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކޮށްއުޅޭ މީހުނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ހޭލުންތެރިކޮށް، އެގޮންޖެހުންތައް ޙައްލުކުރުމަށް ވަކާލާތުކުރުމާއި، ޙައްޤުތައް ރައްކާތެރިކުރުމަށް ބާރުއެޅުމެވެ.

ދިވެހިރާއްޖެއަށް މައިގަނޑުގޮތެއްގައި ހިޖުރަކުރަނީ މަސައްކަތްތެރިން ކަމަށްވާއިރު، ހިޖުރަވެރީންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި އެފަދަ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށް ތަފާތު ޤާނޫނުތައް ހަދާފައިވެއެވެ. މި ޤާނޫނުތަކާއި ޤަވާޢިދުތަކުން ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް އެކަށައަޅައި، އެފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅި ބަޔާންވެގެންވީ ނަމަވެސް، ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތަކާއި އަދި އެކަމުގައި ޝާމިލުވާ އެހެނިހެން ފަރާތްތަކުން މި މަސައްކަތްތެރިންގެ ޙައްޤުތަކަށް ދަނީ އަރައިގަންނަމުންނެވެ. އެގޮތުން، ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކުގެ ތެރޭގައި ރައްކާތެރިކަންނެތް މާހައުލުގައި މަސައްކަތްކުރަން ޖެހުމާއި، މަސައްކަތުގެ އުޖޫރަ ނުދިނުމާއި، ނިސްބަތްވާ ޤައުމު ނޭނގުމާއި، ބިދޭސީއަކަށްވީތީ ތަފާތުކުރުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި ދިރިއުޅެން ޖެހުމާއި، މަސައްކަތްކުރުވާ ފަރާތްތަކުން ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިޔުން އަތުލުމާއި، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމާއި، އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ)ގެ މައްސަލަތަކާއި، މަސައްކަތްކުރުވާ ފަރާތުގެ އިޙުމާލުން ނުރައްކާތެރި ޙާލަތްތަކަށް ހުށަހެޅި ބިދޭސީ މަސައްކަތްތެރިން މަރުވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަތަކާ އަދި ބިދޭސީ މަސައްކަތްތެރިން ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ.

އެހެންކަމުން، ޤާނޫނުތަކާއި ޤަވާޢިދުތަކުން ލިބިދީފައިވާ ޙައްޤުތަކާއި ރައްކާތެރިކަން ތަފާތުކުރުމެއްނެތި އެފަރާތްތަކަށް ކަށަވަރުކޮށްދީ، މިކަމާމެދު ރައްޔިތުންނާއި ބިދޭސީ މަސައްކަތްތެރިން ހޭލުންތެރިކުރުވައި، ދުޅަހެޔޮ މުޖުތަމަޢުއެއް ޤާއިމުކުރުމަށް މި ކޮމިޝަނުން ކުރާ މަސައްކަތުގައި ދިވެހި ދައުލަތާއި މީޑިއާތަކާއި މަދަނީ ޖަމާޢަތްތަކުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ގޮވާލަމެވެ. އަދިހަމައެހެންމެ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާމެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކާއި، ނޭދެވޭ ތަފާތުކުރުންތައް ނައްތާލައި، އެފަރާތްތަކާމެދެ އިޙްތިރާމާއެކު މުޢާމަލާތްކުރުމަށްވެސް އިލްތިމާސްކުރަމެވެ. ހަމަމިއާއެކު، ރާއްޖެއަށް ހިޖުރަކުރާ ބިދޭސީ މަސައްކަތްތެރިންވެސް އެފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭކަންވެސް މި ދަނޑިވަޅުގައި ފާހަގަކުރަމެވެ.