Human Rights Commission of the Maldives

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަސް 2019


19-11-2019ތާރީޙް: ކުޑަކުދިންނަށްކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޑަކުދިންނަށްކުރާ އަނިޔާއާ މެދު އާންމުން ހޭލުންތެރިކޮށް، ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ބާރުއެޅުމާއި އަނިޔާއިން ކުޑަކުދިން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރުމެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލު ފާސްވެގެންދިއުމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިކަމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު ހެޔޮ ބިންގަލެއްކަމުގައި މި ކޮމިޝަނުން ދެކެމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި ކުޑަކުދިންނަށްކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކަށް ހުށައެޅިފައިވެއެވެ. މިގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށައެޅޭ މައްސަލަތަކުގެތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އާއިލާގެ ފަރާތުންވާ އިހުމާލާއި، ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، އާއިލާގެ ފަރާތުންނާއި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. މީގެއިތުރުން ދައުލަތުގެ މުއައްސަސާތަކުން ވާ އިހުމާލާއި، ކުޑަކުދިންނަށް ގަނާކުރާކަމަށް ބުނެ ހުށަހަޅާ މައްސަލަތައްވެސް ހިމެނެއެވެ.

ކުޑަކުދިންނަށްކުރާ އަނިޔާ ހުއްޓުވައި، އެކިއެކި ކުށްތަކުގައި ހައްޔަރުކުރެވޭ ކުޑަކުދިން ބަންދުގައި ތިބޭ ބޮޑެތި މީހުންނާ ވަކިން ބައިތިއްބާނެ އިންތިޒާމް ހަމަޖައްސަންޖެހެއެވެ. ހަމައެހެންމެ، ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށުގެ ވެއްޓާ ދުރުހެލިކޮށް، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް ކަނޑައެޅިފައިވާ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަން ފާހަގަކުރަމެވެ. ހަމައެހެންމެ، އަނިޔާ ލިބޭ ކުދިންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

މީގެއިތުރުން، ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ތަޙުޤީޤު މަރުޙަލާ ލަސްވެ، މައްސަލައިގެ ހެކިގެއްލި، އިންސާފު ހޯދައިދިނުމަށް ހުރަސްއެޅޭކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖަޢާކޮށް، މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ޤާއިމުކޮށް، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަންޖެހެއެވެ. ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލުކަމަށްވީ ހިނދު އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް ލިބެންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ދިނުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށްދެކި،
އެކުދިންނަށް ރައްކާތެރިކަންދިނުމަށް މައިންބަފައިން އަދި މުޖުތަމަޢުއިން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއްކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.