Human Rights Commission of the Maldives

2019 ޖޫން 20 ވަނަ ދުވަހު ކ. މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތާގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްޞާކޮށްފި


24-06-2019ތާރީޙް: 2019 ޖޫން 20 ވަނަ ދުވަހު މާފުށީ ޖަލުގެ ހަތަރުވަނަ ޔުނިޓުގެ، އެއްވަނަ ވިންގުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ކ. މާފުށީ ޖަލުގައި ބަންދުމީހުންނަށް އަނިޔާކުރަމުންދާކަމަށްބުނެ މިހާތަނަށް 5 ފަރާތަކުން މި ކޮމިޝަނުގެ 1424 އަށް ގުޅާ މައްސަލަ ހުށައަޅާފައިވެއެވެ. އަދި، މި ހާދިސާ ތަޙްޤީޤުކުރަމުންދަނީ ޚައްޞާސް މައްސަލައެއްގެ ގޮތުގައި މި ކޮމިޝަނުން އިސްނަގައިގެންނެވެ.

ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) އާއި، އ.ދ ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިޔުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމެންޓް (ކެޓް ކޮންވެންޝަން) އާއި، މި މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިޔުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމެންޓް (އޮޕްކެޓް)ގެ 4 ވަނަ ބާބުގެ ދަށުން ކޮމިޝަނުން ކުރުމަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްކުރާ މަސައްކަތްތަކުގެތެރެއިން 2019 ޖޫން 20 ވަނަ ދުވަހު ކ. މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާގެ މަޢުލޫމާތު މި ކޮމިޝަނަށް ލިބުނު ވަގުތުން ފެށިގެން މި ކޮމިޝަނުގެ ރެޕިޑް ރެސްޕޯންސް ޓީމާއި، ތަޙްޤީޤު ޓީމުންވަނީ މަސައްކަތް ފަށާފައެވެ.
މިގޮތުން، މި ހާދިސާއާ ގުޅިގެން މި ކޮމިޝަނުން ކޮށްފައިވާ މަސައްކަތާގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ 2019 ޖޫން 24 ވަނަ ދުވަހުވަނީ ޙިއްސާކޮށްފައެވެ.