Human Rights Commission of the Maldives

ޤައުމީ ކުޑަކުދިންގެ ދުވަސް 2019


10-05-2019ތާރީޙް: ޤައުމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދު ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ލޮބުވެތި ކުޑަކުދިންނަށް ފޮނުވަމެވެ. މި ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތަކަށް އެންމެހާ ފަރާތްތައް އަހުލުވެރިކުރުވައި، އެކުދިންނަށް އަމާން ވެއްޓެއް ޤާއިމުކުރުމަށް މަސައްކަތްކުރުމަށް ބާރުއަޅައި، އެކުދިންނަށް ބޭނުންވާ އެންމެހާ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި، ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމާއެކު ދުޅަހެޔޮ ސިއްޙަތެއްގައި އެކުދިން ހެދިބޮޑުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަމާމެދު މުޖުތަމަޢު ހޭލުންތެރިކުރުމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ޢާއިލާގެ ފަރާތުންނާއި، ޖަމާޢަތުގެ ފަރާތުން އަދި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް ލިބިގެންވާ ޙައްޤެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު އެކުލަވާލާފައިވެއެވެ. އެހެންނަމަވެސް، މިހާރު ޢަމަލުކުރަމުންދާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގައި ކުޑަކުދިންގެ ޙައްޤުތަކާމެދު އިހުމާލުވާ ފަރާތްތަކާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި، ދޭނެ އަދަބުތައް ބަޔާންކޮށްފައި ނެތުމަކީ ކުޑަކުދިންގެ ޙައްޤުތައް އެންމެ ފުރިހަމަގޮތުގައި ރައްކާތެރިކުރުމަށް އޮތް ގޮންޖެހުމެއްކަން ފާހަގަކުރެވެއެވެ.

2018 ވަނަ އަހަރު ކުޑަކުދިންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ކުޑަކުދިންނަށްކުރާ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި، އިހުމާލުވުމުގެ މައްސަލަތަކާއި ހަޟާނާތުގެ މައްސަލަތައް ހިމެނެއެވެ. މީގެއިތުރުން، މައިންބަފައިންގެ މެދުގައިޖެހޭ މައްސަލަތަކާއި، ހަޟާނާތުގެ މައްސަލަތަކުގައި އަމިއްލަ ފައިދާއަށް ދަރިން ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަތައްވެސް ފާހަގަކުރެވިފައިވެއެވެ.

ކުޑަކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި، ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެ އަވަހަށް ފާސްކުރުމަކީ މުހިއްމުކަމެއްކަން ކޮމިޝަނުން ފާހަގަކުރަމެވެ. ހަމަމިއާއެކު މިހާރު ހެދިފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށް، އެ ޤާނޫނުތަކަށް މީހުން އަހުލުވެރިކުރުވުމަކީ ނުހަނު މުހިއްމުކަމެކެވެ. މީގެއިތުރުން، ކުޑަކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، ކުޑަކުދިންނަށް އެކި ބާވަތްތަކުގެ އަނިޔާކުރާ ފަރާތްތައް އަވަހަށް ޝަރީޢަތުގެ ކުރިމައްޗަށް ޙާޟިރުކޮށް، އެފަދަ ފަރާތްތަކަށް ޙައްޤުވާ އަދަބު ދިނުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން ކޮމިޝަނުން ދެކެމެވެ.

ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެކެވެ. އެގޮތުން މައިންބަފައިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ކުއްޖާގެ މަޞްލަޙަތަށް އިސްކަންދީ، އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބެމުންދާކަން އެނގޭނަމަ އެކަން ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓުކުރުމަށް އެންމެހާ ފަރާތްތަކަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. ހަމަމިއާއެކު، ކުޑަކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޚަބަރު ފަތުރާ ވަޞީލަތްތަކާއި، މީސް މީޑިއާގެ ޒަރިއްޔާއިން ރިޕޯރޓުކުރުމުގައި އެކުދިންގެ ކަރާމާތަށް އުނިކަން ނާންނާނެގޮތަށް ޒިންމާދާރުކަމާއެކު ރިޕޯޓުކުރުމަށް އެންމެހާ ފަރާތްތަކަށް މިފުރުސަތުގައި ނަސޭހަތްތެރިވަމެވެ.