Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި


30-04-2019ތާރީޙް: ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2019 އެޕްރީލް 29 އަދި 30 ގައި ވަނީ މޮނިޓަރިންގ ޒިޔާރަތެއްކޮށްފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުނާއި މުވައްޒަފުންގެ ޢާންމު ޙާލަތު ދެނެގަތުމެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން ޢާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް، ޒިޔާރަތްކުރާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ޙިއްޞާކޮށް އަދި މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް ލިޔާ ރިޕޯޓު ތައްޔާރުކޮށް އެ ރިޕޯޓް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ޙިއްޞާކުރުމަށްފަހު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށައަޅާފައިވާ ހުށައެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު ބައްދަލުވުމެއް ބޭއްވޭނެއެވެ. މީގެއިތުރުން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކޮމިޝަނުން 2008 ވަނަ އަހަރުން ފެށިގެން ގަވައިދުން ޒިޔާރަތްކޮށް، ޖުމްލަ 11 ޒިޔާރަތެއް މިހާތަނަށް ކޮށްފައިވެއެވެ. އެންމެފަހުން މި މަރުކަޒަށް 2017 ވަނަ އަހަރު ކޮށްފައިވަނީ ފޮލޯއަޕް ޒިޔާރަތެކެވެ.