Human Rights Commission of the Maldives

ނޫސްބަޔާން - PR-05/2019


07-04-2019ތާރީޙް: 2019 އޭޕްރީލް 6 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީސް އިންތިޚާބަކީ، ޤާނޫނުއަސާސީއާއި، އިންތިޚާބާ ގުޅޭ ޤާނޫނުތަކާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ ފަދައިން މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށްޓަކައި، ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔައިރު މާލޭސިޓީއާއި އަތޮޅުތެރޭގައި ބެހެއްޓިފައިވާ 20 ފޮށްޓެއްގެ ވޯޓުލުމުގެ ކަންތައްތައް ހިނގަމުންދިޔަގޮތް ބެލުމަށް ކޮމިޝަނުން ހަރަކާތްތެރިވެފައިވެއެވެ. ހަމަމިއާއެކު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަގޮތް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މޮނީޓަރކޮށްފައިވެއެވެ.

މި މަސައްކަތުގެ ތެރޭގައި، ވޯޓުލުމުގެ ޙައްޤާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކާއި، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ޙައްލު ހޯދުމަށް މަސައްކަތްކުރެވިފައިވެއެވެ. މިގޮތުން، މި އިންތިޚާބާ ގުޅިގެން ކޮމިޝަނަށް 5 މައްސަލަ ހުށަހެޅި، ހުރިހާ މައްސަލައަކަށް ޙައްލު ހޯދާދީފައިވެއެވެ.

މި އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގޮސްފައިވަނީ އަމާންކަމާއެކުގައިކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން ގިނަ ފޮށިތަކުގައި ގަޑިއަށް ވޯޓުލާންފަށައި، ހަމަޖެހިފައިވާ ގަޑިއަށް ކިޔޫ ބަންދުކޮށް، ވޯޓު ގުނަން ފަށާފައިވާކަން ފާހަގަކުރެވިފައިވެއެވެ. މީގެއިތުރުން، ގިނަ ވަގުތު ކިޔޫގައި ތިބެން ނުޖެހޭގޮތަށް ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމާއި، އިންތިޚާބު ކުރިއަށްދިޔަ ވަގުތު ދިމާވި މައްސަލަތަކަށް އަވަސް ޙައްލެއް އިލެކްޝަންސް ކޮމިޝަނުން ހޯދާދީފައިވާކަންވެސް ފާހަގަކުރަމެވެ. ހަމަމިއާއެކު، ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ފުލުހުން ހަރަކާތްތެރިވެފައިވާކަމާއި، ވޯޓުލުމުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރަމެވެ.
މި އިންތިޚާބާ ގުޅޭގޮތުން ރަނގަޅުކުރުމަށް ފާހަގަކުރެވުނު ކަންކަމަށް ބިނާކޮށް، ހުށަހަޅާ ހުށަހެޅުންތަކާއެކު ތައްޔާރުކުރާ ރިޕޯޓު އިލެކްޝަންސް ކޮމިޝަނާއި ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކުރެވޭނެއެވެ.

މި އިންތިޚާބުގެ އެންމެހާ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދެވިފައިވަނީ އިލެކްޝަންސް ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ސިޔާސީ ޕާޓީތައް އަދި އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކީގައިކަން ކޮމިޝަނުން ފާހަގަކުރަމެވެ. ހަމަމިއާއެކު، މި އިންތިޚާބުގެ ނަތިޖާއަށް އިޙްތިރާމުކޮށް، ޤައުމުގެ ސުލްޙަ މަސަލަސްކަމަށް އިސްކަންދިނުމަށް ހުރިހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.