Human Rights Commission of the Maldives

ނޫސްބަޔާން - PR-04/2019


05-04-2019ތާރީޙް: 2019 އޭޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްތޯ ކަށަވަރު ކުރުމުގެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިންތިޚާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރާއިރު، އިންތިޚާބު އޮންނަ ދުވަހުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމާއި، އިންތިޚާބު ބާއްވާ ދުވަހު އިންތިޚާބު އޮބްޒާވްކުރުމާއި، އިންތިޚާބުގެ ފަހުން ހިނގާ ކަންކަން އޮބްޒާވްކުރުން ހިމެނެވެ.
އެގޮތުން އިންތިޚާބުގެ ކުރީގެ މަރުހަލާ މޮނިޓަރކުރުމުގައި އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމުގެ ގޮތުން މީޑީއާގެ އެކި ވަޞީލަތްތައް މޮނިޓަރކޮށް، ފާހަގަވާ ކަންކަމާއި، ކަމާގުޅުން ހުރި އެކި ފަރާތްތަކާ އެކު ބާއްވާފައިވާ ބައްދަލުވުންތަކުން ފާހަގަވެފައިވާ ކަންކަމާއި، އިންތިޚާބާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، އެހެނިގެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ކަންކަމަށް އަލިއަޅުވާލައި، ހާލަތު ދެނެގަތުމުގެ ގޮތުން ކޮންމެ ހަފްތާއަކު ރިޕޯޓެއް ތައްޔާރުކޮށް، މި ރިޕޯޓުގައި ފާހަގަވާ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭފަރާތްތަކާ މަޝްވަރާކޮށް، މި ކަންކަން ހައްލުކުރުމަށް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުންނެވެ.

ހަމަމިއާއެކު، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާކޮށް، ކޮމިޝަނުގެ ހުރި ކަންބޮޑުވުންތައް ކަމާގުޅުންހުރި އިދާރާތަކާ ވާނީ ހިއްސާކުރެވިފައެވެ. މީގެ އިތުރުން، ވޯޓުލުމުގެ ޙައްޤާއި އިންތިޚާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކޮމިޝަނުން ދަނީ ކުރަމުންނެވެ. މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް ގާއިމްވެފައިވޭތޯ ބެލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮމިޝަނުގެ ޓީމުތަކުން ޒިޔާރަތްކޮށް، ހާލަތު ވަނީ ދެނެގަނެވިފައެވެ.

މިގޮތުން މިހާތަނަށް ކޮމިޝަނުން ކުރި މަސައްކަތްތަކުން ފާހަގަކުރެވުނުގޮތުގައި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކާ ކަމާގުޅޭ އެންމެހާ އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރެވި އެކަށީގެންވާވަރަށް އިންތިޒާމުތައް ހަމަޖެހިފައިވެއެވެ. އެހެންނަމަވެސް މިނިވަންކަމާއެކު އެމީހަކު ބޭނުން ކެނޑިޑޭޓަކަށް ވޯޓުލުމުގެ ޙައްޤަށް ހުރަސްއެޅޭފަދަ ގޮތަކަށް ނާޖާއިޒު ނުފޫޒު ފޯރާފަދަ ކަންތައްތައް މަދުން ނަމަވެސް ހިނގާކަން ހިތާމައާއެކު ފާހަގަކުރަމެވެ. ވުމާއެކު މުޅި ރާއްޖޭގައި ބޭއްވޭ މިމުހިންމު އިންތިޚާބަކީ އެންމެހާ ނުފޫޒުތަކުން މިނިވަންވެ ތިބެ އެމީހަކު އިޚުތިޔާރުކުރާ ކެނޑިޑޭޓަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރިހަމަ އިޚުތިޔާރުލިބިފައިވާ އިންތިޚާބަކަށް ހެދުމަށާއި، ގައުމީ މަސްލަހަތު އިސްކޮށް އަމާން އޮމާން ވެއްޓެއްގައި ބޭއްވޭ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މިއިންތިޚާބު ހެދުމަށް އިތުރަށް މަސައްކަތްކުރުމަށް ކަމާގުޅޭ އެންމެހާ މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންނަށް އިލްތިމާސްކުރަމެވެ.