Human Rights Commission of the Maldives

މޮނިޓަރިންގ

ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މައިގަނޑު މަޤްޞަދެކެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަނެ، އެޙައްޤުތައް އެންމެންނަށް ފޯރުކޮށްދީ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް ކޮމިޝަނަށް ލާޒިމްކުރެއެވެ. އެގޮތުން މި ކޮމިޝަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުން އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ އެކިއެކި މުޢާހަދާތަކާއި ޤަރާރުތަކުން ދައުލަތުން ފޯރުކޮށްދިނުމަށް ލާޒިމްކުރާ އެންމެހައި ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަނެ، މި މަޢުލޫމާތުތައް ޑޮކިއުމަންޓްކުރުން.
  • ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކާ ގުޅިގެން ކޮމިޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ތައްޔާރުކޮށް ފޮނުވުން.
  • ރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކާ ގުޅުންހުރި އ.ދގެ ކޮމިޓީތަކުން ދިވެހި ދައުލަތް ރިވިއުކުރުމަށްފަހު ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ އަދި ކޮމިޝަނުން ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ ހުށަހެޅުންތައް ދައުލަތުން ތަންފީޛުކުރާ މިންވަރު ދެނެގަނެ، މި މަޢްލޫމާތުތައް ޑޮކިއުމަންޓްކުރުން އަދި އެ ހުށަހެޅުންތައް ތަންފީޛުކުރުމަށް ދައުލަތަށް ބާރުއެޅުން.

އިންސާނީ ޙައްޤުތަކާބެހޭ ނިޒާމުގެ ތަޢާރަފް

އިންސާނީ ޙައްޤުތަކާބެހޭ ނިޒާމު ޤާއިމުކޮށްފައި ވަނީ އ.ދއިން އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ހިމާޔަތްކޮށް އަދި ކުރިއެރުވުމަށެވެ. އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އ.ދއިން ވަނީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ތަފާތު ގިނަ މިންގަނޑުތަކާއި ހަމަތަކާއި ނިޒާމުތަކެއް އެކުލަވާލާފައެވެ. އަސާސީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކަށް އިހުތިރާމުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ޤާއިމުކުރުމުގެ ގޮތުން އ.ދގެ ޓްރީޓީ ބޮޑީ ނިޒާމެއް، މައިގަނޑު 9 ޓްރީޓީ (މުއާހަދާގެ) އެއްގެ މައްޗަށް އެކުލަވާލާފައިވެއެވެ. މި ޓްރީޓީތައް (މުއާހަދާތައް) މޮނިޓަރކުރާ ކޮމެޓީތަކުގައި ހިމެނެނީ އިންޑިޕެންޑަންޓް/މިނިވަން އެކްސްޕާޓުންނެވެ. ދައުލަތަކުން މުއާހަދާއެއް ތަސްދީޤުކުރުމުން އެ ދައުލަތެއްގެ ޤާނޫނުތަކުގައި އެ މުއާހަދާއެއްގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނާ ތަންފީޛުކުރުމަށް ދައުލަތަށް ލާޒިމުކުރެއެވެ. ދައުލަތުން މުއާހަދާއެއް ތަންފީޛުކުރަމުންދާ މިންވަރު ޓްރީޓީ މޮނިޓަރކުރާ ކޮމިޓީން މޮނިޓަރކުރެއެވެ. މީގެ އިތުރުން ވެސް ދައުލަތުގައި ހިނގާ އިންސާނީ ޙައްޤުތަކަށް އަސަރުކުރާ ކަންކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އިދާރާތަކަށް ދައުލަތް ޖަވާބުދާރީވާންޖެހެއެވެ. ޓްރީޓީ މިންގަނޑުތަކަކީ މިކަންކަން ދިރާސާކޮށް މައްސަލަތައް ދެނެގަތުމުގެ ބެންޗްމާކެވެ.

ޓްރީޓީ ބޮޑީސްއަކީ ކޮބާ؟

އިންސާނީ ޙައްޤުތަކާބެހޭ ޓްރީޓީ ބޮޑީސްތަކަކީ އިންޑިޕެންޑަންޓް އެކްސްޕާޓުން އެކުލެވޭ ކޮމިޓީތަކެކެވެ. މި ކޮމިޓީތަކުން މައިގަނޑު ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޓްރީޓީތައް ތަންފީޛުކުރާ މިންވަރު ދެނެގަނެއެވެ. މި ކޮމިޓީތައް އުފެދިފައި ވަނީ އެ ޓްރީޓީއެއް މޮނިޓަރކުރާ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އިންސާނީ ޙައްޤުތަކާބެހޭ ޓްރީޓީ ބޮޑީސް

އިންސާނީ ޙައްޤުތަކާބެހޭ ޓްރީޓީ ބޮޑީސް (ކޮމިޓީތައް)

  • ހިއުމަން ރައިޓްސް ކޮމިޓީއިން މޮނިޓަރކުރަނީ މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އާއި އިޙްތިޔާރީ މުޢާހަދާ ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކުރުން
  • އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަޤާފީ ޙައްޤުތަކާބެހޭ ކޮމިޓީއިން އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަޤާފީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކުރުން
  • ހުރިހާ ބާވަތެއްގެ ނަސްލީ ތަފާތުކުރުންތައް ނައްތާލުމާއި ގުޅޭ ކޮމިޓީއިން ހުރިހާ ބާވަތެއްގެ ނަސްލީ ތަފާތުކުރުންތައް ނައްތާލުމާއި ގުޅޭ ބައިނަލް އަޤްވާމީ މުއާހަދާ ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކުރުން
  • އަންހެނުންނާއި މެދު ކުރާ ނޭދެވޭ ތަފާތުތައް ނައްތާލުމާއި ކޮމިޓީއިން އަންހެނުންނާއި މެދު ކުރާ ނޭދެވޭ ތަފާތުތައް ނައްތާލުމާއި ބެހޭ މުޢާހަދާ ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކުރުން
  • ކޮމިޓީ އަގެންސްޓް ޓޯޗަރއިން އަނިޔާކުރުމާއި، އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުޢާހަދާ ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކުރުން
  • ކުޑަކުދިންގެ ޙައްޤުތަކާބެހޭ ކޮމިޓީއިން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި އެ މުޢާހަދާގެ އިޙްތިޔާރީ މުޢާހަދާ ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކުރުން
  • ކޮމިޓީއިން އޮން މައިގްރަންޓް ވާރކާސްއިން ހިޖުރަކުރާ މަސައްކަތްތެރިންނާއި އެމީހުންގެ ޢާއިލީ މެމްބަރުންގެ ޙައްޤުތައް ރައްކައުތެރިކުރުމާ ބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކުރުން
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭ ކޮމިޓީއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭ މުޢާހަދާ ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކުރުން
  • ކޮމިޓީ އޮން އެންޕޯސްޑް ޑިސްއަޕިއަރަންސްއިން ނިޒާމުން ގެއްލުވާލުމާ ދެކޮޅު ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކުރުން

ޓްރީޓީ ބޮޑީސްގެ މަސައްކަތްތައް

ޓްރީޓީ ބޮޑީތަކުގެ މަސައްކަތް ކުރިއަށް ދާނީ އެ ބޮޑީއެއް އެކުލަވާލާފައިވާ މުއާހަދާއެއްގެ މައްޗަށް ބިނާކޮށެވެ. އޭގެތެރޭގައި

  • ދައުލަތުން ހުށަހަޅާ ރިޕޯޓުތައް ބަލައިގަނެ ރިވިއު ކުރުން
  • އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަ ބަލައިގަތުން
  • މުއާހަދާތަކުގެ ޖެނެރަލް ކޮމެންޓްސް ޝާއިއުކުރުމާއި އެކި ތީމްތަކުގެ މައްޗަށް ބިނާކޮށް މަޝްވަރާ ބައްދަލުވުންތައް ބޭއްވުން

ސްޓޭޓް ރިޕޯޓް މަޝްވަރާކުރުން / ބަލައިގަތުން / މުރާޖައާކުރުން

ޓްރީޓީއެއް ތަސްދީގުކުރުމަށްފަހު، އެ ޓްރިޓީއެއްގެ ދަށުން ކަށަވަރުވެފައިވާ ހައްޤުތައް ފޯރުކޮށްދިނުމަކީ ދައުލަތްތަކުގެ ޤާނޫނީ ޒިއްމާއެކެވެ. ޓްރީޓީއެއްގައި ސޮއިކުރުމަކީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެޅާ ފުރަތަމަ ފިޔަވަޅެވެ. އެގޮތުން، ޓްރީޓީ ތަންފީޒުކުރުމަށް ކޮށްފައިވާ މަސައްކަތުގެ މައްޗަށް ބިނާކޮށް ރިޕޯޓެއްހަދައި، ޓްރީޓީތަކުގެ ދަށުން ހަދާފައިވާ މޮނީޓަރިންގ ކޮމިޓީތަކާއި ހިއްސާކުރުމަކީ ދައުލަތުގެ މައްޗަށް އޮންނަ ޒިއްމާއެކެވެ. އ.ދގެ ގިނަ ހިއުމަން ރައިޓްސް ޓްރީޓީތަކަކީ މިގޮތަށް މޮނީޓަރކުރެވޭ ޓްރީޓީތަކެވެ. ޓްރީޓީއެއްގައި ސޮއިކުރާތާ އެއް އަހަރުތެރޭގައި (ސީ.އާރް.ސީ ނަމަ 2 އަހަރުތެރޭގައި) އިނީޝަލް ރިޕޯޓެއް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޭގެފަހުން އެ ޓްރީޓީއެއްގެ ދަށުން އަމަލުކުރާގޮތަށް (އާއްމުގޮތެއްގައި 4-5 އަހަރުން އެއް އަހަރު) ގަވާއިދުން ރިޕޯޓު ހުށަހަޅަންވާނެއެވެ. ދައުލަތުން ހުށަހަޅާ ރިޕޯޓުގެ އިތުރުން، ޓްރީޓީ ބޮޑީތަކުން އަމިއްލަ ޖަމްއިއްޔާތަކުންނާއި ޔޫ.އެން އޭޖެންސިތަކުންނާއި، އެކަޑަމިކް އިންސްޓިޓިއުޝަންތަކުންނާއި މީޑިއާތަކުންނާއި އެހެނިހެން އިންޓަރގަވަމެންޓަލް އޯގަނައިޒޭޝަންތަކުން ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ބެހޭ މައުލޫމާތު ހޯދޭނެއެވެ. މިގޮތުން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ކޮމީޓިއިން ސަރުކާރު ތަމްސީލުކުރާ ފަރާތްތަކާއިއެކު ރިޕޯޓު މުރާޖައާކުރާނެއެވެ. އަދި މިގޮތުން ކުރާ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ޝާއިއުކުރާ ކޮމިޓީގެ ކަންބޮޑުވުންތަކާއި ހުށަހެޅުންތަކަށް ކިޔަނީ ކޮންކްލޫޑިންގ އޮބްޒަވޭޝަންސްއެވެ.

ޝަކުވާ ބަލައިގަތުން

ރިޕޯޓިންގ ޕްރޮސީޖަރގެ އިތުރުން ބައެއް ޓްރިޓީބޮޑީތަކުން އިތުރު ތިން މެކޭނިޒަމެއްގެ ތެރެއިން މޮނިޓަރކުރުމުގެ އިތުރު ފަންކްޝަންތައް ކުރިއަށް ގެންދެއެވެ. އެއީ އިންކުއަރީ ޕްރޮސީޖަރއ، އެއް ދައުލަތުން އަނެއް ދައުލަތާގުޅޭގޮތުން ހުށަހަޅާ ޝަކުވާ ބެލުން އަދި ވަލިވަކި ފަރުދުން ހުށަހަޅާ ޝަކުވާތައް ބެލުން މި ތިން ޕްރޮސީޖަރއެވެ. ހަތަރު ކޮމިޓީއަކުން (ސީ.ސީ.ޕީ.އާރު، ސަރޑް، ކެޓް އަދި ސީޑޯ) ވަކި ހާލަތްތަކެއްގައި އެ މުއާހަދާތަކުން ލިބިދޭ ޙައްޤުތައް ނިގުޅައިގެންފިކަމަށް ބުނެ ފަރުދުން ހުށަހަޅާ ޕެޓިޝަންތައް ބަލައިގަނެއެވެ.

ޖެނެރަލް ކޮމެންޓްސް

ކޮމިޓީތަކުން އެކިއެކި ދާއިރާތަކުން އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުން މާނަކުރެވެނީ ކޮން ގޮތަކަށް ކަން ބަޔާންކޮށް ޖެނެރަލް ކޮމެންޓުގެ ގޮތުގައި ޝާއިޢުކުރެއެވެ.

ޝެޑޯރިޕޯޓް އަދި ހުށަހެޅުންތައް

ކޮމިޝަނުން ހުށަހަޅާ ޓްރީޓީ ބޮޑީ ރިޕޯޓްތައް

ޔޫ.ޕީ.އާރު

ޔޫ.ޕީ.އާރު ހުށަހެޅުންތައް