ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ދިވެހިރާއްޖޭގައި ހިނގަމުންދާ ހަލަބޮލިކަމާގުޅިގެން އެޗްއާރްސީއެމްއިން ކުރާ މަސައްކަތްތައްމިހާރު ރާއްޖޭގައި ހިނގަމުންދާ ހަލަބޮލިކަމާގުޅިގެން ހިނގާފައިވާ ޙާދިޘާތަކުގެ އިންސާނީ ހައްގުތަކާ ގުޅޭ ތަފާތު ހަތަރު މައްސަލައެއް ކޮމިޝަނުން ދަނީ ތަހްޤީޤު ކުރަމުންނެވެ. މީގެ ތެރެއިން ދެ މައްސަލައެއް އެއްކޮށް ބަލާ ގޮތަށް ހަމަޖެހި މިހާރު ތަޙުޤީޤު ކުރެވެމުން ދަނީ 3 މައްސަލައެއްގެ ގޮތުގައިއެވެ.
ޓައިމް ލައިން އޮފް އެކްޓިވިޓީޒް:

29 މާރޗް 2012 (ބުރާސްފަތި)

 • ކޮމިޝަނުން ކުރަމުންގެންދާ މުހިންމު 3 ތަހުޤީޤަކާ ގުޅޭގޮތުން ކޮމިޝަން މެމްބަރ އަޙްމަދު އަބްދުލް ކަރީމް މީޑިޔާއަށް ދެއްވި މައުލޫމާތު


 • އިންސާނީ ޙައްޤުތައް ގެއްލިގެން ނުވަތަ ގެއްލުވައިލައިގެން ހުށަހެޅޭ މައްސަލަތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާ ކަމަށް ބުނެ ހުށަހެޅޭ ޝަކުވާތައް ކޮމިޝަނުން ބަލަމުން ގެންދެއެވެ. ދުވަހުން ދުވަހަށް ހުށަހެޅޭ ޝަކުވާތަކުގެ އިތުރުން ބޮޑު 3 މައްސަލައެއްގެ ތަޙްޤީޤު މިހާރު ވަނީ ނިމެއް ކައިރި ވެފައެވެ. އެއީ ޖިނާއީ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަބްދުﷲ މުޙައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްގެން ގެންގުޅުނު މައްސަލަ އާއި ފެބްރުއަރީ ހަވަނަ ދުވަހުގެ ރެއާއި ހަތްވަނަ ދުވަހު ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކަގެ ތަޙްޤީޤާއި އަދި ފެބްރުއަރީ 8 ވަނަ ދުވަހު މާލެ އާއި އައްޑު އަތޮޅުގައި ހިންގައިފާއިވާ އިންސާނީ ޙައްޤު ތަކާ ޙިލާފު ޢަމަލުތަކުގެ ތަޙްޤީޤެވެ.


 • ޢަބްދުﷲ ޤާޟީ ހައްޔަރު ކުރި މައްސަލައިގެ ތަޙްޤީޤު މި މަސް ނިމުމުގެ ކުރިން ނިންމާލެވޭވަރު ވާނެކަމަށް ކުރިން ކޮމިޝަނުން ހާމަކޮށްފައި ވީނަމަވެސް ތަޙްޤީޤުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރުމާއެކު އަދިވެސް އިތުރު ދިހަވަރަކަށް ދުވަސް މި ތަޙްޤީޤް ނިމުމަށް ނަގާނެކަމަށް ލަފާކުރެވެއެވެ. ކޮމިޝަނުން މަސައްކަތްކުރަމުން މިގެންދަނީ މި 3 މައްސަލައިގެ ތަޙްޤީޤްވެސް އަންނަ އޭޕްރީލްމަހުގެ 10 ގެ ކުރިން ނިންމާލެވޭވަރު ވޭތޯއެވެ.


 • ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންނަކީ ތަމްރީނު ލިބިފައިވާ ޤާބިލް މުވައްޒަފުންކަންވެސް މިފުރުޞަޠުގައި ފާހަގަކުރަމެވެ. އަދި ކޮމިޝަނުން ހިންގާ ކޮންމެ ތަޙްޤީޤެއްވެސް ކުރިއަށް ދަނީ ތަމްރީނު ލިބިފައިވާ ޤާބިލް އިންވެސްޓިގޭޝަން އޮފިސަރުންގެ އިތުރުން ކޮމިޝަން މެމްބަރުންނާއި ލީގަލްޓީމެއްގެ ބައިވެރިވުމާއެކުގައިކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި ކޮމިޝަނުގެ ތަޙްޤީޤުތައް ކުރިއަށްދާގޮތާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާމެދު އިންޓަރނޭޝަނަލް ކޯޑިނޭޓިންގ ކޮމިޓީ (އައިސީސީ)، އޭޝިޔާ ޕެސިފިކް ފޯރަމް (އޭޕީއެފް)، އަދި އޯފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރ) ފަދަ ބައިނަލްއަޤްވާމީ ފަރާތްތަކުން ވަރަށްބޮޑަށް ހިތްހަމަޖެހޭކަން ފާހަގަކޮށް ކޮމިޝަނުގެ މަސައްކަތްތަކަށް ތަޢުރީފުކޮށްފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.


 • އަދި މާރޗްމަހުގެ 19 ވަނަދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަ ބައެއް އަންހެނުންނާމެދު އިހާނެތި ޢަމަލްތަކެއް ހިންގާފައިވާކަމުގެ މަޢުލޫމާތު ތަކެއް ކޮމިޝަނަށް ލިބުމާގުޅިގެން ކޮމިޝާނުން ދޫނިދޫއަށް ޒިޔާރަތްކޮށް އެވަގުތު އެތާ ބަންދުގައި ތިބި މީހުންނާ ސުވާލުކޮށް އަދި ފުލުހުންނާވެސް ވާހަކަދައްކާ، ކަން ހިނގާ ދިޔަގޮތް ސާފުކޮށްފައިވެއެވެ. އަދި މިހާރު އިތުރަށް އެމައްސަލަ ތަޙްޤީޤު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިމައްސަލަވެސް ނިމުނުހާ އަވަހަކަށް ރިޕޯރޓެއް އާންމުކުރެވޭނެ ވާހަކަ ދަންނަވާލަމެވެ.

23 މާރޗް 2012 (ހުކުރު)

 • ނޫސްބަޔާން;: ވަކި ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް މީހަކަށް ތަފާތުކުރެވިގެން ނުވާނެއެވެ. އަދި އެއްވެސް ފަރާތަކަށް ފުރައްސާރަކޮށް ބިރުދައްކާ އަނިޔާވެރި އަމަލުތައް ހިންގުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ. ޤާނޫނުއަސާސީގެ އެކިއެކި ޙައްޤުތައް ބޭނުންކުރުމުގައި އަދި ޚާއްޞަކޮށް އެއްވުންތަކުގަޔާއި މުޒާހަރާތަކުގައި ވަކި ބަޔަކަށް އަމާޒުކޮށްގެން، އެކި މީހުންނާއި ތަންތަނަށް ގެއްލުންދިނުމަށާއި، ހަމަނުޖެހުމާއި ބިރުވެރިކަމަށް ގޮވާލަމުންދާ ކަން ފާހަގަ ކުރެވޭތީ މިފަދަ ކަންކަން ނުކުރުމަށާއި، މުޖްތަމުއުގެ ސުލްޙަމަސަލަސްކަމާއި ހަމަޖެހުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމެވެ.

21 މާރޗް 2012 (އަންގާރަ)

 • ކޮމިޝަނަށް ލިބުނު ޝަކުވާ އަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަންގެ އިންވެސްޓިގޭޝަން ޓީމެއް ދޫނިދޫ އަށް ޒިޔާރަތް ކުރި.

19 މާރޗް 2012 (ހޯމަ)

 • މިއަދު ކުރެވުނު މުޒާހަރާ ތަކާ އަދި އެއްވުން ތަކާ ހިނގާފައިވާ ކަންތައްތައް މޮނިޓަރ ކުރުމަށްޓަކައި އެޗްއާރްސީއެމްގެ ޓީމްތައް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވި. އަދި މީގެ އިތުރުން މީޑިޔާގެ އެކި ވަސީލަތްތަކުން ހިނގާ ދިޔަ ކަންތައްތައް މޮނިޓަރ ކުރި.


 • މޮނިޓަރ ކުރި ޓީމް ތަކަށް ފާހަގަ ކުރެވުނު ކަންތައްތައް އެޗްއާރްސީއެމްގެ ވެބްސައިޓްގައި ހާމަކުރެވުނު. އިރުތަށް ވިދާޅުވުމަށް


 • ނޫސްބަޔާން: ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ހުށަހެޅުމާ ދެކޮޅަށް މިއަދު ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެ، ގިނަ ބަޔަކަށް އަނިޔާވެ، އާންމު މުދަލަށާއި ތަންތަނަށް ގެއްލުން ލިބިފައިވާއިރު، މަގުމަތީގައި މިކަމާ ގުޅިގެން ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށާއި ސިފައިންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އަދި މީހުން ހައްޔަރު ކުރުމުގެ ތެރޭގައިވެސް ކުރިމަތިލުން ހިނގާ، ހައްޔަރުކުރެވުނު މީހުންނަށް އަނިޔާވުމުގެ އިތުރުން، އެމީހުން ހައްޔަރުކުރަމުންދިޔަ ފުލުހުންނަށާއި ސިފައިންނަށްވެސް އަނިޔާވެފައިވާކަން ފާހަގަކުރެވެއެވެ. މިކޮމިޝަންގެ ފަރާތުން މިފަދަ އެންމެހާ ޢަމަލުތަށް ކުށްވެރިކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤުވެސް ޒިންމާދާރުކަމާއި ޞުލްޙަވެރިކަމާއެކު، ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރޭގައި، އަދި ހަމަނުޖެހުމަށް މަގުފަހި ނުވާނެ ގޮތަށް ބޭނުންކުރެއްވުމަށް އެންމެހާފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި ހަޑިހުތުރުބަހުން މުޢާމަލާތްނުކުރުމަށާއި، ނަފްރަތާއި ދެކޮޅުވެރިކަން އުފެދޭފަދަ ވާހަކަތައް މިފަދަ އެއްވުންތަކުގައި ނުދެއްކުމަށް މިކޮމިޝަނުން ގޮވާލަމެވެ.

18 މާޗް 2012 (އާދީއްތަ)

 • މިހާރު ކުރަމުންދާ މުޒާހަރާ ތަކާއި އެއްވުންތަކާއި އަދި ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިވަމުންދާތީ އާއި އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅިގެން ކޮމިޝަނަށް ފާހަގަ ކުރެވޭ ކަންތައްތަކެއް ފާހަގަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މިނިސްޓްރީ އޮފް ހެލްތްއަށް ސިޓީއަކުން ދެންނެވުނު.


 • ލޮނުޒިޔާރަތް ކޮޅު ރާޅުގަނޑު ސަރަހައްދުގައި ކުރަމުންދާ މުޒާހަރާ ތަކާ ގުޅިގެން އަޑުގަދަވެ އުނދަގޫވާކަމަށް ބުނެ ގިނަ ޝަކުވާ ތަކެއް ކޮމިޝަނަށް ހުށަހެޅިފައިވުމާ އެކު އެ ޝަކުވާ ތަކަށް ހައްލެއް ހޯއްދަވާ ދެއްވުމަށް މާލޭ ސިޓީ ކައުންސިލަށް ސިޓީއަކުން ދެންނެވުނު.


 • އެއްވުންތަކާއި އަދި މުޒާހަރާތައް ރޫޅާލުމުގަޔާއި އަދި ފުލުހުން ޑިޔުޓީ އަދާ ކުރުމުގައި އަމަލުކުރާ ގޮތްތަކާއި އަދި ބޭނުން ކުރާ އާލާތްތަކާއި ބެހޭ މައުލޫމާތު އެޗްއާރްސީއެމްއަށް އިސްކަންދަރު ކޮށީގައި ދިނުން. މިމައުލޫމާތު ދެއްވީ އެއްވުންތަކާއި މުޒާހަރާތައް މޮނިޓަރ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެޗްއާރްސީއެމްގެ މުވައްޒަފުންނަށް. މައުލޫމާތު ދިނުމުގެ އިތުރުން ކޮމިޝަންގެ މުވައްޒަފުން ކުރި ސުވާލު ތަކަށް ޕޮލިހުން ވަނީ ޖަވާބު ދެއްވާފަ.

14 މާޗް 2012 (ބުދަ)

 • މާލޭގައި މިހާރު ބާއްވަމުންދާ މުޒާހަރާތަކާއި އެއްވުންތައް ކޮމިޝަނުން މޮނިޓަރކުރުމަށް ފަހު ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓް ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކުރުމުގެ ގޮތުން މޯލްޑިވްސް ޑިމޮރެޓިކް ޕާޓީއާ ބައްދަލުކޮށް މިރިޕޯޓްގައިވާ މައުލޫމާތު އެފަރާތާ ހީއްސާކުރުން.


 • މާލޭގައި މިހާރު ބާއްވަމުންދާ މުޒާހަރާތަކާއި އެއްވުންތައް ކޮމިޝަނުން މޮނިޓަރކުރުމަށް ފަހު ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓް ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކޮށް އެފަރާތާއެކު މިރިޕޯޓްގައިވާ މައުލޫމާތު ހިއްސާކުރުން.


 • މާލޭގައި މިހާރު ބާއްވަމުންދާ މުޒާހަރާތަކާއި އެއްވުންތައް ކޮމިޝަނުން މޮނިޓަރކުރުމަށް ފަހު ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓް ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކުރުމުގެ ގޮތުން އިއްތިހާދަށް ދައުވަތު އެރުވުނު ނަމަވެސް ބައްދަލުވުމަށް ވަޑައިނުގަންނަވާ.

13 މާޗް 2012 (އަންގާރަ)

 • ރާއްޖޭގެ ބައެއް އެންޖީއޯތަކުން، ނޭޝަނަލް އިންކްއަރީ ކޮމިޝަންއާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވި ސިޓީއަކާއި ގުޅިގެން ޑިމޮކްރަސީ ހައުސް، ޓްރާންސްޕޭރެންސީ މޯލްޑިވްސް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް ގެ އެދިވަޑައިގަތުމުގެ މަތިން އެފަރާތްތަކާ ބައްދަލުކުރުން.


 • ރާއްޖޭގައި ފަހަކަށް އައިސް ތަފާތު ހާދިސާތަކުގައި ކުދަކުދިން މަރުވަމުންދާ އަދަދު ގިނަވަމުން ދިއުމާއި ގުޅިގެން އެކަމާއި ގުޅިގެން ކޮމިޝަނާއެކު މަޝްވަރާކުރުމަށް ކެޕްސްއިން އެދިވަޑައިގެންފައި ވާތީ ކޮމިޝަނުން އެފަރާތާ ބައްދަލުކުރުން.


12 މާޗް 2012 (ހޯމަ)

 • ކޮމިޝަންގެ 2012ވަނަ އަހަރުގެ ފުރަތަމަ ޕްރެސް ކޮންފަރެންސް ބޭއްވުން އަދި ކޮމިޝަންގެ 2011 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމު ކުރެވުނު.


11 މާޗް 2012 (އާދީއްތަ)

 • މިހާރު މާލެތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތިން ކޮމިޝަނުން އެފަރާތާ ބައްދަލުކުރުން


06 މާޗް 2012 (އަންގާރަ)

 • ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާގުޅިގެން، އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ކަންކަން ބަލާ ދިރާސާ ކުރުމަށް ރާއްޖެ ވަޑައިގެން އުޅުންވާ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ސަރަހައްދުގެ ސީނިއަރ ރިސާރޗަރ މރ. ޢައްބާސް ފާއިޒް އެޗްއާރްސީއެމްއާ ބައްދަލުކުރެއްވި. މިބައްދަލުވުމުގައި އޭނާ ރާއްޖެވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވި. އަދި މިކަމުގައި އެޗްއާރްސީއެމްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް މަޢުލޫމާތު ހިއްސާކުރި.


 • އެމްޑީޕީގެ އަންހެނުންގެ ރޫހްގެ ފަރާތުން އެޗްއާރްސީއެމްއާ ބައްދަލު ކުރި. މިބައްދަލުވުމަކީ އެމްޑީޕީ އަންހެނުންގެ ރޫޙުގެ އެދިވަޑައިގަތުމަކަށް ބޭއްވުނު ބައްދަލުވުމެއް. މިބައްދަލުވުމުގައި އެފަރާތުން ވަނީ 07 ފެބްރުއަރީގެ ހާދިސާއާއި އެކަމާ ގުޅިގެން އުފެދިފައިމިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ހުރި ކަންބޮޑުވާ ބައެއްކަންތައްތައް ފާހަގަކޮށް ކޮމިޝަނަށް 6 ކަމެއް ހުށަހެޅި. މިގޮތުން މިކަންކަމާގުޅިގެން އިންސާނީ ޙައްޤުތަކަށް އުނިކަން ލިބޭ ކަންތައްތައް، އަދި ވަކިން ޚާއްޞަކޮށް އަންހެނުންގެ ޙައްޤުތަކާ ގުޅުންހުރި ކަންތައްތައް ފާހަގަކޮށްފަ. ކޮމިޝަންގެ ފަރާތުންވަނީ މިކަމާ ގުޅުންހުރި ބައެއްކަންކަން ތަޙުޤީޤު ކުރަމުންދާކަމާއި، މުޒާހަރާ ކުރުމުގެ ޙައްޤު ބޭނުންކުރެވޭގޮތް ކޮމިޝަންގެ ފަރާތުން މޮނިޓަރ ކުރަމުން ގެންދާކަމަށް އަދި މީގެއިތުރުންވެސް އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި މަސައްކަތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްފައެވެ. މީގެއިތުރުން މިތަޙްޤީގުތަކަށް އެމްޑީޕީ އަންހެނުންގެ ރޫޙުގެ ފަރާތުންވެސް ދެވެންހުރި މަޢުލޫމާތަކާއި އެއްބާރުލުމެއް ދިނުމަށް ކޮމިޝަންގެ ފަރާތުން ވަނީ އެދިފައި.


 • ނޫސްބަޔާން: މިއަދު އަންހެނުންގެ އިހްތިޖާޖް ރޫޅާލުމުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށްފައިވަނީ އެކަށީގެންވާ ވަރަށް ވުރެން ބޮޑަށްކަން ފާހަގަކޮށް، މިކަން މިކޮމިޝަނުން ކުށްވެރިކުރަމެވެ. ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤު އެއްވެސް އިސްތިސްނާއެއްނެތި ކޮންމެ ފަރާތަކަށްވެސް ހަމަހަމަކަމާއެކު ލިބިދެވެންޖެހޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ދެކެމެވެ. އަދި މުޒާހަރާތައް ރޫޅާލުމުގައި އަންހެނުންގެ ކަރާމާތަށް ބުރޫ ނާރާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި އެއްވެސް ވަރަކަށް އަނިޔާވާފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަމެވެ.

03 މާޗް 2012 (ހޮނިހިރު)

 • މިރޭ ކުރެވުނު މުޒާހަރަ ހިނގަމުންދިޔަ ވަގުތު ކޮމިޝަންގެ ޓީމްތައް މޮނިޓަރ ކުރުމަށް އެސަރަހައްދުތަކުގައި ހަރަކާތްތެރިވި އަދި މީޑިޔާ މެދުވެރިކޮށް މިމުޒާހަރާ މޮނިޓަރ ކުރި.


 • 01 މާޗްގެ މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރެވުނު ފަރާތްތަކުން ދޫނިދޫގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދާކަމާއި ބޯފެނާއި، ތަނުގެ ޙާލަތާގުޅެގޮތުން ޝަކުވާތަކެއް ލިބުމާ ގުޅިގެން ކޮމިޝަންގެ ޓީމް ދޫނިދޫއަށް ޒިޔާރަތްކޮށް އެކަމުގެ މައުލޫމާތު އެއްކޮށް ހައްޔަރުކޮށްފައި ތިބިމީހުންނާ ބައްދަލުކުރި. ކޮމިޝަނަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަނީ.

01 މާޗް 2012 (ބުރާސްފަތި)

 • ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އާއި ގުޅިގެން ކުރިޔަށްދިޔަ މުޒާހަރާތައް ހިނގަމުންދާގޮތް މޮނިޓަރ ކުރަމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމްތައް މުޒާހަރާ ހިނގަމުން ދިޔަ ސަރަހައްދުތަކުގައި ގާތުން ބަލަމުން ގެންދިޔަ. އަދި މީޑިޔާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ކަންތައްތައް ހިނގަމުންދާ ގޮތް މޮނީޓަރ ކުރެވުނު.


 • ނޫސްބަޔާން: ޤާނޫނު އަސާސީގެ 84 ވަނަ މާއްދާއާއިއެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން ހުށަހެޅުމާ ދެކޮޅަށް ކުރަމުން ގެންދިޔަ މުޒާހަރާ ގައި ބައެއް ފަރާތްތަކުން ޤާނޫނު އަސާސީ ގެ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރުމުގައި ބައެއް ފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ، މުޒާހަރާގައި އަމަން ބެލެހެއްޓުމަށް ޙަރަކާތްތެރިވި 4 ފުލުހަކަށް ބޮޑެތި އަނިޔާތައް ލިބި އިތުރު ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާތީ އެކަން ހަރުކަށި ޢިބަރާތުން ކުށްވެރިކޮށް މިފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށާއި  މުޒާހަރާ ތަކާއި އެއްވުންތަކަކީ ޞުލްޙަވެރި ގޮތުގައި އަމާންކަމާއެކު ކުރެވޭ ކަމަކަށް ހެދުމަށް އިލްތިމާސް ކުރަމެވެ. ދިވެހިރާއްޖޭގައި، ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް، އިސްލާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ޙިމާޔަތްކުރެވިފައިވާ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ތަބާވެ އިޙްތިރާމްކުރާ، ޒަމާނީ ޑިމޮކްރަޓިކް ވެއްޓެއް ޤާއިމްވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ . އެހެންކަމުން މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އުފެދިފައިވާ ބޮޑެތި މައްސަލަތައް ހައްލުކުމުގައި މަޝްވަރާގެ އުސޫލު އިސްކޮށް، އެއްބަޔަކު އަނެއް ބަޔެއްގެ މެދުގައި އިތުބާރު ޤާއިމްކޮށް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތަށް އެންމެހާ ފަރާތްތަކުން އަމަލުތައް ބަހައްޓަން ޖެހެއެވެ . މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކަކީ ޒަމާނީ ޑިމޮކްރަޓިކް މާޙައުލެއްގައި ބަލައިގަނެވޭނެ ކަހަލަ ކަމެއް ނޫންކަމަށާއި މަޖިލީހާއި، މަޖިލީހުގެ ރައީސާއި މެމްބަރުންގެ ކަރާމާތް ހިފެހެއްޓެވުމަކީ އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބެލިކަމުގައި ވިޔަސް، ޤާނޫނުތައް ނެގެހެއްޓުމުގެ ނަޒަރުން ބެލިޔަސް، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެންޖެހެއެވެ. ވީމާ ކުރިއަށް އޮތްތަނުގައި އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަމާއި މަޝްވަރާ އިސްކުރެވުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ފުރުސަތުގައި، އަމަން ބަލަހައްޓަވާ ފަރާތްތަކުން، ހާއްސަކޮށް ފުލުހުން އަމަން ބެލެހެއްޓެވުމުގައި މިއަދު އަމަލު ކުރައްވާފައިވާ ކެތްތެރިކަމާ، ޤާނޫނާ އެއްގޮތަށް ޢަމަލުތައް ބަހައްޓަވާފައިވާތީ އެކަން މިކޮމިޝަނުން ފާހަގަކޮށް ތަޢުރީފް ކުރަމެވެ މިފަދަ ހަލަބޮލި މާޙައުލުތަކުގައި، މީހުންނަށް އަނިޔާވެ އެކިފަރާތްތަކުގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ވަމުން ދާތީ މީގެ ކުރިންވެސް މިކޮމިޝަނުން ކަންބޮޑުވުން ފައުޅުކޮށްފައިވާ ފަދައިން މިހާރުވެސް މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ގޮވާލަމެވެ. ޤައައުމުގައި ހަލަބޮލިކަން އުފެދި ބިރުވެރިކަމުގެ ތެރޭގައި މާލޭގައި ދިރިއުޅޭފަރާތްތަކަށް، އަދި ޚާއްސަގޮތެއްގައި ކުޑަކުދިންނަށާއި މިކަމުގައި އެއްވެސް ވަރަކަށް ޝާމިލް ނުވާ އެތައް ބައެއްގެ ޙައްޤުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރަމުން ދާތީ، މި ކޮމިޝަނުން ވަރަށް ކަންބޮޑުވާކަމާއި މިގޮތަށް މެދުވެރިވިޔަ ނުދީ، ސުލްޙަވެރި އަމާން ވެއްޓެއް ޤާއިމް ކޮށްދިނުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ .

29 ފެބްރުއަރީ  2012 (ބުދަ)

 • ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމިޝަނަށް އޮފް ޕޮލިސް އަބްދުﷲ ރިޔާޟް އާއި ބައްދަލުކުރިއެވެ. މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރީ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކާއި ޚިލާފު ނުވާގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމާއި އިންސާނީ ޙައްޤުތަކަށް ހުރިހާ ފަރާތަކުން ހުރުމަތްތެރިކޮށް ހިތުމާއިބެހޭ ގޮތުންނެވެ. މީގެ އިތުރުން 1 މާޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖްލިސްގެ ޖަލްސާއާއި ގުޅިގެން، ސަލާމަތީ ކަންތައްތައް އިންތިޒާމް ކުރައްވާ ގޮތާ ބެހޭ ގޮތުން ޕޮލިސް ކޮމިޝަނަރ މައުލޫމާތު ދެއްވިއެވެ.

28  ފެބްރުއަރީ 2012 (އަންގާރަ)

 • އޯއެޗްސީއެޗްއާރުގެ ބޭފުޅުންނާ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރެއްވި.


 • އޯއެޗްސީއެޗްއާރުގެ ބޭފުޅުން ކޮމިޝަންގެ މޮނިޓަރިން ޓީމާ ބައްދަލުކުރި.


 • އޯއެޗްސީއެޗްއާރުގެ ބޭފުޅުން ކޮމިޝަންގެ އިންވެސްޓިގޭޝަން ޓީމާ ބައްދަލުކުރި.


 • ޝަކުވާތައް ބަލައިގަތުމާއި، ބެލުމާއި އިންވެސްޓިގޭޝަންގެ މަސައްކަތް ކުރިއަށް ގެންދެވުނު.


27  ފެބްރުއަރީ 2012 (ހޯމަ)


 • އިންޓަރނޭޝަނަލް ކޯޑިނޭޓިންގ ކޮމިޓީގެ ރައީސް މިސް ރޯޒްލީން ނޫނާން އަދި އޭޝިއާ ޕެސިފިކް ފޯރަމް (އޭޕީއެފް) ގެ ކޮންސަލްޓަން ޕްރޮފެސަރ ކްރިސް ސިޑޯޓީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މިދުވަސްކޮޅު ހިނގަމުންދާ  އިންސާނީ ހައްޤުތަކާއި ގުޅުންހުރި މައްސަލަތަކުގައި ކޮމިޝަނުންކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯދުމާއި މިމަސައްކަތްތަކުގައި ކޮމިޝަނަށް ބޭނުންވާ ލަފަޔާއި އިރުޝާދުދެއްވިއެވެ.


 • އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރ)ގެ ދެ ބޭފުޅުން ހިއުމަން ރައިޓްސް ކޮމިޝަން އާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރުމުގައި ރާއްޖޭގެ މިހާރުގެ ހާލަތުގައި އިންސާނީ ޙައްގުތަކާ ގޅޭގޮތުން ކޮމިޝަނުން ކުރަމުންދާ މަސައްކަތުގައި  އެހީތެރިކަން ފޯރުކޮށްދެވެންހުރި ދައިރާތައް ފާހަގަކުރައްވާ ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ދެއްވިއެވެ. މީގެ އިތުރުން އެއްވުންތަކާއި މުޒާހަރާތައް، މޮނިޓަރ ކުރުމަށް ހަރަކާތްތެރިވާ ކޮމިޝަންގެ މުވައްޒަފުންނަށް އިންސާނީ ޙައްޤުތައް ގެއްލޭފަދަ އަމަލުތައް ދެނެގަތުމުގައާއި މޮނިޓަރ ކުރުމުގައި އަމަލުތައް ބަހައްޓަންވީ ގޮތުގެ ތަމްރީން ޕްރޮގްރާމެއް ހިންގެވިއެވެ.

26 ފެބްރުއަރީ 2012 (އާދީއްތަ)


 • އައްޑޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އިންސާނީ ހައްގުތައް ނިގުޅައިގަތްކަމުގެ ޝަކުވާކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދާ އެކަމުގައި ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންފެށުނެވެ.


 • އިންޓަރނޭޝަނަލް ކޯޑިނޭޓިންގ ކޮމިޓީގެ ރައީސް މިސް ރޯޒްލީން ނޫނާން އަދި އޭޝިއާ ޕެސިފިކް ފޯރަމް (އޭޕީއެފް) ގެ ކޮންސަލްޓަންޓް ޕްރޮފެސަރ ކްރިސް ސިޑޯޓީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރައްވައި  އިންސާނީ ޙައްޤުތަކާގުޅޭ ގޮތުން މިހާރު ކުރެވޭ މަސައްކަތުގެ މަޢުލޫމާތު ސާފުކުރައްވައި، ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރެވިދާނެކަންތައްކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.


25 ފެބްރުއަރީ 2012 (ހޮނިހިރު)


 • 24 ފެބްރުއަރީގައި މާލޭގައި ކުރި މުޒާހަރާތައް ވަރަށް ސުލްހަވެރިކަމާ އަމާންކަމާއެކު ނިމިގެން ދިޔަކަމާއި   އެއްވެއުޅުމުގެ ޙައްޤާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ޙައްޤު ބޭނުން ކުރުމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ހިފަހައްޓާފައިވާކަން ކޮމިޝަންގެ ފަރާތުން މޮނިޓަރ ކުރި ޓީމް ތަކުން ފާހަގަ ކުރި އެވެ.


24 ފެބްރުއަރީ 2012 (ހުކުރު)

 • މިއަދު ކުރެވުނު މުޒާހަރާތައް އެޗްއާރްސީއެމްގެ ފަރާތުން އޯއެޗްސީއެޗްއާރްގެ ދެ ބޭފުޅުންނާއެކު މޮނިޓަރ ކުރި. މިމުޒާހަރާތައް މޮނިޓަރ ކުރީ އެއްވެ އުޅުމުގެ މިނިވަންކަމާއި ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ ޙައްޤަށް އިޚްތިރާމް ކުރުން ދެނެގަތުމަށްޓަކައެވެ.


 • މުޒާހަރާތައް ފެށުމުގެ ކުރިން، އެޗްއާރްސީއެމްގެ މުޒާހަރާ މޮނިޓަރިންގ ކޯޑިނޭޓަރ، މުޒާހަރާ ރާވާ އިންތިޒާމް ކުރާފަރާތްތަކާއި ޕޮލިހުންގެ ފޯކަލް ޕޮއިންޓްތަކަށް ގުޅައި، ކުރިންވެސް ކޮމިޝަނުން ފާހަގަ ކުރި ފަދައިން މުޒާހަރާ ކުރާ ފަރާތްތަކުން ޤާނޫނާއި ޤަވައިދުތަކަށް ބޯލެނބުމަށް ހަނދާންކޮށްދެވުނު.

23 ފެބްރުއަރީ 2012 (ބުރާސްފަތި)

 • OHCHR ގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ޓީމްގެ ފަރާތުން ފީލްޑް މޮނިޓަރިންގގައި އުޅޭ މުވައްޒަފުންނާއި ބައްދަލު ކުރެއްވިއެވެ. މިބައްދަލުވުމުގެ ބޭނުމަކީ މާދަމާ (24 ފެބްރުއަރީ 2012) 23 ޑިސެމްބަރ އިއްތިހާދު އަދި MDP އިން ބާއްވާ 2 މުޒާހަރާ ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކޮށް ޕްލޭނެއް އެކުލަވާލުމެވެ. މިގޮތުން މަޝްވަރާކޮށް ގޮތް ނިންމުނު ކަންކަމުގެ ތެރޭގައި މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާތައް އިންތިޒާމްކުރާ ފަރާތްތަކާއި ބައްދަލުކޮށް އެފަރާތްތަކުން މި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ކޮންގޮތަކަށްތޯ އޮޅުންފޮލުވުމާއި، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި އެއްވެސް ހަމަނުޖެހުމަކަށް ފުރުޞަތު ނުދިނުމަށް ވާހަކދެއްކުން ހިމެނެއެވެ.


 • 24 ފެބްރުއަރީގައި ބާއްވާ މުޒާހަރާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކުރިއެވެ. މިބައްދަލުވުމުގައި  މުޒާހަރާ ރޫޅުމުގައި ފުލުހުންނަށް ލިބިދޭ ބާރުގެ ބޭނުން އެންމެ ކުޑަމިންވަރަށް ކުރެއްވުމާއި، އަނިޔާވެރި ލާއިންސާނީ އަމަލުތައްނުކުރެއްވުމަށް ދެންނެވިއެވެ.


 •  24 ފެބްރުއަރީގައި ބާއްވާ މުޒާހަރާތަކާ ގުޅިގެން 23 ޑިސެމްބަރ އިއްތިހާދުއާ ބައްދަލުކޮށް، އެއްވެއުޅުމުގެ ޙައްޤާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ޙައްޤު ބޭނުން ކުރުމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ދެންނެވިއެވެ.


 • 24 ފެބްރުއަރީގައި ބާއްވާ މުޒާހަރާތަކާ ގުޅިގެން އެމް.ޑީ.ޕީ އާ ބައްދަލުކޮށް، އެއްވެއުޅުމުގެ ޙައްޤާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ޙައްޤު ބޭނުން ކުރުމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ދެންނެވިއެވެ.


 •   24 ފެބްރުއަރީ 2012 ގައި ކުރަން ހަމަޖެހިފައިވާ މުޒާހަރާތައް ރާވާ އިންތިޒާމްކުރާ ފަރާތްތަކާއި މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކުންނާއި އަމަން ބަލަހައްޓާ ފަރާތްތަކުންނާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުން، އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ހެޔޮގޮތުގައި ބޭނުންކުރުމަށާއި ޚިޔާލު ފާޅުކުރުމުގައި އެހެންމީހުންގެ ޙައްޤުތަކަށް އިޙްތިރާމްކޮށް މީހުންގެ އަބުރާ އިއްޒަތް ނުގެއްލޭނެ ގޮތަށް ވާހަކަތަކާއި އަމަލުތައް ބެހެއްޓުމަށާއި،  މީހުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ނުދެއްކުމާއި، ޚަބަރު ފަތުރާ ވަސީލަތްތަކުން މުޒާހަރާގެ ޚަބަރުތައް ގެނެސްދޭއިރު ޒިންމާދާރުކަމާ އެކު ޚަބަރުތައް ގެނެސްދިނުމާއި އެއްވުންތައް ރޫޅާލަންޖެހިއްޖެ ހާލަތެއްގައި އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކާއި ޤާނޫނުތަކާއި ޤަވައިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް އިލްތމާސްކޮށް ނޫސްބަޔާނެއް ނެރުނެވެ.  


22 ފެބްރުއަރީ2012 (ބުދަ)

 • ޑެމޮންސްޓްރޭޝަން މޮނިޓަރިންގއާ ބެހޭގޮތުން އޯ.އެޗް.ސީ.އެޗް.އާރް ގެ ބޭފުޅުންގެ އެހީގައި ޓްރެއިނެއް ބޭއްވުނެވެ. މިތަމްރީނު ޕްރޮގްރާމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ އެއްވެއުޅުމުގެ ޙައްޤުގެ ބޭނުން އާއްމުން ހިފާއިރު އަދި މުޒާހަރާތައް ކުރިއަށް ގެންދާއިރު ހިއުމަން ރައިޓްސްގެ ދައުރަކީ ކޮބައިކަމާއި އެފަދަ އެއްވުންތަކާއި މުޒާހަރާތައް ކުރިއަށް ގެންދިއުމުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަމުގެ މައްޗަށެވެ. އަދި ދިވަހިރާއްޖޭގައި މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ޢަމަލުކުރެވިދާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމުގެ މައްޗަށެވެ. ހަމަ އެހެންމެ މިފަދަ މުޒާހަރާތައް މޮނިޓަރކުރުމުގައި ބަލަންވީ ކަންތައްތަކަކީ ކޮބައިކަމާއި އެކަންތައްތައް އެކިޓީމު ތަކުން ބެލުމަށްފަހު އެނަލައިސް ކުރުމުގައި ގެންގުޅެންވީ އުސޫލުތަކާއި، ލިބޭ މަޢުލޫމާތުގެ ޞައްޙަކަން ބަލާނެ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލިއެވެ. މީގެ ޑީ ބްރީފްކުރުމާގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

20  ފެބްރުއަރީ 2012 (ހޯމަ)

 • ރައީސލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު އާއި ކޮމިޝަން މެމްބަރުންބައްދަލުކުރެއްވިއެވެ.


 • އިންޓަރ ޕާލަމަންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް މިސްޓަރ މާޓިން ޗުންގޮންގ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްއާއި ނައިބުރައީސްގެ އިތުރުން މެމްބަރުންނާ 20 ފެބްރުއަރީގައި ބައްދަލުކޮށްފިއެވެ. މިސްޓަރ ޗުންގޮންގ އެޗްއާރްސީއެމްއާއެކު ބޭއްވި ބައްދަލުވުމުގެ މަގުސަދަކީ ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމާއި މިކަމުގައި އައި.ޕީ.ޔޫ.ގެ ފަރާތުން ވެދެވެން އޮތް އެހީއެއް ދެނެގަނެ މަޝްވަރާކުރުމެވެ.


 • އޯ.އެޗް.ސީ.އާރް އިން ރާއްޖެ ވަޑައިގެން އުޅުއްވާ އެކްޕަރޓްސް އާ ބައްދަލުކުރިއެވެ. މިބައްދަލުވުމުގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭ މަޢުލޫމާތު ހޯއްދަވައި ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ.


19 ފެބްރުއަރީ 2012 (އާދީއްތަ)

 • ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީއެމްޖީއޭ) ކޮމިޝަނާ ބައްދަލުކުރި. ސީއެމްޖީއޭ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުގެ މަޤްސަދަކީ ރާއްޖޭގެ ހާލަތާމެދު އެކިފަރާތްތަކާއި މަޝްވަރާކޮށް މައުލޫމާތު ސާފުކުރުމާއި އަދި ވެރިކަމުގެ ބާރު ބަދަލުވެގެންދިޔަގޮތުގެ މައުލޫމާތުހޯދުމެވެ .


17  ފެބްރުއަރީ 2012 (ހުކުރު)

 • އެމްޑީޕީ މުޒާހަރާ ހިނގަމުން ދިޔަ ވަގުތު ކޮމިޝަންގެ މޮނިޓަރިންގ ޓީމް ތަކުން އެސަރަހައްދުގައި ހަރަކާތްތެރިވެ މައުލޫމާތު އެއްކުރިއެވެ. މީގެ އިތުރުން މީޑިޔާ މެދުވެރިކޮށް މުޒާހަރާ ހިނގަމުން ދާގޮތް މޮނިޓަރ ކުރި.


16 ފެބްރުއަރީ 2012 (ބުރާސްފަތި)

 • ނޫސްބަޔާން: ޤައުމާއި ޖަމާޢަތުގެ މަސްލަޙަތު އިސްކުރުމަށާއި އިތުރު ގެއްލުންތަކެއް ނުވާނެގޮތަށް ވިސްނުމާއި ޢަމަލުތައް ބަހައްޓައިގެނ، ޤާނޫނު އަސާސީ އިން ލިބިދޭ ޙައްޤުތައް ޒިންމާދާރު ގޮތުގައި ބޭނުންކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށް ނޫސް ބަޔާނެއް ނެރެވުނެވެ. އަދި ޚާއްޞަގޮތެއްގައި، ޚިޔާލު ފައުޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރާއިރު، އެހެން ފަރާތްތަކުގެ ޙައްޤުތަކަށް އިޙްތިރާމްކޮށް ޢާންމު މަޞްލަޙަތާއި އަމަން އަމާންކަން ނުގެއްލޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް މި ބަޔާނުގައި  ގޮވާލާފައި ވެއެވެ. . އެއްވެސް ހާލެއްގައި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަންތައްތަކެއް ނޫން ކަމަށް ބަޔާންކޮށް،  އެފަދަ އެއްވެސް ކަމަކަށް ޖާގަދެވިގެން ނުވާނެކަން ފާހަގަކޮށް މުޖުތަމަޢުގައި މިފަދަ ކަންކަން ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަފައި ވެއެވެ.   


 • ހުރިހާ ފަރާތްތަކުންވެސް ކަންތައްތައް ހައްލުކުރުމަށް މަޝްވަރާ އިސްކުރުމަށް ގޮވާލައި ސިޓީތަކެއް ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ފޮނުވުނު. 

 

 • މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އެޗްއާރްސީއެމްއާ ބައްދަލުކުރި. މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނި އެމްޑީއެންއާއި އެޗްއާރްސީއެމްއާއި އެއްބާރުލުންދީގެން މުޒާހަރާތަކާއި އެއްވުން ތަކުގައި އެއްކުރެވޭ މައުލޫމާތު ދެފަރާތުގެ ދެމެދުގައި ހިއްސާކޮށް މައުލޫމާތުގެ ސައްހަކަން ދެނެގަނެވޭނެ ނިޒާމެއް ކަނޑައެޅުމާ ބެހޭގޮތުން.

15 ފެބްރުއަރީ 2012 (ބުދަ)

 • ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޤައުމުތަކުގެ ކޮޅުނބުގައި ތިއްބަވާ އެމްބެސެޑަރުން ހިމެނޭ ވަފްދެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސާއި މެމްބަރުންނާއެކު މިއަދު ބައްދަލުކުރި. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްބެސެޑަރުންގެ ތެރޭގައި ހިޒް އެކްސަލަންސީ މރ. ބަރނާޑް ސަވެޖް، ޔޫރައިން ޔޫނިއަންއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ހިޒް އެކްސަލަންސީ މރ. ރޮބީ ބުލޮޗް، އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައިކޮމިޝަނަރއާއި، ހިޒް އެކްސަލަންސީ މރ. ފެބްރިޖިއާ ފިއޯ އަޕިއަރ، އިޓަލީއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ހިޒް އެކްސަލަންސީ މރ. ލޮއިސް ޕިއެޓް، ނެދަލޭންޑްސްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިމެނުނު. މިބައްދަލުވުމަކީ ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުގެ މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުވެމެއް.


 • އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައެއް މަދަނީ ޖަމިއްޔާތަކާއެކު އެޗްއާރސީއެމްބައްދަލު ކުރި. މިބައްދަލުވުމުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ މިހާރުގެ ހާލަތާ ގުޅިގެން ކޮމިޝަނުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ޖަމިއްޔާތާކާ ހިއްސާ ކުރުމާއި އެޗްއާރްސީއެމްއާއި ޖަމިއްޔާތަކާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމާއި ދެފަރާތް ދެމެދު އެއްބާރުލުން ދެވިދާނެ ކަންތައްތަކާއި ގޮތްތަކާއިމެދު މަޝްވަރާ ކުރުމެވެ. މިބައްދަލުވުމުގައި ބައިވެރިވި ޖަމިއްޔާތަކުގެ ތެރޭގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާރކް (އެމްޑީއެން) ޓްރާންސްޕެންސީ މޯލްޑިވްސް (ޓީއެމް) ޑިމޮކްރަސީ ހައުސް (ޑީއެޗް) އަދި އެންޖީއޯ ފެޑެރޭޝަން ހިމެނެއެވެ. އެޗްއާރްސީއެމްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވީ ކޮމިޝަންގެ ރައީސްއާއި މެމްބަރުންނެވެ


 • އޮފީސް އޮފް ދި ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރް) ގެ އޭޝިޔާ  ޕެސިފިކް ރީޖަންގެ ހެޑް، މިސްޓަރ ރޯރީ މުންގޯވެން އެޗްއާރްސީއެމްގެ މެމްބަރުންނާއި އަދި ސްޓާފުންނާއި ބައްދަލުކުރި. މިބައްދަލުވުމުގައި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފްކުރެއްވި އަދި ހާއްސަކޮށް ކޮމިޝަންގެ ސްޓާފުން ކުރާ މަސަކަތްތައް ފާހަގަކޮށް ހިތްވަރު ދެއްވި.


14 ފެބްރުއަރީ 2012 (އަންގާރަ)

 • މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑިޕީ) ގެ ލީގަލް ޓީމް ކޮމިޝަނާ ބައްދަލުކޮށް 08 ފެބްރުއަރީގައި ކުރި މުޒާހަރާތައް ރޫޅާލުމުގައި އަދި މުޒާހަރާގެ ފަހުން ފުލުހުންގެ ފަރާތުން ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ހިލާފު އަމަލު ތައް ރިޕޯޓް ކުރި.


13 ފެބްރުއަރީ 2012 (ހޯމަ)

 • އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރްސީ) ގެ ޓީމެއް އެޗްއާރްސީއެމްއާ ބައްދަލު ކުރި. މިބައްދަލުވުމުގެ މަޤްސަދަކީ އައްޑޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ މައުލޫމާތު ހޯދުމެވެ. އައިސީއާރްސީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އައިސީއާރްސީގެ ސައުތް އޭޝިޔާ ރީގަނަލް ޑެލިގޭޝަންގެ ހެޑް މިސްޓަރ ފްރެންކޮއިސް ސްޓެމް އާއި އައިސީއާރްސީގެ ސައުތް އޭޝިޔާ ރީގަނަލް ޑެލިގޭޝަންގެ ޕްރޮޓެކްޝަން ކޯޑިނޭޓަރ މިސް ކަޓްޔާ ގައިސިން އާއި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އފ. ރަޝީދާ އަލީ.


 • އައްޑޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފާހަގަ ކުރެވުނު އިންސާނީ ޙައްޤުތަކާ ގުޅޭ މައުލޫމާތު އެއްކުރުމަށް ފަހު އެޗްއާރްސީއެމްގެ ޓީމް މާލެއަށް އެނބުރި އައި.


12  ފެބްރުއަރީ 2012 (އާދީއްތަ)

 • އޮފީސް އޮފް ދި ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރް) ގެ އޭޝިޔާ  ޕެސިފިކް ރީޖަންގެ ހެޑް، މިސްޓަރ ރޯރީ މުންގޯވެން އެޗްއާރްސީއެމްއާ ބައްދަލުކުރި. މިބައްދަލުވުމުގެ ބޭނުމަކީ މިހާރުގެ ހާލަތާ ގުޅިގެން ކޮމިޝަނުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުން.


11 ފެބްރުއަރީ 2012 (ހޮނިހިރު)

 • އައްޑޫގައި ހިނގާ ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، މައުލޫމާތު އެއްކުރުމުގެ ގޮތުންނާއި މައްސަލަ ބެލުމަށްޓަކައި ކޮމިޝަންގެ ޓީމެއް އައްޑޫގައި މަސައްކަތްކުރަމުން ދިޔަ.


 • ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ ފަރާތުން ކަސްޓޯޑިއަލް މޮނިޓަރ ކުރި.


 • ހަމަނުޖެހުންތަކާ ގުޅިގެން ހުށަހެޅޭ މައްސަލަ އެޗްއާރްސީއެމްގައި ބަލައިގަންނަމުން ދިޔަ.


10 ފެބްރުއަރީ 2012 (ހުކުރު)

 • އައްޑޫގައި ހިނގާ ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، މައުލޫމާތު އެއްކުރުމުގެ ގޮތުންނާއި މައްސަލަ ބެލުމަށްޓަކައި ކޮމިޝަންގެ ޓީމެއް އައްޑޫއަށް ޒިޔާރަތްކުރި.


 • ދޫނިދޫގައި ހައްޔަރު ކުރެވިފައިވާ މީހުންގެ ހާލަތު ދެނެގަތުމަށްޓަކައި އެޗްއާރްސީއެމްގެ ޓީމެއް ދޫނިދޫއަށް ޒިޔާރަތްކުރި.


 • ޝަކުވާ ބަލައިގަތުމަށްޓަކައި އެޗްއާރްސީއެމްގައި އައު 2 ހޮޓްލައިން ނަމްބަރު ގާއިމް ކުރެވުނު.


09 ފެބްރުއަރީ 2012 (ބުރާސްފަތި)

 • ހަމަނުޖެހުންތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައިގަންނަމުން ދިޔަ


 • ހަމަނުޖެހުންތައް ހިންގަމުން ދިޔަ ސަރަހައްދުތަކުގައި ފީލްޑް މޮނިޓަރިންގ އަދި މީޑިޔާ މެދުވެރިކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރެވުނު


08 ފެބްރުއަރީ 2012 (ބުދަ)

 • ނޫސްބަޔާން: މިއަދު މާލޭގައި ހިނގި މުޒާހަރާ ރޫލާލުމުގަޔާއި މުޒާހަރާއާއި ގުޅިގެން ހިނގި އެކިކަންކަމުގައި ފުލުހުންނާއި ސިފައިން ޢަމަލުކޮށްފައިވާ ގޮތް މިކޮމިޝަނުން ނުހަނު ކުށްވެރި ކުރަމެވެ. މިކުރިމަތިލުންތަކުގައި ހިންގާފައިވާ ލާއިންސާނީ އަނިޔާވެރި އަމަލުތަކަކީ އެކަންކަމާއި މެދު މިކޮމިޝަނުން ނިހާޔަތަށް ކަންބޮޑުވާ އަދި އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ޢަމަލުތަކެކެވެ. އެއްވެސް ޙާލެއްގައި އިންސާނީ ޙައްޤުތަކަށް އިހުމާލުވުމާއި މީހުންގެ ފުރާނަޔަށް ގެއްލުން ލިބޭފަދަ އެއްވެސް ޢަމަލެއް، ޚާއްސަގޮތެއްގައި ރައްޔިތުންގެ ހިމާޔަތުގައި ތިބެންޖެހޭ ފަރާތްތަކުން ކުރުމަކީ ބަލައިގަނެވޭނެ އަދި ނަޒަރުއަންދާޒު ކުރެވޭނެ ކަމެއްނޫނެވެ. މިއަދު މިހިނގާދިޔަ ކަންކަމާއި ގުޅިގެން އިންސާނީ ޙައްޤުތަކާއި ގުޅުން ހުރި ހުރިހާ ކަމެއްގެ ތަޙުޤީޤު ކޮމިޝަނުން މިދަނީ ކުރަމުންނެވެ. އަދި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އިންސާނީ ޙައްޤުތަކަށް އިހްތިރާމްކޮށް، އެޙައްޤުތައް ރައްކާތެރި ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެއްވެސް  ތަފާތުކުރުމެއްނެތި، ކުރުމަށް މިކޮމިޝަނުން ގޮވާލަމެވެ .


 • ނޫސްބަޔާން: މާލޭގައި އިއްޔެގައި ހިނގައިދިޔަ ތަފާތު ހަމަނުޖެހުންތަކުގެތެރޭގައި އެތަކެއް ޢާންމުންނަށާއި، ފުލުހުންނަށް ތަފާތު އެކިވަރުގެ ގެއްލުންތައްލިބި، އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ފެނިގެންދިޔަކަމީ މިކޮމިޝަނުން ނިޙާޔަތަށް ކަންބޮޑުވާ އަދި އެފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިވެސްކުރާކަންކަމެވެ . އިއްޔެ ހިނގައިދިޔަ ކަންކަމާގުޅިގެން އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ތަޙުޤީޤުކުރަންޖެހޭ ހުރިހާކަމެއް މިކޮމިޝަނުން މިގެންދަނީ ތަޙުޤީޤުކޮށް ބަލަމުންނެވެ. އަދި ހިނގައިދިޔަ މަދަނީ އަދި ޖިނާއީ ކަންކަން ތަޙުޤީޤުކުރުމަށް ކަމާބެހޭ ދަޢުލަތުގެ މުޢައްސަސާތަކަށް މިކޮމިޝަނުން ގޮވާލަމެވެ އަދި ދަޢުލަތުގެ ފަރާތްތަކުންވެސް ޤާނޫނުއަސާސީ އާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާ ތަކުން ކަށަވަރުކޮށްދޭ އެންމެހާ އިންސާނީ ޙައްޤުތަކަށް އިހްތިރާމްކޮށް، އެހައްޤުތައް ރައްކާތެރިކޮށް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްދިނުމަށް މިކޮމިޝަނުން ގޮވާލަމެވެ.


 

 • މިއަދު ހިނގާދިޔާ މުޒާހަރާ ތައް މޮނިޓަރ ކުރުމަށްޓަކައި އެޗްއާރްސީއެމްގެ ފަރާތުން މޮނިޓަރިން ޓީމް، މުޒާހަރާ ހިނގަމުން ދިޔަތަނުގައި އިންސާނީ ޙައްޤުތަކާ ހިލާފު އަމަލެއް ހިނގަމުންދޭތޯ ބެލުމަށްޓަކައި ހަރަކާތްތެރިވި، އަދި ކޮމިޝަންގެ މޮނިޓަރިންގ ޓީމް މުޒާހަރާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ހާލުބެލުމުގެ ގޮތުންނާއި މައުލޫމާތު ހޯދުމަށް ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރި. އަދި މީގެ އިތުރުން މީޑިޔާ މެދުވެރިކޮށްވެސް މުޒާހަރާ ހިނގަމުން ދާ ގޮތުގެ މައުލޫމާތު އެއްކުރި.


 • އަލަށް އައްޔަން ކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސް އާއި އެޗްއާރްސީއެމްއިން ބައްދަލުކުރި. މި ބައްދަލުވުމުގައި އިންސާނީ ޙައްޤުތަކުގެ މުހިންމުކަމާ ބެހޭ ގޮތުން އަދި އެއްވުންތައް ރޫޅާލުމުގައި ބާރުގެ ބޭނުން ކުރަންޖެހިއްޖެ ހާލަތްތަކުގައި އެންމެ ކުޑަ މިންވަރަށް ބާރުގެ ބޭނުން ކުރުމަށް ކޮމިޝަނަރ އަށް ލަފާ ދެވުނު.

 

 • އެޗްއާރްސީއެމްގެ ޓީމެއް ކ. ދޫނިދޫއަށް ޒިޔާރަތްކުރި، މިދަތުރުގެ ބޭނުމަކި ދޫނިދޫގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ހާލަތު ބެލުމުގެ ގޮތުން.

07 ފެބްރުއަރީ 2012 (އަންގާރަ)

 • ނޫސްބަޔާން: މިހާރު ރާއްޖޭގައި ހިނގަމުންދާ އެންމެހާ ކަންކަމުގައި އިސްލާމްދީނުގެ ރިވެތި މަޑުމައިތިރި އުސޫލުތައް އިސްކޮށް، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށްހިތައި، ޞުލްޙަވެރިކަމާއެކު ޤާނޫނުއަސާސީން ލިބިދީފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށް، ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ޞުލްޙަވެރިކަމާއެކު އެންމެހާ ފަރާތްތަކުން ޢަމަލުކުރެއްވުމަކީ ހިޔުމަން ރައިޓްސް ކޮމިޝަންގެ އެދުމެކެވެ. ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ދިރިއުޅެމުން އައިސްފައިވާ ޞުލްޙައަށް ލޯބިކުރާ ޤައުމަކަށް ވީހިނދު، މި ކޮމިޝަންގެ އުންމީދަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތުންހޯދާފައިވާ ޑިމޮކްރަސީގެ ނިޒާމާ އެއްގޮތްވާގޮތަށް، ޤައުމުގައި ޞުލްޙަވެރި، އަމާން މާޙައުލެއް ޤާއިމް ކުރެވުމެވެ.


 • 07 ފެބްރުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުން މިއަދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކެންސަލް ކުރި.


 • އެޗްއާރްސީއެމްގެ ނައިބުރައީސް ޓީވީއެމް އަށް ފޯން އިންޓަރވިއުއެއް ދެއްވި- މި އިންޓަރވިއުގައި ސަރުކާރު ބަދަލުވުމާ ގުޅިގެން، އައު ސަރުކާރުން އިންސާނީ ޙައްޤުތަކަށް އިޚްތިރާމްކޮށް އިންސާނީ ޙައްޤުތައް ކުރިއަރުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ފާހަގަ ކުރި.


 • ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތައް މީޑިޔާ މެދުވެރިކޮށް މޮނިޓަރ ކޮށް ޑޮކިޔުމެންޓް ކުރެވުނު. 

06 ފެބްރުއަރީ 2012 (ހޯމަ)

 • މާލޭގައި ހިނގަމުންދާ ހަމަ ނުޖެހުންތައް ކުށްވެރިކޮށް، އަދި ވަކިވަކި ފަރުދުންނާއި ތަންތަނަށް ގެއްލުން ދިނުމާއި ޓީވީ ސްޓޭޝަންތަކާއި ނޫސްވެރިންނަށް ހަމަލާދިނުމުން ދުރުހެލިވެ ތިބުމަށް ކޮމިޝަންގެ ރައީސް އަލްފާޟިލް މަރިޔަމް އަޒްރާ އަހްމަދު މީޑިޔާ މެދުވެރިކޮށް ގޮވާލެއްވި. އަދި އެންމެހާ ފަރާތްތަކުންވެސް އައަމްނ ބަލަހައްޓާފަރާތްތަކަށް އެއްބާރުލުން ދިނުމަށް ގޮވާލި. (ދަންވަރު އެމްއެންބީސީވަން، ވީޓީވީ، ސަންއޮންލައިން، އަދި ހަވީރަށް މިމައުލޫމާތު ދެވުނު.) 


05 ފެބްރުއަރީ 2012 (އާދީއްތަ)

 • ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އަދި ކޮމިޝަން މެމްބަރ ޖީހާން މަހްމޫދް، އެމްއެންބީސީގެ ޕްރޮގްރާމްއެއްގައި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވި.


 • މީޑިޔާ އަދި ފީލްޑް މޮނީޓަރިންގެ މަސައްކަތް ކުރިޔަށް ގެންދިޔަ.


04 ފެބްރުއަރީ 2012 (ހޮނިހިރު)

 • ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އަދި ކޮމިޝަން މެމްބަރ ޖީހާން މަހްމޫދް، ދިޓީވީގެ ޚަބަރުފަސް ޕްރޮގްރާމްގައި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވި.


03 ފެބްރުއަރީ 2012 (ހުކުރު)

 • ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވޭ މަޝްވަރާ ބައްދަލުވުން - ފެބްރުއަރި 07 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވަ ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވޭ މަޝްވަރާ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ދިޔަ.


02 ފެބްރުއަރީ 2012 (ބުރާސްފަތި)

 • އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ދަށުން އުފެދިފައިވާ 'ސްޕެޝަލް ޕްރޮސީޖަރސް' އަށް ފޮނުވާފައިވާ ރިޕޯޓް، އިތުރުފަރާތްތަކަކާ ހިއްސާ ކުރެވުނު. މިގޮތުން ރިޕޯޓް ހިއްސާ ކުރެވުނު ފަރާތްތަކުގެ ގޮތުގައި ވަރކިންގ ގްރޫޕް އޮން އެންފޯސްޑް އެންޑް އިންވޮލަންޓަރީ ޑިސަޕިއަރަންސަށާއި ހިއުމަން ރައިޓްސް ކޮމިޓީ އަދީ ކޮމިޓީ އޮން އެންފޯސްޑް ޑިސަޕިއަރަންސްއަށް.


31 ޖެނުއަރީ 2012 (އަންގާރަ)

 • އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ދަށުން އުފެދިފައިވާ 'ސްޕެޝަލް ޕްރޮސީޖަރސް' އަށް ފޮނުވާފައިވާ ރިޕޯޓް، އޭޝިއާ ޕެސިފިކް ފޯރަމް(އޭޕީއެފް) އާއި ހިއްސާ ކުރެވުނު.


30 ޖެނުއަރީ 2012 (ހޯމަ)

 • ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛާ ދިޔާނާ ސައީދު ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލު ކުރި. މިބައްދަލުވުމުގެ މަޤްސަދަކީ 29 ޖެނުއަރީ ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާތައް ރޫޅާލައި ފުލުހުން ދިޔާނަ ސައީދު ހައްޔަރު ކުރުމުގައި އަމަލުކުރި ގޮތްތަކާ ބެހޭގޮތުން ކޮމިޝަނަށް ރިޕޯޓް ކުރުމުގެ ގޮތުން.


26  ޖެނުއަރީ 2012 (ބުރާސްފަތި)

 • ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛު އަބްދުﷲ މުހައްމަދު ގެ އާއިލާގެ ވަކީލާ ބައްދަލުކުރުން.


 • ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބައްދަލުކުރުން – މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރުމަށް މަޖިލީހުން ކުރައްވާ މަސައްކަތްތައް، އަދި މަޖިލީހުގެ ރައީސް ކުރައްވާ މަސައްކަތްތައް އޮޅުން ފިލުވުމަށް އަދި ކޮމިޝަނުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ލަފާ ފުޅެއް ހޯދުން.


 

25  ޖެނުއަރީ 2012 (ބުދަ)

 • ރައީސުލް ޖުމްހޫރިއްޔާ އަށް ފޮނުވުނު ސިޓީ  – މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތައް ހައްލު ކުރުމަށް ކުރެވިދާނެ ކަމަށް ކޮމިޝަނަށް ފާހަގަ ކުރެވޭ 3 ކަންތައް.


   • ބައިނަލްއަޤްވާމީ ކަމާ ބެހޭ އެކްސްޕާޓް ޓީމެއް ރާއްޖެ ގެންނަވާ މިހާރުގެ ސިޔާސީ ހަލަބޮލިކަން ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރެއްވުން.


   • ދައުލަތުގެ ތިން ބާރުގެ އިސްވެރީންނާއި ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކާ އެކު މަޝްވަރާތަކެއް ކުރިޔަށް ގެންދިޔުން.


   • ޝަރުޢީ ދާއިރާއަށް އިސްލާހު ގެންނަވައި ހަރުދަނާ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދުގެ ތެރެއިން ވެރިކަމުގެ ބާރާއި ޖުޑީޝަރީ ގުޅިގެން މަސައްކަތް ކުރެއްވުން.


 • ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހުއާ ބައްދަލު ކުރުން – މާލޭގައި ކޮންމެ ރެޔަކު ކުރިޔަށްދާ މުޒާހަރާތަކާއި އެއްވުންތަކާ ބެހޭ ގޮތުން އަދި ހައްޔަރު ކޮށްފައިވާ ޤާޟީގެ މައްސަލައިގައި ޕޮލިހުންގެ ދައުރާއި އަދި އެކަން ހައްލު ކުރުމަށް ކުރާ މަސައްކަތްތައް ދެނެގަތުމުގެ ގޮތުން.


 

 • ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު ފާއިޒު ހުސައިން އާއި ބައްދަލުކުރުން


 • ޕްރޮސެކިއުޓަރ ޖެނެރަލް އަށް ސިޓީ ފޮނުވުނު – 19 ޖެނުއަރީ ގައި ކޮމިޝަންގެ މައްޗަށް ޕްރޮސެކިއުޓާރ ޖެނެރަލް އަމުރުކޮށްފައިވާ މައްސަލާގެ 'ޖިނާޢީ ތަޙުޤީޤު' ކޮމިޝަނުން ނުކުރާނެ ކަމަށް ނަމަވެސް އެމައްސަލާގައި ހިމެނޭ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ މައްސަލަތަކަކީ ކޮމިޝަނުން މިހާރުވެސް ތަޙުޤީޤު ކުރަމުންދާ މައްސަލައެއް ކަމުގައި ދެންނެވުނު.


24 ޖެނުއަރީ 2012 (އަންގާރަ)

 • ހިއުމަން ރައިޓްސް ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލް އާ ބައްދަލުކުރުން – ޕްރޮސްކިއުޓަރ ޖެނެރަލް ފޮނުއްވި ސިޓީއާއި ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަނުން ސިޓީގައި ވިދާޅުވެފައިވާ މައްސަލައިގެ އިންސާނީ ޙައްޤުތަކާ ގުޅުން ހުރި މައްސަލަތައް ތަޙުޤީޤުކުރާނެ ކަމަށާއި ނަމަވެސް ކޮމިޝަނަށް ޤާނޫނީ ލަފާ ލިބިފައިވާ ގޮތަށް ޖިނާއީ ތަޙުޤީޤެއް ކޮމިޝަނަށް ނުކުރެވޭނެ ކަމަށް ދެންނެވުނު.


 

 • ކޮމިޝަން މެމްބަރުންގެ ކުއްލި ބައްދަލުވުމެއްބޭއްވުނު - އަލްއުސްތާޛު އަބްދުﷲ މުހައްމަދު ބަންދުގައި ހުރި މައްސަލައިގެ އިތުރުން ކޮންމެ ރެޔަކު މާލޭގައި ކުރާ މުޒާހަރާތަކާ ބެހޭ ގޮތުން.


 • ނޫސްބަޔާން – ކްރިމިނަލް ކޯޓްގެ އިސް ޤާޒީ އަބްދުﷲ މުހަންމަދު ވަގުތުން ދޫކޮށްލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް އަންގާފައިވާ އެންގުމަށް އިޖާބަ ދިނުމަކީ ދިވެހި މުޖްތަމައުގެ އަމަން އަމާންކަމާއި ސުލްހަ މަސްލަސްކަން ޤާއިމް ވުމަށާއި މިހާރު ހިންގަމުންދާ ހަމަ ނުޖެހުންތަކަށް ނިމުމެއް އަންނާނެ ކަމެއްކަމަށް ކޮމިޝަނުން ދެކޭ ކަމާއި މިހާރު ހިނގަމުންދާ ހަމަ ނުޖެހުންތަކުގައި ނޫސްވެރިޔަކަށް ކޮށްފައިވާ ދަށުދަރަޖައިގެ ލާއިންސާނީ އަމަލު ކުށްވެރިކުރުން.


23 ޖެނުއަރީ 2012 (ހޯމަ)

 • ހިއުމަން ރައިޓްސް ކޮމިޝަންގެ އެންގުން – ޤާނުނު ނަންބަރު 2006/6 ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނުނުގެ 21 ވަނަ މާއްދާއިން ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ބަންދު ކޮށްފައިވާ ޖިނާޢީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުހައްމަދު ވަގުތުން ބަންދުން ދޫކޮށްލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ޑިފެންސްއަށް އެންގުން.


 • މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ފޮނުވުނު  ސިޓީ – ޖިނާއީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުހައްމަދު ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތައް ހިފެއްޓިފައިވާތީއާއި ގާނޫނާ ހިލާފަށް ހައްޔަރު ކުރެވިފައިވާތީ ކަންބޮޑުވާ ކަން. އަދި އަބްދުﷲ މުހައްމަދަށް އާއިލާއާއި ބައްދަލު ކުރުމާއި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބޭނެ އިންތިޒާމް އަވަހަށް ހަމަޖައްސަވާ ދެއްވުމަށް ޑިފެންސް މިނިސްޓްރީގައި ދެންނެވުނު.


 • ކޮމިޝަނުން ކުރި ޒިޔާރަތް - އަބްދުﷲ މުހައްމަދު ހާލަތް ދެނެގަތުމަށްޓަކައި ކޮމިޝަނުން ގިރިފުށީ ޓްރޭނިންގ ކޮމްޕްލެކްސް އަށް ޒިޔާރަތް ކުރި.


 • އދ ގެ ސްޕެޝަލް ޕްރޮސީޖަރސް ފޮރ ދި ހިއުމަން ރައިޓްސް ކައުންސިލަށް ކޮމިޝަންގެ ފަރާތުން މިހާލަތާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ފޮނުވުނު.


22 ޖެނުއަރީ 2012 (އާދީއްތަ)

 • ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހަންމަދު ނަޝީދުއާއި ކޮމިޝަނުން ބައްދަލުކުރުން.


 • އިންޑިޕެންޑެންޓް ލޯޔަރުންގެ ޓީމާ ކޮމިޝަނުން ބައްދަލު ކުރުން– ޕްރޮސެކިއުޓަރ ޖެނެރަލް އަށް ކޮމިޝަނަށް އަމުރު ކުރެވިދަނޭތޯ އަދި ޖިނާޢީ ތަހުޤީގެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރެވިދާނެ ތޯ ދެނެގަތުމުގެ ގޮތުން އިންޑިޕެންޑެންޓް ލޯޔަރުންތަކަކާ ކޮމިޝަނުން ބައްދަލުކުރި.


 • ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުހައްމަދު ގެ މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އެކި ޑިޕާޓްމަންޓްތަކުން ތަޙުޤީޤު ޓީމަށް ސްޓާފުން ނެގުނު – އަބްދުﷲ މުހައްމަދު އެމް.އެން.ޑީއެފްގެ ބެލުމުގެ ދަށުގައި ބަހައްޓަވާފައިވާ މައްސަލަގެ ހިއުމަން ރައިޓްސް ވަޔަލޭޝަން ތަޙުޤީޤު ކުރުމާށް ތަޙުޤީޤު ޓީމަށް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ލީގަލް އެންޑް ޕޮލިސީގެ މުވައްޒަފުން ހިމެނުމާއި ކޮންމެ ތިން ދުވަހުން އެއް ދުވަހު ކޮމިޓީގެ މަސައްކަތްތަކާ ބެހޭގޮތުން ކޮމިޝަނަށް ރިޕޯޓް ކުރުމަށް ނިންމެވި.


21 ޖެނުއަރީ 2012 (ހޮނިހިރު)

 • ކޮމިޝަނުން ކުއްލި ބައްދަލުވުމެއް ބޭއްވުން - ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ މުހައްމަދު މައްސަލައާއި ބެހޭގޮތުން މަޝްވަރާ ކުރުން.


 • ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުހައްމަދުގެ އާއިލާ އާއި އޭނާގެ ވަކީލާ ބައްދަލުކުރެއްވުން


20 ޖެނުއަރީ 2012 (ހުކުރު)

 • ކޮމިޝަނުން ގިރިފުއްޓަށް ކުރި ޒިޔާރަތް– ހިއުމަން ރައިޓް ކޮމިޝަނުން މިނިވަންކަން ގެއްލޭގޮތަސް ބަންދުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުހަންމަދާއި 20 ޖެނުއަރީ ދުވަހުގެ ހެނދުނު ބައްދަލުކޮސް ހާލުބެލުން. އަބްދުﷲ މުހަންމަދު ހުންނެވީ ހެޔޮހާލުގައި ކަމާއި ލިބިދޭންޖެހޭ ހުރިހާ އަސާސީ ޚިދުމަތްތަކެއް ފުރިހަމަގޮތެއްގައި ލިބެމުންދާކަމާއި އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ ލާއިންސާނީ ދަށުދަރަޖައިގެ އަމަލަކަށް ހުށަހެޅިފައި ނުވާކަމަށް ސީދާ އެފަރާތުގެ ބަހުންނާއި ކޮމިޝަނުން ބެލިބެލުމުން ފާހަގަ ކުރެވުނު.


 • ނޫސްބަޔާން – އެއްވެ އުޅުމުގެ ޙައްޤާއި، ހިޔާލު ފާޅުކުރުމާއި، މިނިވަންކަމާއެކު އިހްތިޖާޖް ކުރުމުގެ ޙައްޤު އެކަމާ ގުޅުންނެތް އެތައް ބަޔަކަށް ގެއްލުންވަމުންދާތި އެކަން އެގޮތަށް ނުކުރުމަށް ގޮވާލުން. އަދި މީޑިއާގެ ވަސީލަތްތައް ބޭނުންކޮށް މީހުންގެ ހިތްތަކުގައި ނަފުރަތާއި، ރުޅިވެރިކަމާއި، ބިރުވެރިކަން އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުމުގެ ސަބަބުން މުޖްތަމައުގެ އަމަން އަމާންކަމާއި ހަމަ ޖެހުމަށް ނޭދެވޭ އަސަރު ކުރާ ކަމާއި މިފަދަ އަމަލުތަކުން އެއްކިބާވެ، ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތައް ހައްލުކުރުމުގައި ބިނާ ކުރަނިވި މަޝްވަރާއާއި ސުލްހަވެރި އުސޫލުތައް އިސްކުރުމަށް ގޮވާލުން.


19 ޖެނުއަރީ 2012 (ބުރާސްފަތި)

 • ޕްރޮސެކިއުޓާރ ޖެނެރަލް ފޮނުއްވި ސިޓީ – ޖިނާޢީ ކޯޓްގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުހައްމަދު ސަލާމަތީ ބާރުތަކުން ބަންދުކޮށްފައި ވުމުން އެކަން ތަހްޤީޤު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް އަމުރު ނެރުނު.  ދިފާއީ ބާރުތަކުން ކްރިމިނަލް ކޯޓްގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާއި އޭނާ ދޫކޮށްލުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ކުރެއްވުމުންވެސް އޭނާ ދޫކޮށްނުލައި، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ތުހުމަތުކުރެވޭ މައްސަލަ.


 • ކޮމިޝަނުން ގިރިފުއްޓަށް  ޒިޔާރަތް ކުރާނެ ކަމުގެ މައުލުމާތު ހިއްސާކުރުމަށް ކުރުމަށް ސިޓީ ފޮނުވައި އަދި ކޮމިޝަންގެ ޓީމެއް އެރަށަށް ޒިޔާރަތްކުރުން - އަބްދުﷲ މުހައްމަދުގެ ހާލަތް ދެނެގަތުމަށްޓަކައި ކޮމިޝަނުން ގިރިފުށީ ޓްރޭނިންގ ކޮމްޕްލެކްސް އަށް ޒިޔާރަތް ކުރި ނަމަވެސް ސަލާމަތީ ބާރުތަކުން ކޮމިޝަންގެ ޓީމް އެރަށަށް އެރިޔަ ނުދިން.


 • މިނިސްޓްރީ އޮފެ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ދެވަނަ ސިޓީއެއް ފޮނުވުން- ކްރިމިނަލް ކޯޓްގެ އިސް ޤާޟީ އަލްއުސްތާޛު ޢަބުދުﷲ މުޙައްމަދު ހުންނެވީ ދައުލަތުގެ ބެލުމުގެ ދަށުގައި ކ.ގިރިފުށީގައިކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އިން އާންމުކުރެއްވުމާއި ގުޅިގެން، މިކޮމިޝަންގެ ޤާނޫނު ނަންބަރު 2006/6 ގެ 21ވަނަ މާއްދާގެ (ނ)ގެ ދަށުން އޭނާގެ ޙާލުބެލުމަށް ބޭނުންވާތީ އެކަން އިންތިޒާމްކޮށްދެއްވުން އެދި.


18 ޖެނުއަރީ 2012 (ބުދަ)

 • ކޮމިޝަނުން ޤާނޫނީ ވަކީލުންގެ ޓީމާ ބައްދަލުކުރުން: ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުހައްމަދު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާތީ އަދި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަރުކާރުން އަމަލުކޮށްފާއި ނުވާތީ އެކަމާމެދު ވަކީލުންދެކޭގޮތް ކޮމިޝަނާއެކު ހިއްސާކުރެއްވުމަށް.


 • ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ލިބިގަތުމުގައި އިޖްތިމާއީ އަދި ސިޔާސީ ގޮތުން ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް ހައްލު ހޯދުމަށްޓަކައި މިކޮމިޝަނުން އިންތިޒާމްކޮށްގެން މަދަނީ ޖަމުއިއްޔާތަކާ އެކު މަޝްވަރާބައްދަލުވުމެއް ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވާތީ  މަދަނީ ޖަމުއިއްޔާތަކަށް ސިޓީ ފޮނުވުން -  މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް ، ޑިމޮކްރަސީ ހައުސް، ޓްރާންސްޕޭރަންސީ މޯލްޑިވްސް،  އަދި އެން.ޖީ.އޯ.ފެޑެރޭޝަން – މިކަން ފަހުގެ ތާރީހަކަށް ލަސްކުރެވިފައި.


 • ޕްރޮސެކިއުޓަރ ޖެނެރަލް އެޗްއާރްސީއެމްއާ ބައްދަލުކުރުން: މިހާރުގެ ސިޔާސީ ހާލަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ދައުރާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް.


17 ޖެނުއަރީ 2012 (އަންގާރަ)

 • ނޫސްބަޔާން: ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ގޯތިގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަންތަން ކަމަށާއި ހަމަކޮންމެ މީހަކުމެ އެތަންތަނަށް ޙުރުމްތަތެރިކޮށް ހިތަންވާނެކަމަށް ބަޔާންކޮށްފައިވާއިރު އެއްވެސް ޙާލެއްގައި އެޙައްޤަށް އުނިކަމެއް ލިބޭފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް މިކޮމިޝަނުން ގޮވާލުން. ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަކީ ހުރިހާ ފަރާތެއްގެ ޒިންމާއަކަށް ވީހިނދު، ވަކިން ޙާއްސަކޮށް އަމަން ބަލަހައްޓަވާ ފަރާތްތަކުން، މުޖުތަމަޢުގެ އަމާންކަމަށާއި، އަމިއްލަ ފަރުދުންގެ ކަރާމާތައް ބުރޫނާރާނެގޮތަށް ޢަމަލުތައް ބަހައްޓަވަންޖެހެއެވެ. އަދި އެއްވުންތަކަށް ނިކުމެ އުޅޭފަރާތްތަކުން ސުލްޙަވެރިކަން ދެމެހެއްޓޭނެގޮތަށް، އެއްވެސް ފަރާތަކަށް އަނިޔާ އާއި ގެއްލުންވާނެފަދަ އެއްވެސް ހަތިޔާރެއް ބޭނުންނުކުރުމަށާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކުން އެއްކިބާވުމަށާއި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަންއުފެދިދާނެ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކުރުން.


 • ރައީސުލް ޖުމްހޫރިއްޔާ އޮފީހަށާއި މިނިސްޓްރީ އޮފް ޑިފެންސަށާއި މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސްއަށް އަދި  މިނިސްޓްރީ އޮފް ހޯމް އެފެއާޒަށާއި މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ކުރި އިލްތިމާސް – މި ސިޓީތަކުގައި  ކޮމިޝަނުން ވަނީ ރައްޔިތުންނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަބުރު ރައްކާތެރިކުރުމާއި، ގޯތިގެދޮރާއި މުދާ ރައްކާތެރިކުރުމުގެ ޙައްޤުފަދަ މުހިއްމު އަސާސީ ޙައްޤުތަކެއް، އެއްވެސް ތަފާތުކުރުމެއްނެތި ލިބޭނެކަމަށް ރައްޔިތުންނަށް އޮތް އިތުބާރު ކުޑަވާފަދަ ޢަމަލުތަކެއް ދައުލަތުގެ ޒިންމާދާރު މުއައްސަސާތަކުން ކުރަމުން ގެންދާކަން ފާހަގަކޮށް، އެފަދަ ޢަމަލުތަކަކީ މިނިވަން، ޑިމޮކްރެޓިކް ޤައުމެއްގައި އެއްވެސް ޙާލަތެއްގައި ހިނގައިގެންވާނެ ކަންތަކެއްނޫން ކަމަށް ބަޔާންކޮށްފައެވެ. ކްރިމިނަލް ކޯޓްގެ އިސް ޤާޒީ އަބްދުﷲ މުހަންމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔުމަކީ ޤާނޫނު އަސާސީއާއި ބައިނަލްއަޤްވާމީ އުސޫލުތަކާ ހިލާފުކަމެއްކަމުގައި ފާހަގަކޮށް، ދިވެހިރާއްޖޭގެ ހައިކޯޓާއި ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ޙުރުމަތްތެރިކޮށް ހިތުމަށް ކޮމިޝަނުން އިލްތިމާސް ކުރުން.


 • ރައީސުލް ޖުމްހޫރިއްޔާ އަދި  މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް  ފޮނުވުން – ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކާއި ކުރިމަތިލުންތަކުގައި އެތަކެއް ރައްޔިތުންގެ އަސާސީ ހައްގުތަކެއް ގެއްލި، ޤާނޫނީ ވެރިކަމުގެ ބާރުތައް ބަލިކަށިވާ ފަދަ ޢަމަލުތައް ހިނގަމުންދާތީ އެކަން ޙައްލުކުރުމަށް މަސައްކަތްކުރުމަށްޓަކައި މަޝްވަރާކުރުމަށް އެދި.


 • ކޮމިޝަނަރ އޮފް ޕޮލިސް އަށް ސިޓީ ފޮނުވުން – ރާއްޖޭގެ އަމަން އަމާންކަން ބެލެހއްޓުމާއި މައްސަލަތައް ތަޙްގީގުކުރުމުގައި ފުލުހުން ގެންގުޅޭ އުސޫލުތަކާ މެދު މައުލޫމާތު ހޯދުމާއި ކޮމިޝަނަރ އޮފް ޕޮލިސް އާއެކު މަޝްވަރާކުރުމަށް އެދި.


 • ކްރިމިނަލް ކޯޓްގެ އިސްގާޟީ އަލްއުސްތާޛު އަބްދުﷲ މުހަންމަދު ހައްޔަރުކޮށްފައިވާތީ އެކަމާ ގުޅޭ އިންސާނީ ޙައްޤުތަކުގެ މައްސަލަ ކޮމިޝަނުން ތަހުޤީޤުކުރަންފެށި.


16 ޖެނުއަރީ 2012 (ހޯމަ)

 • ޤައުމީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުހައްމަދު ގެންދިޔުން.


13 ޖެނުއަރީ 2012 (ހުކުރު)

 • ނޫސްބަޔާން: މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް އޭގެ ނޭދެވޭ އަސަރުކޮށް، ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާމެދު ރައްޔިތުންގެ ހިތްތަކުގައިވާ ޔަޤީންކަންކުޑަވެ ބިރުވެރިކަން އުފެދެމުންދާތީ ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވާކަމާއި އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި އެންމެހާ ފަރާތްތަކުން ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުތައް ބެހެއްޓެވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސްކުރުމާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް ނިގުޅައިނުގަނެވޭނެގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަމާއި އަމްއަމާންކަން ދެމިއޮންނާނޭ ގޮތަށް ހުރިހާ ފަރާތްތަކުންވެސް، ޚާއްޞަކޮށް އަމަން ބަލަހައްޓަވާ ފަރާތްތަކުން ޢަމަލު ކުރުމަކށާއި ކޮންމެ ފަރުދެއްގެވެސް އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ސަމާލުކަން ދެއްވުމަށް ގޮވާލުން.