ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން ޒިޔާރަތްކުރަނީ ކޮންކަހަލަ ތަންތަނަކަށް؟



"އޮޕްކެޓް"ގެ 4 ވަނަ މާއްދާގައި ބުނާގޮތުން ދަޢުލަތުގެ ބާރުގެދަށުގައާއި، ޤާނޫނީ އިމުގެތެރޭގައި ހިމެނޭ، މީހުންގެ މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާ ނުވަތަ ބަންދުގައި މީހުން ތިބޭ ހުރިހާތަނަކަށްމެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން ޒިޔާރަތްކުރުމުގެ ހުއްދަ ލިބެންޖެހެއެވެ. މިނިވަންކަން ނިގުޅައިގަނެވިފައިވުމޭ މި ބުނާ ބުނުމުގެ މާނައަކީ، ޤާނޫނީ، އިދާރީ، ނުވަތަ މިނޫންވެސް މިފަދަ އެހެން ޢަމުރެއް ނެރުމުން މެނުވީ، އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި ނުނިކުމެވޭނެފަދަ ގޮތަކަށް އެއްވެސް ތަނެއްގައި ބަންދުވެފައިވުން، ހައްޔަރުވުން، ޢާންމު ނުވަތަ އަމިއްލަ ފަރާތެއްގެ ބެލުމުގެދަށަށް ގެންދިޔުމެވެ. މީގެ މާނައަކީ އޮޕްޝަނަލް ޕްރޮޓޮކޯލްގެ ދަށުން ޒިޔާރަތްކުރެވޭނީ ހަމައެކަނި ޖަލުތަކަށްނޫންކަމާއި ޝަރުޢީގޮތުން ނުވަތަ ޝަރުޢީނޫން ގޮތަކުންނަމަވެސް މީހުން ބަންދުގައި ތިބެދާނެ ހުރިހާތަނަކަށް މި ޕްރޮޓޮކޯލްގެ ދަށުން ޢަމަލުކުރެވޭނެއެވެ. އެ ގޮތުން ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއަށް މިފަދަ ހުރިހާ ތަނަކަށް އެއްވެސް ހުރަހެއްނެތި ކުރިން އެންގުމަކާއި ނުލާ ޒިޔާރަތްކުރެވެންވާނެއެވެ. މީހުންގެ މިނިވަނަކަން ގެއްލޭގޮތަށް ނުވަތަ ބަންދުގައި ތިބެދާނެ ބައެއް ތަންތަން ތިރީގައި ބަޔާންކުރެވިފައި އެ ވަނީއެވެ.

  • ޖަލުތައް، އަދި ތަޙުޤީޤަށް މީހުން ބަންދުކުރެވޭ ތަންތަން

  • ކުށްކުރާ ކުޑަކުދިން ބަންދުކުރެވޭ ތަންތަން

  • ދައުލަތުގެ އެހީއަށް ބޭނުންވާ ތުއްތުކުދިންނާއި ކުޑަކުދިން ބަލަހައްޓާ ތަންތަން

  • ފުލުސް އޮފީސްތަކާއި ޝަރީޢަތަށް ބަންދުކުރެވޭ ތަންތަން

  • އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުތައް

  • ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ ތަންތަން އަދި މިފަދަ އެހެނިހެން ތަންތަން

  • އިޖްތިމާޢީ ރިހެބިލިޓޭޝަން ސެންޓަރުތައް

  • ފުލުހުންނާއި ސިފައިން މީހުން ތަމްރީނުކުރާ މަރުކަޒުތައް

  • މީހުންގެ މިނިވަންކަން ގެއްލިދާނެފަދަ ގޮތަކަށް ހައްޔަރުކޮށްފައިތިބި ކަމަށް ޝައްކުކުރެވޭ ކޮންމެ ތަނެއް