ދިވެހިރާއްޖޭގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)



އެން.ޕީ.އެމް.އަކީ ކޮބާ؟

15 ފެބުރުއަރީ 2006 ގައި ދިވެހިރާއްޖެއިން ތަސްދީގްކޮށްފައިވާ “ދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދި ކޮންވެންޝަން އަގެއިންސްޓް ޓޯޗާރ (އޮޕްކެޓް)" ގެ ދަށުން ކޮންމެ ދައުލަތަކުންވެސް އެ ދައުލަތެއްގެ ބާރު ހިނގާ ސަރަޙައްދެއްގައި އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލުތައް ހުއްޓުވުމަށް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއެއް (އެން.ޕީ.އެމް) ޤާއިމްކުރުމަށް ލާޒިމްކުރެއެވެ. މި ގޮތުން ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަން (އެޗް.އާރ.ސީ.އެމް)އާއި ސަރުކާރާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ގޮތުގައި ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަންވަނީ ހަމަޖައްސާފައެވެ. އަދި އެން.ޕީ.އެމް ހިންގާނީ އެ ކޮމިޝަނުގެ ދަށުން ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށް 2007 ވަނަ އަހަރު ޑިސެންބަރު މަހު ނިންމަވާ، ވަކި މުވައްޒަފުން އައްޔަނުކޮށް އެމަސައްކަތް 2008 އެޕްރީލް 28 ގައި ރަސްމީކޮށް ފެށިފައިވެއެވެ.

ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަސްޢޫލިއްޔަތަކީ ކޮބާ؟

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މައިގަނޑު ބޭނުމަކީ މީހުންގެ މިނިވަންކަން ގެއްލޭގޮތައް ނުވަތަ ބަންދުކޮށްފައި މީހުން ތިބޭ ތަންތަނުގައި އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި، އަދި އެ މީހުންނާ ދޭތެރޭ ޢަމަލުކުރަނީ އިންސާނިއްޔަތާއި ޚިލާފަށްނޫންކަމާއި، ތަނުގެ ޢާއްމު ޙާލަތާއި އިދާރީ އޮނިގަނޑު އެންމެ ފުރިހަމައަށް ޤާއިމްކުރެވިފައިވާކަން ކަށަވަރުކުރުމަށްޓަކައި ޤަވާއިދުން ޒިޔާރަތްކުރެވޭނެ އުޞޫލެއް ޤާއިމްކުރުމެވެ. އެން.ޕީ.އެމްއިން ކުރާ ޒިޔާރަތްތަކުގައި އެއްކުރާ މަޢުލޫމާތުތަކާއި، ޤާނޫނީ އަދި އެހެނިހެން ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެދަޢުލަތެއްގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ޤަވާއިދުތަކާއި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތައް މީހުންގެ މިނިވަންކަން ގެއްލޭގޮތައް ނުވަތަ ބަންދުގައި ތިބޭމީހުންނަށްދެވޭ ޙިމާޔަތް ހަރުދަނާކުރުމަށް ސަރުކާރަށް ލަފާދީ ހުށަހެޅުންތައް ހުށަހެޅޭނެއެވެ. އަދި މި ހުށަހެޅުންތަކުގެ މަށްޗަށް ރިޢާޔަތްކޮށް އަނިޔާއާއި އެހެނިހެން ލާއިންސާނީ ޢަމަލްތައް ހުއްޓުވައި އިތުރަށް ފުރިހަމަކުރުމަށް ސަރުކާރަށް ލާޒިމްކުރާ ކަންތަތްތަކާއި ބެހޭގޮތުން ބިނާކުރަނިވި ހުށަހެޅުންތައް ހުށަހަޅާ އެހުށަހެޅުން ތަކާއިމެދު މަޝްވަރާކޮށް، ވާހަކަދައްކައި އެކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމެވެ.