Human Rights Commission of the Maldives

ޔޫއެންއޯޑީސީން އެޗްއާރުސީއެމްއާއި ބައްދަލުކޮށްފި


15-02-2021ތާރީޙް: 



ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް ( ޔޫއެންއޯޑީސީ)އިން މިއަހަރު ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ބައްދަލުކޮށްފިއެވެ. މިިއީ ޔޫއެންއޯޑީސީން، ޓެރަރިޒަމް ހުއްޓުވުމާއި ކަނޑުދަތުރުފަތުރުގެ ޤަވާއިދުތައް ތަންފީޒް ކުރުމާއި، ރަށްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށް ދިނުމުގެ ގޮތުން ސަރުކާރުގެކަމާ ގުޅުން ހުރި އިދާރާތަކާއެކީ ބާއްވަން ނިންމާފައިވާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަށް ފާހަގަކުރެވޭ މުހިންމު ކަންކަން ހިއްސާ ކޮށްފައިވެއެވެ. އެގޮތުން ތަންފީޒީ އިދާރާތަކުން މައްސަލަތައް ތަޙުގީގުކުރުމާއި ބަލާފާސްކުރުމުގެ ކަންކަން ކުރުމުގައި އިންސާނީ ހައްޤުތަކުގެ ނަޒަރިއްޔާތުން ފާހަގަކުރެވޭ ކަންކަމާއި، އަދި އިތުރަށް ހަރުދަނާކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ. އޭގެ އިތުރުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތައް ގެންނަންޖެހޭ މުހިންމު ބައިތަކާއި، އިންސާނީ ހައްގުތައް ހަނި ނުވާނެ ގޮތަށް ގާނޫނުތަކާއި އުސޫލުތައް އެކުލަވާލާ އަމަލުކުރުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އިންސާނީ ހައްޤުތަކަށް ޕްރޮސެކިއުޓަރުންނާއި ޖުޑިޝަރީގެ ފަރާތްތައް ހޭލުންތެރިކުރުމުގެ މުހިންމުކަމާމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ނޭޝަނަލް ޕްރިންވެންޓިވް މެކޭނިޒަމްއިން ބަންދުގައި މީހުން ބައިތިއްބާ މަރުކަޒުތަކަށްދޭ ހުށެޅުންތައް ތަންފީޒު ކުރެވޭ ގޮތާމެދުވެސް މައުލޫމާތު ހިއްސާކުރެވިފައިވެއެވެ.
މީގެ އިތުރުންވެސް ކޮމިޝަންގެ މުވައްޒަފުންނަށް ތަހުގީގީދާއިރާއިން ތަމްރީނު ކުރުމުގައި އެހީތެރިވެ ދިނުމާއި ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރެވިފައެވެ.
ޔޫއެންއޯޑީސީގެ މާހިރުން ދަނީ މިހާރުވެސް ރާއްޖޭގެ އެކި ދާއިރާތަކަށް ފަންނީ އެހީތެރިކަން ދެމުންނެވެ.