Human Rights Commission of the Maldives

އެޗް.އާރް.ސީ.އެމްގެ މެންބަރުން އައްޑު ސިޓީއަށް ޒިޔާރަތްކުރެއްވުން


25-12-2020ތާރީޙް: 



ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން މި ޑިސެންބަރު މަހުގެ 19 އިން 24 އަށް އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވައިފިއެވެ. އެޗް.އާރް.ސީ.އެމްއިން އައްޑޫ ސިޓީއަށް މި ކުރެއްވި ޒިޔާރަތަކީ، އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ މި ކޮމިޝަން ގެ ސަދަން ރީޖަނަލް އޮފީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އަދި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރިޒިޔާރަތެކެވެ.

މި ޒިޔާރަތުގައި ކޮމިޝަނުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ސ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި އައްޑޫ ޕޮލިސް ސްޓޭޝަންތަކުގެ އިސްބޭފުޅުންނާ ބައްދަލުކޮށްފައެވެ. ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި ކޮންމެ މުއައްސަސާއަކާއެކު ކުރެވުނު މަޝްވަރާތަކުގައި އެ މުއައްސަސާތަކާ އެޗް.އާރް.ސީ.އެމް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން އަދި މަސައްކަތްތައް ކުރުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ސްކޫލްތަކުގެ ވެރިންނާއި މަތީތަޢުލީމު ދޭ މަރުކަޒުތަކުގެ އިސްވެރިންނާއި އަމިއްލަ ޖަމްޢިއްޔާތަކާ ބައްދަލުކޮށް މަޝްވަރާ ކުރެވުނެވެ.

އެޗް.އާރް.ސީ.އެމްއިން އައްޑޫ ސިޓީއަށް މި ކުރި ޒިޔާރަތުގައި ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް ކުރި އެރުވުމަށް ކުރެވިދާނެ ގިނަ ކަންކަން ފާހަގަވިއެވެ. އެހެންކަމުން އައްޑޫ ސިޓީ ގައި ހުރި ސަރުކާރުގެ އިދާރާތަކާއި، ސްކޫލުތަކާއި، މަތީތަޢުލީމުދޭ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން ފާހަގަ ކުރި ކަންބޮޑުވުންތައް، ކަމާ ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް ގެނެސް އެ ވުޒާރާތަކަށް ހުށަހެޅުންތަކެއް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. ވުމާއެކު މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަމަށާއި މި ދަތުރުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެކަމަށް ކޮމިޝަނުން އުންމީދު ކުރާކަމުގައި މެންބަރުން ވިދާޅުވިއެވެ. އަދި މި ދަތުރުގައި ކޮމިޝަންގެ ޓީމަށް އައްޑޫ ސިޓީގެ އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާ ތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް ކޮމިޝަންގެ ފަރާތުން ޝުކުރު އަދާކުރައްވައެވެ.