ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް


03-05-2020ތާރީޙް: 

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހްނިޔާ ދިވެހިރާއްޖޭގެ އެންމެހާ ނޫސްވެރިންނަށް އަރިސްކުރަމެވެ. ބައިނަލްއަޤުވާމީ ފެންވަރެއްގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މިނިވަން ނޫސްވެރިކަމުގެ މުހިންމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް އިޙްތިރާމްކޮށް އެޙައްޤު ކަށަވަރުކޮށް ނެގެހެއްޓުން ހަނަދާންކޮށްދީ ބާރުއެޅުމެވެ. މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ،

“Journalism without Fear or Favour”

މި ޝީޢާރުގައި ބާރުއަޅާފައިވަނީ ބިރުވެރިކަމެއްނެތި އަދި ވަކިފަރާތަކަށް ބުރަވުމެއްނެތި ނޫސްވެރިކަން ކުރުމަށެވެ. މި ޝިޢާރުގެ ދަށުން ވަކިން ސަމާލުކަން ދިނުމަށް ތިންކަމެއް ފާހަގަކޮށްފައިވެއެވެ. މިގޮތުން، ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމާއި، ސިޔާސީ އަދި ވިޔަފާރިވެރިންގެ ނުފޫޒެއްނެތި މިނިވަންކަމާއެކު ޕްރޮފެޝަންލްކޮށް ނޫސްވެރިކަންކުރުމާއި، މީޑިއާގެ ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަންއޮތުން ހިމެނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި ދިވެހިރާއްޖޭއިން ފާއިތުވި އަހަރު ހޯދާފައިވާ ކުރިއެރުން މިފުރުސަތުގައި ފާހަގަކޮށްލަމެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސްފާހަގަކުރަންޖެހިފައި މިވަނީ ކޮވިޑް 19 ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލުކުރަމުންދާ އުނދަގޫ ވަގުތުގައެވެ. ރާއްޖޭގައި ޞިއްޙީ ނުރައްކަލުގެ ކުއްލި ޙާލަތު ހިގަމުންދާ މިދަނޑުވަޅުގައި، ކޮވިޑާ ގުޅޭ ގޮތުން ޞައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް ދައުލަތުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްލަމެވެ. އަދި ޞައްޙަ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ނޫސްވެރިން ކުރަމުން ގެންދާ ބުރަ މަސައްކަތްވެސް ފާހަގަކުރަމެވެ. މިގޮތުން ރާއްޖޭގައި ކޮވިޑުގެ ޙާލަތު އޮތްގޮތާއި، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ފޯރުކޮށްދޭ މައުލޫމާތާއި، ކޮވިޑާ ދެކޮޅަށް ދައުލަތުން ކުރާ މަސައްކަތްތަކަށް ފާރަވެރިވެ ޒިންމާދާރުކުރުމަށް ނޫސްވެރިން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށްލަމެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ޙާލަތުގައި، ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ހުރިހާ ފަރާތަކުންވެސް ދޭންޖެހެއެވެ. އަދި ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، ޞައްޙަ މައުލޫމާތު ފެތުރުމަށް އިސްކަންދީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ސަމާލުކަންދޭން އިލްތިމާސްކުރަމެވެ. އަދި ނޫސްވެރިން ކުރައްވާ އިޖްތިމާޢީ ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ކޮވިޑް ފަދަ ބަލިތަކަށް މީހުން ހޭލުންތެރިކުރުމުގައި، ދިވެހިރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށް ކުރައްވާ މަސައްކަތް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރަމެވެ. ކޮވިޑު ފަދަ ބައަދި ކޮވިޑުގެ ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކާއި، އެފަރާތްތަކުގެ އާއިލާތަކުގެ ޒާތީ މިނިވަންކަމަށް އިޙްތިރާމްކޮށް ހަބަރާއި މައުލޫމާތު ފެތުރުމަށް ނަސޭޙައްތެރިވަމެވެ. އަދި ނޫސްވެރިކަން ކުރެއްވުމުގައި، ހުރިހާ ފަރާތްތަކަށްވެސް އިޙްތިރާމްކޮށް، އިންސާނީ ޤަދަރާއި އިޙްތިރާމާއި، މުޖުތަމަޢުގެ އާއްމު އަޚްލާޤީ މިންގަޑު އަބަދުމެ ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކުރަމެވެ. ނޫސްވެރިން ކުރައްވަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ނޫސްވެރިން ބިނާކުރުމަށް، އެދާއިރާގެ ތަޢްލީމާއި ތަމްރީން ލިބޭނެ މަގު ތަނަވަސްކޮށްދީ، އެފަދަ ފުރުސަތުތައް އިތުރުކުރުމަށް އިލްތިމާސްކުރަމެވެ.