ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-08/2020


21-04-2020ތާރީޙް: 

ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙާލަތު އިތުރަށް ގޯސްވެފައިވާކަން މިކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ވަރަށް ގިނަ އަސާސީ ޙައްޤުތަކަކުން ބައެއް ބިދޭސީ މަސައްކަތްތެރިން މަޙްރޫމުވެފައިވާކަން ފާހަގަކުރެވެއެވެ. އެފަރާތްތަކުގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަކީ މަސައްކަތްކުރުވުމަށް ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެންނަ ފަރާތްތަކުގެ ޒިންމާއެކެވެ. އެގޮތުން، އެފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކެއުންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމާއި ބަލިވެއްޖެނަމަ ބޭސްކޮށް ދިނުންފަދަ އަސާސީ ޟަރޫރަތްތައް ހިމެނެއެވެ. ވީމާ، މި ދެންނެވި ޒިންމާތައް އަދާނުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާ އެފަދަ ފަރާތްތައް ޒިންމާދާރުކުރުވުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލަމެވެ. އަދި ހަމައެހެންމެ، ތަފާތު ސަބަބުތަކާހުރެ، ޞައްޙަ ލިޔެކިޔުން ނެތި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށްވެސް މިދަނޑުވަޅުގައި ފޯރުކޮށްދޭން ޖެހޭ އިންސާނީ އަދި އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އިލްތިމާސްކުރަމެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ، އިސްލާމީ ރިވެތި އުޞޫލުތަކާއި ދިވެހި އާދަކާދައިގެ ތެރެއިން، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އަޅާލާ، އޯގާތެރި ބަޔަކަށް ވީހިނދު، ކޮވިޑު-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަތިއުނދަގޫ ވަގުތުގައިވެސް، މިދެންނެވި ސިފަތައް ހިފެހެއްޓެވުމަށް ނަޞޭޙަތްތެރިވަމެވެ. އަދި ކޮވިޑް-19އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމަޔަށް ގެނެސް ދިނުމުގައި އިންސާނީ ޤަދަރާއި އިޙްތިރާމް ހިފެހެއްޓެވުމަށް ނޫސްވެރިންނަށް އިލްތިމާސްކުރަމެވެ. ކޮވިޑް-19 އަކީ ވަކި ޤައުމަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވުމުން ޖެހޭ ބައްޔަކަށް ނުވާ ހިނދު، އެފަދަ ނުރަނގަޅު ވިސްނުންތަކުން ހުރިހާ ފަރާތްތަކުންވެސް ދުރުހެލިވުމަށް ނަޞޭޙަތްތެރިވަމެވެ.