Human Rights Commission of the Maldives

ކޮވިޑް-19އާ ގުޅިގެން، ފަރުކޮޅުފުށި އަދި ހުޅުލެ އައިލެންޑް ހޮޓެލުގައި ޤާއިމުކޮށްފައިވާ ކަރަންޓީން/ އައިސޮލޭޝަން މަރުކަޒުތަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ޒިޔާރަތްކޮށްފި


12-04-2020ތާރީޙް: 



ކޮވިޑް-19 އާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެތެރެއިން، 2020 އޭޕްރީލް 12 ވަނަ ދުވަހު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެހީތެރިކަމާ އެއްބާރުލުމާއެކު ފަރުކޮޅުފުށި އަދި ހުޅުލެ އައިލެންޑް ހޮޓަލުގައި ޤާއިމުކޮށްފައިވާ ކަރަންޓީން / އައިސޮލޭޝަން މަރުކަޒުތަކުގައި އަލުން މީހުން ބޭތިއްބުމުގެކުރިން އެ ތަންތަނުގެ ޙާލަތުބެލުމަށް މި ކޮމިޝަނުންވަނީ ޒިޔާރަތްކޮށްފައެވެ.

މި މަރުކަޒުތަކުގެ އިންތިޒާމްތައް ހަމަޖައްސާފައިވާގޮތް ބެލިބެލުމުން، ކޮވިޑް-19އާ ގުޅިގެން އިތުރަށް ކުރިމަތިވެދާނެ ޙާލަތަކަށް މި މަރުކަޒުތައް ތައްޔާރުވެފައިވާކަން ފާހަގަކުރެވުނެވެ. އެގޮތުން، މި މަރުކަޒުތަކުގައި ބައިތިއްބާ ފަރާތްތަކަށް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ އާލާތްތަކާ، މިފަދަ މަރުކަޒެއްގައި ފޯރުކޮށްދޭންޖެހޭ ޒަރޫރީ ކަންކަން ހަމަޖެއްސުމުގެ އިންތިޒާމްތަކާ އަދި މިފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސާފައިވާކަން ފާހަގަކުރެވުނެވެ. މީގެއިތުރުން، މި މަރުކަޒުތަކުގައި ޚިދުމަތްދިނުމުގެ މަސައްކަތުގައި ޝާމިލްވާ މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމާއެކު އެފަރާތްތަކުގެ ރައްކާތެރިކަމާ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެދެވޭ އިންތިޒާމުތައް ހަމަޖައްސާފައިވާކަން ކޮމިޝަނަށް ފާހަގަކުރެވުނެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު މީހުން ބައިތިއްބާފައިތިބި ތަންތަނަށް ކޮމިޝަނުން ޒިޔާރަތްކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމުގައިވިޔަސް ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް އެ ތަންތަން މި ކޮމިޝަނުން މޮނިޓަރކުރަމުންދާނެއެވެ.