ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓު ޤާއިމްކޮށް، މައްސަލަ ބަލަން ފަށައިފި


03-03-2020ތާރީޙް: 

ޤާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ބ) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2020/R-5 (ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ހިންގާނެގޮތުގެ ގަވާއިދު) ވަނީ 19 ޖެނުއަރީ 2020 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވިފައެވެ. އަދި މި ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2020/R-18 (ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ސިއްރުކޮށް މަޢުލޫމާތު ހުށަހެޅުމާއި، ބަލައިގަތުމާއި، މަޢުލޫމާތުތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު) ދިވެހި ސަރުކާރުގެ ގެޒެޓްގައި 2020 މާރިޗު 2 ވަނަ ދުވަހު ޝާއިއުކޮށްފިއެވެ.
ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ޤާއިމުކުރަންޖެހޭ އެތެރޭގެ އިންތިޒާމުތައް ޤާއިމުކުރުމަށް އެހީތެރިވެދިނުމުގެގޮތުން މި ޔުނިޓުން އެކުލަވާލާފައިވާ "ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މަޢުލޫމާތުތައް ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިން" މި ޤާނޫނުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކަށްވަނީ ޙިއްޞާކޮށްފައެވެ. އަދި ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯކުރުމުގެ އެތެރޭގެ އިންތިޒާމުތައް ޤާއިމުކުރުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތާއި އެހީތެރިކަން ބޭނުންވާ އިދާރާތަކަށް މި ޔުނިޓުން އެހީތެރިކަން ފޯރުކޮށްދޭނެވެ.
ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނުގައި ޤާއިމުކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް މައްސަލަ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް، ސިޓީއިން ނުވަތަ މައްސަލަ ހުށަހަޅާ ފޯމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުނިޓަށް ހާޒިރުވެ، ޝަކުވާ ހުށަހެޅުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ހިންގާނެގޮތުގެ ގަވާއިދު ޝާއިއުކުރެވިފައިވަނީ:
http://www.gazette.gov.mv/gazette/download/5660

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ސިއްރުކޮށް މަޢުލޫމާތު ހުށަހެޅުމާއި، ބަލައިގަތުމާއި، މަޢުލޫމާތުތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު ޝާއިއުކުރެވިފައިވަނީ:
http://www.gazette.gov.mv/gazette/download/5481

ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މަޢުލޫމާތުތައް ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިން ޝާއިއުކުރެވިފައިވަނީ:
http://hrcm.org.mv/dhivehi/whistleblowerprotection/WBPUGuidelineforInternalMechanisms27.02.2020.PDF