Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި


16-02-2020ތާރީޙް: ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ރ. އުނގޫފާރުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް 2020 ފެބުރުވަރީ 24 އިން 26 ވަނަ ދުވަހަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ.
މި ޒިޔާރަތުގެ މަޤްސަދަކީ ރ. އުނގޫފާރުގައި ހުންނަ ޕޮލިސް ސްޓޭޝަނުގައި ތަޙުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ ފަރާތްތަކާއިދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ޙައްޤެއް ގެއްލޭފަދަކަމެއް މި ސްޓޭޝަނުގެ ބަންދުގައި ތިބޭ ފަރާތްތަކާމެދު ހިނގާތޯބަލައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާންމު ޙާލަތު ދެނެގަތުމާއި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމެވެ.
މި ޒިޔާރަތުގައި ޤާނޫނު ނަންބަރު 2003/13 (އެންޓި ޓޯޗަރ ޤާނޫނު 2013)އާއި، އެން.ޕީ.އެމްއާއި، އެން.ޕީ.އެމްގެ މަސްއޫލިއްޔަތާ އަދި 'ދަ މަންޑޭލާ ރޫލްސް' (ދަ ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަރޑް މިނިމަން ރޫލްސް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިސަނަރސް) އަށް ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސެޝަނެއް ނަގައިދީފައިވެއެވެ.
މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ މަތިން، މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ޙިއްޞާކޮށް، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރެވޭނެއެވެ. ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މަށްޗަށް ރިޢާޔަތްކޮށް އިސްލާޙުކުރަން ހުރި ކަންކަމުގެ މަށްޗަށް ހުށަހެޅުން މި ރިޕޯރޓުގައި ހުށަހެޅޭ ނެއެވެ.
މީގެއިތުރުން، ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާޙުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކޮށް، މި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ގަވާއިދުން ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.