ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް


03-12-2019ތާރީޙް: 

ޑިސެންބަރު 3 ވަނަ ދުވަހަކީ ކޮންމެ އަހަރެއްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެހެންމީހުންނެކޭ އެއްފަދައިން އެފަދަފަރާތްތަކަށް މުޖުތަމަޢުގައި ހަރަކާތްތެރިވެ އުޅުމަށް މަގުފަހިކުރުމަށް ބާރުއެޅުމާއި، އެ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއަރުވާ ދައުލަތާއި މުޖުތަމަޢުގެ ފަރާތުން އެ ޙައްޤުތައް ފުރިހަމަގޮތުގައި ފޯރުކޮށްދިނުމާއި، އަޅާލުމާއި އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ބާރުއެޅުމެވެ. އެގޮތުން، މި އަހަރުގެ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އ.ދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ؛
‘Promoting the participation of persons with disabilities and their leadership: taking action on the 2030 Development Agenda’
މި ޝިއާރުގެ އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމާއި، އިސްނަގައިގެން ހަރަކާތްތެރިވުމަށް ހިތްވަރުދީ، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކޮށް އެފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ޙައްޤުތައް ފޯރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޑިސްއެބިލިޓީ ކައުންސިލާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޤައުމީ ސިޔާސަތު ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ، 'ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ދަފުތަރު އެކުލަވާލުމާއި، ބެލެހެއްޓުމުގެ ޤަވާއިދާއި' އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އެކްސެސިބިލިޓީގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ރޭމްޕްތައް ހެދުމާއި، އަލަށް އެކުލަވާލެވުނު ބިލްޑިން ކޯޑުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށްލަމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަށް އަޅާލާނެ މީހަކު ނެތި ބަލިޙާލުގައި އެކަނި ދިރިއުޅެމުންދާކަމާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފުރުޞަތު ލިބުމުގައި ދިމާވާ ގޮންޖެހުންތަކާއި، ޢާއިލާގެ ފަރާތުން އިހުމާލުވުން ހިމެނެއެވެ. މީގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު ޢަމަލުކުރާނެގޮތުގެ ވަކި ޚާއްޞަ އުޞޫލުތަކެއް ކަނޑައެޅިފައިނުވުމާއި، މިފަދަ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚާއްޞަ ޚިދުމަތްތަކާއި އިންތިޒާމްތައް ހަމަޖެހިފައިނެތުން ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ޙައްޤުތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި، ހެދިފައިވާ ޤާނޫނާއި، ޤަވާއިދުތަކާއި، އުޞޫލުތަކާއި، އަލަށް އެކުލަވާލެވުނު ބިލްޑިން ކޯޑު ފުރިހަމައަށް ތަންފީޒުކުރުމަށް ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކަށް އިލްތިމާސްކުރަމެވެ. މުއައްސަސާތަކުން ދޭ ޚިދުމަތްތައް ހޯދުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި، އެ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރަމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތިކޮށް، ހުންނަ ނުކުޅެދުންތެރިކަމަށް ބިނާކޮށް ޢިނާޔަތްތައް ދިނުމުގެ މުހިންމުކަންވެސް ފާހަގަކުރަމެވެ. މީގެއިތުރުން، ކައުންސިލްތަކުން ރަށުގެ ތަރައްޤީގެ ޕްލޭނާއި، ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މުހިންމުކަންވެސް ފާހަގަކުރަމެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ދައުލަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޚާއްޞަ އެހީ ބޭނުންވާ ފަރާތްތައް ބަލަހައްޓާ މަރުކަޒުގެ ހިންގުން ހަރުދަނާކޮށް، އެ މަރުކަޒުގެ ވަޞީލަތްތައް ފުރިހަމަކޮށް، މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް އިލްތިމާސްކުރަމެވެ. މި ފުރުޞަތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބެލެހެއްޓުމުގައި ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން ދައުލަތުންނާއި މުޖުތަމަޢުއިން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ. ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލޯތްބާއި އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެފަރާތްތަކުގެ އާއިލާތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާ އަދާކުރުމަށް ހަނދާންކޮށްދެމެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިކުރުވައި، ބާރުވެރިކޮށް، ކަންކަމުގައި އިސްނެގުމަށް ހުރިހާ ފަރާތަކުންވެސް އެ ފަރާތްތަކަށް ހިތްވަރުދޭންޖެހެއެވެ. ހަމަމިއާއެކު، ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް މީޑިއާއިން ކުރަމުންދާ މަސައްކަތް އިތުރުކޮށް، އެ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް މައްސަލަތައް ރިޕޯޓުކުރުމަށް އިލްތިމާސްކުރަމެވެ.