ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން ކުޑަކުދިންގެ ހިޔާއަށް ފޮލޯ-އަޕް ޒިޔާރަތެއްކޮށްފި


28-11-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް 2019 ނޮވެންބަރު 28 ވަނަ ދުވަހު ފޮލޯ-އަޕް ޒިޔާރަތެއްކޮށްފިއެވެ.

މި ޒިޔާރަތުގެ މަޤްސަދަކީ ކުޑަކުދިންގެ ހިޔާގެ މިހާރުގެ ޙާލަތު ދެނެގަތުމާއި، ހިޔާގައި ބަލަހައްޓަމުންގެންދާ ކުދިންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހަދާފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާ އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާޙާދާތަކާ ޤަރާރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާ ހައްޤުތައް މި މަރުކަޒުގައި ބަލަހައްޓަމުންދާ ކުދިންނަށް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި، ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، 2008- 2017 އާއި ހަމައަށް ކުޑަކުދިންގެ ހިޔާއަށް ކޮމިޝަނުން ކޮށްފައިވާ ޒިޔާރަތްތަކުގައި އިޞްލާޙުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ މަތިން، މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާސް ކުޑަކުދިންގެ ހިޔާއާ ޙިއްޞާކޮށް، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ.

މީގެއިތުރުން، ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާޙުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ބައްދަލުކޮށް، މި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ޤަވައިދުން ލިޔުމުން ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.