ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އަންހެނުންނަށްކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސް 2019


25-11-2019ތާރީޙް: 

ނޮވެމްބަރ 25 ވަނަ ދުވަހަކީ ކޮންމެ އަހަރެއްގައިވެސް އަންހެނުންނަށްކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނާ މެދުކުރާ ތަފާތުކުރުންތައް ނައްތާލުމާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، އަންހެނުންނަށްކުރާ އަނިޔާއާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ. އަންހެނުންނަށްކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ދުވަހުގެ ޝިއާރުގެ ގޮތުގައި މިއަހަރު އ.ދ އިން ކަނޑައަޅައިފައިވަނީ؛

“Orange the World: Generation equality stands against rape!”

މި ޝިޢާރުގެ މައިގަނޑު އަމާޒަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ލިބެމުންދާ ޖިންސީ އަނިޔާއާއި، ނަހަމަގޮތުގައި އަންހެނުންގެ ބޭނުންކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ.

ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު އަންހެނުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރުމާއި، މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ރައްކާތެރިކުރުމުގެ އަމުރަށް ނުވަތަ ހަޟާނާތަށް އެދި ހުށަހެޅުމުން މައްސަލަ ނުނިމި ދިގުލައިގެންދާކަންވެސް ފާހަގަކުރެވިފައިވެއެވެ. މިހެންވުމުގެ ސަބަބުން ރައްކާތެރިކަން ބޭނުންވާ މީހާއާއި އޭނާގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ލިބެމުންދާ އަނިޔާތައް ދިގުލައިގެން ދާކަން ފާހަގަކުރެވެއެވެ.

އެހެންކަމުން، އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި، ޖެންޑާ އީކުއަލިޓީގެ ޤާނޫނު މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކޮށް، އަނިޔާ ލިބޭ އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ އަންހެނުންނަށް ބޭނުންވާ ސިއްޚީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހެއެވެ. މީގެއިތުރުން، އަނިޔާ ލިބޭ އަންހެނުންނާމެދު މުޖުތަމަޢުގައި ހުރި ނުރަނގަޅު ވިސްނުންތައް ބަދަލުކޮށް، އަންހެނުންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް ދައުލަތާއި، މަދަނީ ޖަމުޢިއްޔާތަކާ އަދި މީޑިޔާއިން ކުރަމުންގެންދާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް، މިފަދަ މައްސަލަތައް ފަސްޖެހުމެއްނެތި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކަށް ރިޕޯޓްކުރަންޖެހެއެވެ. ހަމައެހެންމެ، މަސައްކަތުގެ މާހައުލާއި މުޖުތަމައުގެ ތެރޭގައި އަންހެނުންނަށްކުރާ ޖިންސީ ފުރައްސާރައާއި ގޯނާކުރުމުގެ ޢަމަލުތައް ހުއްޓުވައި، އެފަދަ މައްސަލަތަކުގެ ތަހުޤީޤު އަވަސްކޮށް، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅު އަޅަންޖެހެއެވެ. މިއާއިއެކު، މިފަދަ މައްސަލަތައް މީޑިއާގައި ރިޕޯޓުކުރާއިރު، އަނިޔާ ލިބޭފަރާތްތަކުގެ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް ރިޕޯޓުކުރުމަށް ހަނދާންކޮށްދެމެވެ.