ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤްވާމީ ދޮށީއުމުރުގެ މީހުންގެ ދުވަސް 2019


01-10-2019ތާރީޙް: 

ބައިނަލްއަޤްވާމީ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދު ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ދޮށީއުމުރުގެ މީހުންނަށް ފޮނުވަމެވެ. މި ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ ދޮށީއުމުރުގެ މީހުން ޤައުމު ބިނާކުރުމަށް ކޮށްފައިވާ އިޙްލާސްތެރި މަސައްކަތުގެ އަގުވަޒަންކުރުމާއި، ރައްކާތެރި، އަޅާލާ އޯގާތެރި ވެއްޓެއް ބިނާކުރުމާއި، އެފަރާތްތަކަކީ މުޖުތަމަޢު ބިނާކުރުމުގައި ބައިވެރިވާ ބަޔަކަށް ހެދުމަށް ބާރުއެޅުމެވެ. މިއަހަރުގެ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ޝިޢާރަކީ:

"The Journey to Age Equality"
މި ޝިޢާރު ކަނޑައަޅާފައި މިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ 10 ވަނަ ލަނޑުދަނޑީގެ ދަށުންނެވެ. މިޝިއާރުގެ މައިގަނޑު އަމާޒަކީ މުޖުތަމަޢުގައި ދޮށީއުމުރުގެ މީހުންނާ ގުޅޭގޮތުން ހުރި ނަހަމަކަމާއި، އުމުރުން ދުވަސްވާ ވަރަކަށް ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތައް އެންމެންގެ ސަމާލުކަމަށް ގެނައުމެވެ. މީގެތެރޭގައި، ދޮށީ އުމުރުގެ މީހުންނަށް ވަޒީފާ އަދާކުރުމުގައާއި، ތަޢުލީމާއި ތަމްރީން އަދި ބޯހިޔާވެހިކަން ލިބުމުގައި ހަމަހަމަ ފުރުޞަތު ފަހިވެފައި އޮތުން ފަދަ ކަންކަން ހިމެނެއެވެ.

ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ދޮށީ އުމުރުގެ މީހުންގެ އާބާދީ ދަނީ ހަލުއި މިނެއްގައި އިތުރުވަމުންނެވެ. ޤައުމުގެ އާބާދީއަށް އަންނަ މި ބަދަލާއި ގުޅިގެން ދޮށީއުމުރުގެ މީހުންނާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި ޤައުމީ ސިޔާސަތެއް އެކުލަވާލެވި، އެފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަމުގެ އިނާޔަތްތަކާއި، ޞިއްޙީ އަދި އިޖްތިމާޢީ ބައެއް ޚިދުމަތްތައް ލިބުމުގައި ލުއިފަސޭހަ ގޮތްތަކެއް ދައުލަތުން އިންތިޒާމުކޮށްފައިވާކަން މިފުރުސަތުގައި ފާހަގަކުރަމެވެ. އެހެންނަމަވެސް، ދޮށީ އުމުރުގެ މީހުންގެ އިޖްތިމާޢީ ރައްކާތެރިކަމާއި ގުޅުންހުރި ޕެންޝަން ސްކީމް ފަދަ ބައެއް ކަންކަން އިތުރަށް ރަނގަޅު ކުރަންޖެހޭކަން ވެސް ފާހަގަކުރަމެވެ. އަދި އެފަރާތްތަކަށް ވަޒީފާއާ ގުޅޭ ގޮތުންނާއި، ބޯހިޔާވަހިކަން ހޯދުމުގައާއި ތަޢުލީމު އުނގެނުމުގައި ކުރެވޭ ތަފާތުކުރުންތަކާއި ދިމާވާ ގޮންޖެހުންތައް ފާހަގަކުރަމެވެ.

ދޮށީ އުމުރުގެ މީހުންގެ ޙައްޤުތަކަށް އުނިކަން ލިބިގެން މިކޮމިޝަނަށް ތަފާތު މައްސަލަތައް ހުށަހެޅެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޮށީއުމުރުގެ މީހުންނަށް އެމީހުންގެ ދަރިންނާއި އާއިލާއިން އަޅާނުލާ މައްސަލަތަކާއި ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދޭ މާލީ އިނާޔަތުގެ ބޭނުން އެފަރާތްތަކާއި ހަވާލުވެ ތިބޭ ބައެއް މީހުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތަކެވެ.

އެހެންކަމުން، މިފަދަ މައްސަލަތައް ހިންގިޔަ ނުދިނުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ދޮށީއުމުރުގެ މީހުންނަށް ޢާއިލާއާއި މުޖުތަމަޢުއިން ދޭންޖެހޭ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާއި އިޙްތިރާމް އެ ފަރާތްތަކަށް ދިނުމަށް އިލްތިމާސްކުރަމެވެ. އަދި، އެ ފަރާތްތައް މުޖުތަމަޢުއިން ބާކީ ނުކޮށް، ވަޒީފާ އަދާކުރުމާއި، ތަޢުލީމާއި ތަމްރީން ލިބުމުގައާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ކުރިމަތިލުމުގައާއި ލޯނު ލިބުމުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ ފުރުޞަތު ލިބޭނެ އިންތިޒާމްތަކެއް ޤާއިމުވެފައި އޮންނަން ޖެހެއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ދޮށީއުމުރުގެ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ފަރާތްތައް ބަލަހައްޓާ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، އެފަދަ ކަންކަމުގައި ޝާމިލުވެ އުޅޭ މުވައްޒަފުންނަށް އިތުރު ތަމްރީނުދިނުމުގެ މުހިންމުކަން މިފުރުސަތުގައި ފާހަގަކުރަމެވެ. މީގެ އިތުރުން، ދޮށީއުމުރުގެ މީހުންގެ ޙައްޤުތަކާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް ދަޢުލަތާއި، މަދަނީ ޖަމްޢިއްޔާތަކާއި މީޑިއާއިން ކުރައްވަމުން ގެންދަވާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް އިލްތިމާސްކުރަމެވެ.