ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މާލޭ ޖަލު އެނެކްސް ބަންދުކުރުމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރޭ ނޫސްބަޔާން


24-09-2019ތާރީޙް: 

މާލޭޖަލު އެނެކްސް (ރިމާންޑް ޖަލު)ގެ ޙާލަތު ބެލިބެލުމުން، މިތަން ބަންދުކުރުމަށް މި ކޮމިޝަނުން 2019 އެޕްރީލް 11 ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެންގުމުން 2019 އެޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލޭ ޖަލު އެނެކްސް (ރިމާންޑް ޖަލު) ބަންދުކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މި ކޮމިޝަނާ މަޢުލޫމާތު ޙިއްޞާކުރިނަމަވެސް، 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު މި ކޮމިޝަނުން މާލޭޖަލު އެނެކްސް (ރިމާންޑް ޖަލު)އަށް ޒިޔާރަތްކުރުމުން، މި ތަނުގައި 25 ޤައިދީއަކާއި ބަންދުމީހެއް ބަންދުކޮށްފައި ތިބިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިތަން ބަންދުކުރުމަށް މި ކޮމިޝަނުން 2019 އެޕްރީލް 11 ވަނަ ދުވަހުގައި މާލޭ ޖަލު އެނެކްސް (ރިމަންޑް ޖަލު)އަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު ޙާލަތަށްވުރެ، ތަނުގެ ޙާލަތު ދަށްކަން ވަނީ ފާހަގަކުރެވިފައެވެ. މި ތަނުގެ ތެރޭގައި ބާވެފައިވާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސްބޯވެފައި ހުރުމާއި، ގޮޅިތައް ސާފުތާހިރު ނޫންކަން ކޮމިޝަނުގެ ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، މި މައްސަލައިގައި މިހާތަނަށް ކަންހިނގާފައިވާގޮތަށް ބަލައި، މި ކޮމިޝަނުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގެ 20 ވަނަ މާއްދާގެ (ހ)އަށް ރިޢާޔަތްކޮށް، 24 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެމަތީން މަސައްކަތްކޮށް ޙައްލެއް ލިބިފައިނުވާތީ، 26 ވަނަ މާއްދާގެ (ހ)ގައި ކޮމިޝަނުން އުފުލަންޖެހޭ މަސްޢޫލިއްޔަތުތަކާ ގުޅިގެން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް ޢަމަލު ކުރުމަކީ ދިވެހި ރައްޔިތުންގެ މައްޗަށާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދުގައިވާ މީހުންގެ މައްޗަށް މި ޤާނޫނު ލާޒިމުކުރާކަމެއްކަމަށް ބަޔާންކޮށްފައިވާތީ، މިއަދުން (2019 ސެޕްޓެންބަރު 24) ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މާލޭ ޖަލު އެނެކްސް (ރިމާންޑް ޖަލު)ގައި ތިބި ޤައިދީންނާއި ބަންދުމީހުން ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށާއި، މާލޭ ޖަލު އެނެކްސް (ރިމާންޑް ޖަލު)ގައި އެއްވެސް ޤައިދީއެއް އަދި ބަންދުމީހެއް ބަންދު ނުކުރުމަށް މި ކޮމިޝަނުން ވާނީ އަންގާފައެވެ.