ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން 'އޭޝީއަން ޕެސިފިކް ފޯރަމް އޮފް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންސް'ގެ 24 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެއްޖެ


05-09-2019ތާރީޙް: 

2019 ސެޕްޓެމްބަރު 3 އިން 4 އަށް ބޭއްވުނު ހިއުމަން ރައިޓްސް ކޮމިޝަނުން އޭޝީއާ ޕެސިފިކް ފޯރަމް (އޭ.ޕީ.އެފް)ގެ އަހަރީ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ނާއިބް ރައީސް އަލްފާޟިލް މުޙައްމަދު ޒާހިދު ބައިވެރިވެވަޑައިގެންފިއެވެ. މިއަހަރުގެ ބައްދަލުވުން އިންތިޒާމްކޮށްފައިވަނީ ކޮރެއާގެ އިންސާނީ ހައްޤުތަކާބެހޭ މައި އިދާރާ 'ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ކޮރެއާ'އިންނެވެ.

މިއަހަރުގެ ފޯރަމުގައި ކޮމިޝަނުން ކުރިޔަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަނުގެ ނާއިބް ރައީސް އަލްފާޟިލް މުޙައްމަދު ޒާހިދު ކަރުދާހެއް ހުށައަޅުއްވާފައިވެއެވެ. އަދި މީގެ އިތުރުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ރިޕޯޓަރ އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ މ.ޝައިނިންގ ސްޓަރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް މި ފޯރަމްގައި ގެނެވިފައިވެއެވެ.

އޭ.ޕީ.އެފް އަކީ ދުނިޔޭގެ އޭޝިއާ ޕެސިފިކް ސަރައްދުގެ ޤައުމުތަކުގެ އިންސާނީ ހައްޤުތަކާބެހޭ މައި އިދާރާތަކުގެ މައްޗައް އެކުލެވިގެންގާ ފޯރަމެކެވެ. މިފޯރަމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި އިންސާނީ ހައްޤުތަކާބެހޭ އިދާރާތައް ވަރުގަދަކޮށް ހިންގުން ހަރުދަނާކުރުން، އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމުގައި ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުން، އަދި މީންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުން ހިމެނެއެވެ.

އޭ.ޕީ.އެފްގެ އަހަރީ ޖަލްސާގެ އިތުރުން 2019 ސެޕްޓެމްބަރު 5ގައި ބޭއްވުނު ބައި-އެނުއަލް ކޮންފެރެންސްގައިވެސް ކޮމިޝަނުގެ ނާއިބް ރައީސް ބައިވެރިވަޑައިގެންފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް މިފޯރަމްގެ މެންބަރަކަށްވެފައިވަނީ 2007ގައެވެ.