ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި


29-08-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް 2019 އޮގަސްޓު 28 އަދި 29 ވަނަ ދުވަހު މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރއަށް ފަރުވާއަށް އަންނަ ފަރާތްތަކާ ދޭތެރޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދައުލަތުގެ ބެލުމުގެދަށުން ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ޙައްޤެއް ގެއްލޭފަދަކަމެއް މި ސެންޓަރުން ފަރުވާނަގަމުންދާ ފަރާތްތަކާމެދު ހިނގާތޯބަލައި، މި ފަރާތްތަކުގެ ޢާންމު ޙާލަތު ދެނެގަތުމާއި، މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާންމު ޙާލަތު ދެނެގަތުމެވެ.

މި ޒިޔާރަތުގައި ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ސެޝަންއެއް ނަގައިދީފައިވެއެވެ. މި ސެޝަނުގައި ޤާނޫނު ނަންބަރު 2003/13 (އެންޓި ޓޯޗަރ ޤާނޫނު 2013)އާއި، އެން.ޕީ.އެމްއާއި، އެން.ޕީ.އެމްގެ މަސްއޫލިއްޔަތާ އަދި 'ދަ މަންޑޭލާ ރޫލްސް' (ދަ ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަރޑް މިނިމަން ރޫލްސް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިސަނަރސް)ގެ މަޢުލޫމާތު ދީފައިވެއެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން ޢާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާސް ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރާއި ނޭޝަނަލް ޑްރަގް އޭޖެންސީއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ޙިއްޞާކޮށް، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރާއި، ނޭޝަނަލް ޑްރަގް އޭޖެންސީއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާޙުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރާއި ، ނޭޝަނަލް ޑްރަގް އޭޖެންސީއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއެކު ބައްދަލުކޮށް، އަދި މި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.